ކްލަބްހައުސް: މުޅިން އައު ވައްތަރެއްގެ ސޯޝަލް ނެޓްވޯކެއް

ޝުޖާޢަތު ރަޝީދު 15 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލަބްހައުސްއަކީ މުޅިން އައު ވައްތަރެއްގެ ސޯޝަލް ނެޓްވޯކް އެޕްއެކެވެ. މި އެޕް ބިނާކޮށްފައިވަނީ ހަމައެކަނި އަޑު ބޭނުންކޮށްގެން މުޢާމަލާތް (ވޮއިސް ޗެޓް) ކުރާ އެޕްއެއް ގޮތަށެވެ.

އެންމެ ފުރަތަމަ މި އެޕް ހުޅުވައިލުމާއި އެކީ ފެނިގެންދާނީ "ކޮޓަރި"ތަކެއްގެ ތެރޭގައި ބައިވެރިންތަކެއް ވާހަކަދައްކާތަނެވެ. މިއީ އާންމުކޮށް އެންމެނަށްވެސް ހުޅުވާލެވިފައިވާ ޗެޓްރޫމްތަކެކެވެ.

ކްލަބްހައުސް ހަމައެކަނި އަޑު ބޭނުންކޮށްގެން ބޭނުންކުރުމަށް ނިންމާފައިވަނީ އަޑަކީ ވަރަށް މުހިންމު އަދި ވަރަށް ޙާއްސަ ވަސީލަތެއްކަމަށް ޤަބޫލުކުރާތީވެކަމަށް ކްލަބްހައުސްގެ ބްލޮގް ޕޯސްޓުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ 3 މަސްތެރޭގައި ކްލަބްހައުސް ބޭނުންކޮށްފައިވާ މީހުން ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަސައްކަތްކުރަން ޖެހުމުން ދިމާވި ދަތިތަކާއި އަދި ތަފާތުވައްތަރުގެ ފޮތް ކްލަބްވެސް މިއެޕްގައި ޗެޓް ރޫމް ހަދައިގެން ބޭނުންކޮށްފައިވެއެވެ.

ކްލަބްހައުސް އަދިވެސް ވަނީ ބީޓާ ފޭސްއެއްގައެވެ. މާނައަކީ މިވަގުތު ކްލަބްހައުސް މޯބައިލް އެޕް ބޭނުންކުރެވެނީ އެހެން މީހަކު ދައުވަތުދިނުމުން ނުވަތަ ކްލަބްހައުސްއިން ރަޖިސްޓަރުވާ ފަރާތްތައް ގަބޫލުކުރުމުންނެވެ.

ކްލަބްހައުސް މޯބައިލް އެޕްގެ ސްކްރީންތަކެއް

ކްލަބްހައުސް އިންވަނީ ވަރަށް ޙާއްސަ އެކްސެލެރޭޓާ ޕްރޮގްރާމެއް ފަށާކަމަށް އިޢުލާންކޮށްފައެވެ. މި އެކްސެލެރޭޓާ ޕްރޮގްރާމަކީ އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރު ބޭނުންކޮށްގެން އުފައްދާ ޓޯލްކް ޝޯ ނުވަތަ އެނޫންވެސް ޗެޓް ރޫމް އުފެއްދުމަށް އެހީވުމުގެ ގޮތުން ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

މިގޮތުން، ކްލަބް ހައުސްއިން އުފެއްދުންތެރިންނަށް ބޭނުންވާ ތަކެތި، މިސާލަކަށް އައިފޯނު، އެއާޕޮޑް ފަދަތަކެތި ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ޑިޒައިންގެ ޙިދުމަތް، ކްލަބްހައުސްތެރޭގައްޔާއި ބޭރުގައި ޕްރޮމޯޝަނަށް ބޭނުންވާ އެހީވެސް ފޯރުކޮށްދޭންވަނީ ވަޢުދުކޮށްފައެވެ.

މި އެކްސެލެރޭޓާ ޕްރޮގްރާމްއަކީ 20 ބައިވެރިންނަށް މާރިޗު 31 އެއްގެ ކުރިން ބައިވެރިވުމަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.

ކްލަބްހައުސްގެ އެކްސެލެރޭޓާ ޕްރޮގްރާމްގައި ބައިވެރިވުމަށް މިލިންކަށް ފިތާލާ

މިހާރުވެސް ކްލަބްހައުސްގައި ވަރަށް ފުރިހަމަ ވޮއިސް ޗެޓްރޫމްތަކެއް ވަނީ ބައެއް ބައިވެރިންވަނީ އުފައްދާފައެވެ. މީގެތެރޭގައި ހިމެނޭ އެއް ރޫމަކީ "ގޫޑް ޓައިމް" އެވެ. ގުޑް ޓައިމް ގައި ހޯސްޓްއިން ވަރަށް ތަފާތު އަދި ޝައުގުވެރި ސަގާފަތްކިޔާދޭ މީހުންނާއި އިންޓަވިއުކޮށް އަޑުއަހަން ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދެއެވެ.

މީގެތެރޭގައި އެންމެ ފަޚުރުވެރިވެވެނީ މި މޯބައިލް އެޕްލިކޭޝަން ކިތަންމެ އައު ކަމުގައިވިޔަސް ދިވެހިރާއްޖޭގެ ޗެޓްރޫމްތަކެއްވެސް ހުރުމުންނެވެ. ދިވެހި ޒުވާނުންތަކެއް ހަދައިގެން ކުރިއަށްގެންދިޔަ ޗެޓްރޫމްތަކެއް؛ ދިވެހި ތާނަ/ޑިޖިޓަލް ޒަމާނުގައި ތާނަ- ސޮފްވަތު(ޗޮޕޭ)އާއި އެކީ، މޯލްޑިވިއަންސް ލިންކްއަޕް: ފަޔާސައިޑް ޗެޓް ރެފްޓީއާއި އެކީ ހިމެނެއެވެ.

ކްލަބް ހައުސްފަދަ މޮބައިލް އެޕްސްތައް ތަޢާރަފްވުމާއިއެކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޢާމަލާތުކޮށް މަޢުލޫމާތު ހޯދައި އަމިއްލަ އިލްމު ތަރައްގީކުރުން މިހާރު ދަނީ ކުރިއަށްވުރެން ފަސޭހަވަމުންނެވެ.

ކްލަބްހައުސް މިހާރު ހަމައެކަނި ބޭނުންކުރެވެނީ އައި.އޯއެސްގައެވެ. އެހެންކަމުން ކްލަބް ހައުސް އެންޑްރޮއިޑް އަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އެތަކެއް ދިވެހިންތަކެއްވެސް އެބަތިއްބެވެ.

ކްލަބްހައުސް އާއި ވާދަ ކުރުމަށް ޓްވިޓަރ ސްޕޭސަސް ވެސް އެގޮތަށް ބައްޓަން ކޮށްފައެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.