އެޕަލް ވޮޗްގެ އެންމެ އުއްމީދުކުރެވޭ އަޕްޑޭޓް - އޯއެސް 7.4

ޝުޖާޢަތު ރަޝީދު 13 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލްގެ ސްމާރޓް ގަޑީގެ އެންމެ ފަހުގެ ބޮޑު ސޮފްޓްވެއާ އަޕްޑޭޓް 7.4 އަކަށް އެންމެންވެސް ވަރަށް އުއްމީދު އެބަކުރެއެވެ. މި އަޕްޑޭޓްގެ އެންމެ މުހިންމު 2 ކަމެއްވަނީ އާންމުންގެ މެދުގައި މަޤްބޫލްވެފައެވެ.

އެޕަލް ވޮޗްގެ އެހީގައި ފޭސްއައިޑީ ބޭނުންކުރުން

ކޮވިޑް-19އާއި ގުޅިގެން ދިރިއުޅުމައް އައި ބޮޑު ބަދަލެއްކަމުގައިވާ މާސްކު އަޅައިގެން އުޅުން އާންމު ދިރިއުޅުމުގެ މުހިންމު ކަމަކަށް މިވަނީ ވެފައެވެ. އެޕަލްއިން މިއަޕްޑޭޓްގައި ގަޑި ބޭނުންކޮށްގެން ފޯނު ހުޅުވާލުމަށް، މާސްކު އަޅައިގެން ހުރެވެސް ފޭސް އައިޑީ ބޭނުންކޮށްގެން ހުޅުވޭ ގޮތް ތަޢާރަފް ވާނެކަމަށް ވަނީ ބުނެފައެވެ.

ފޭސް އައިޑީގެ އެހީގައި އެޕަލް ވޮޗް ހުޅުވުމަށް އައިފޯނުގެ ސޮފްޓްވެއާވެސް ވާން ޖެހެނީ އެންމެ ފަހުގެ ސޮފްޓްވެއާ ކަމުގައެވެ. އެއީ އައި.އޯ.އެސް 14.5 އެކެވެ.

ފިޓްނަސް ޕްލަސް އެއާޕްލޭ 2ގެ ޑިވައިސްތަކަށް ކާސްޓުކުރުން

މީގެ އިތުރަށް މި އަޕްޑޭޓްގައި އެޕަލްއިން އެއާޕްލޭ 2 ގެ އެހީގައި އެޕަލްގެ އައު ފިޓްނަސް ޕްލަސް (ކަސްރަތު ކުރުމަށް ބޭނުންކޮށްލެވޭ މޯބައިލް އެޕް) ބޭނުންކުރުމުގެ ފަސޭހަތައްވެސް ހިމަނަން ވަނީ ނިންމާފައެވެ.

އެޕަލް ގަޑީގެ ކަސްރަތުތައް މިއަޕްޑޭޓާއި އެކީގައި އެއާޕްލޭ 2 ހިމެނޭ ކޮންމެ ޑިވައިސްއަކަށްވެސް އަޅުވާލެވޭނެއެވެ. ކަސްރަތެއް ނަގާލަން އެކަމަކު ޖެހޭނީ އެޕަލް ގަޑި ނުވަތަ ފޯނުގައި އިންނަ އެޕަލް ފިޓްނަސް ޕްލަސް މޯބައިލް އެޕްގެ އެހީގައިއެވެ.

މި ހިމަނާލި މުހިންމު އަޕްޑޭޓްގެ އިތުރަށް އައި.އޯ.އެސް 14.5ގައި ހިމެނޭ ބައެއް އެހެނިހެން ކަންތައްތައްވެސް ގަޑީގެ ފަހުގެ އަޕްޑޭޓްގައި ހިމެނިގެން ދާނެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.