ވީއާރްއަށް ހާއްސަ ދިހަވަރަކަށްހާސް މުވައްޒަފުން ފޭސްބުކްގައި

އިސްމާއިލް އަލީ 14 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކްއިން ވާޗުއަލް އަދި އާގުމެންޓެޑް ރިއަލިޓީ މާކެޓްގައި ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުންފުނީގައި މި މަސައްކަތަށް ހާއްސަކޮށް 10،000 ކަށް މުވައްޒަފުން ހަރަކާތްތެރިވާކަމަށް ދި އިންފޯމޭޝަން އިން ރިޕޯޓްކޮށްފިއެވެ.

މިރިޕޯޓް ގައި ބުނާގޮތުގައި މި އަދަދަކީ ފޭސްބުކްގެ ޖުމްލަ މުވައްޒަފުންގެ ފަސްބައިކުޅަ އެއްބައި މުވައްޒަފުންނެވެ. ސްޓެޓިސްޓިކާ އިން ހާމަކުރާގޮތުގައި ފޭސްބުކްގެ މުވައްޒަފުންގެ އަދަދުވަނީ 2017 ވަނަ އަހަރާއި އަޅާބަލާއިރު ދެގުނަ އިތުރުވެފައިއެވެ. އެގޮތުން 2020 ވަނަ އަހަރު އެކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 58،000 މުވައްޒަފުންނަށް އިތުރުވެފައިއެވެ.

މި 10،000 ކަށް މުވައްޒަފުންނަކީ ބެލެވޭ ގޮތުގައި ފޭސްބުކްގެ އޮކިއުލަސް ކުއެސްޓް، ޕްރޮޖެކްޓް އާރިއާ އަދި ރޭބަނަ ސްމާޓް އައިނު ޕްރޮޖެކްޓް ނޫން މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ. 2014 ވަނަ އަހަރު 2 ބިލިއަން ޑޮލަރަށް އޮކިއުލަސް ގަތުމަށްފަހު ފޭސްބުކް އިންވަނީ ވާޗުއަލް ރިއާލިޓީގެ ވިޔަފާރިއަށް އެކުންފުނިން ޝައުގެވެރިވާކަން ފާޅުގައި އާންމުކޮށްފައެވެ.

އަދި މިއަށްފަހު އެކުންފުނިންވަނީ ފޭސްބުކް ރިއާލިޓީ ލެބް ހުޅުވާފައެވެ. އަދި މިހާރު ފޭސްބުކް ރިއާލިޓީ ލެބްސް ގައި 800 ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައި އެބައިނެވެ. މި ވަޒީފާތަކުގެ ތެރޭގައި އާގުމެންޓެޑް ރިއާލިޓީ، ވާޗުއަލް ރިއާލިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަށް ހިމެނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.