ޔޫއެންޑީޕީ މޯލްޑިވްސް އެކްސެލެރޭޓަރ ލެބް އިފްތިތާޙުކޮށްފި

ހިންދު ޢަލީ 16 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫއެންޑީޕީ މޯލްޑިވްސް އިން މޯލްޑިވްސް އެކްސެލެރޭޓަރ ލެބް 13 މާރޗް 2021 ވީ ހޮނިހިރު ދުވަހު ލޯންޗްކޮށްފިއެވެ. މޯލްޑިވްސް އެކްސެލެރޭޓަރ ލެބަކީ ޔޫއެންޑީޕީގެ ގްލޯބަލް އެކްސެލެރޭޓަރ ނެޓްވަރކްގެ ބައެކެވެ. މިނެޓްވޯކްގައި މިހާރު ރާއްޖެ ހިމަނައިގެން، 116 ގައުމެއްގައި 92 އެކްސެލެރޭޓަރ ލެބް ހިމެނެއެވެ. ޔޫއެންޑީޕީއިން ހިންގާ މިޕްރޮގްރާމްގެ މަގުސަދަކީ މުޖުތަމަޢުގައި ހުންނަ މައްސަލަތަކަށް ހައްލު ހޯދައިދުނުމުގައި ރައްޔިތުންނާއި، ސަރުކާރާއި، އަމިއްލަ އިދާރާތަކާއި އަދި އިތުރު އެހެން ބައިވެރީންވެސް ހިމެނޭގޮތަށް، 21 ވަނަ ގަރުނަށް ފެތޭ ތަރައްގީ، އިނޮވޭޓިވް ގޮތްތަކަށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވުމެވެ.

މިއިވެންޓްގައި ސަރުކާރާއި އަމިއްލަ އިދާރާތަކާއި، ސިވިލް ސޮސައިޓީ އޮގަނައިޒޭޝަނާއި އިނޮވޭޝަން އިކޯސިސްޓަމްގައި ހިމެނޭ ޒުވާނުން ބައިވެރިވިއެވެ. ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް އަކީކޯ ފޫޖީއާއި މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަހްލޫފާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، އަލްފާޟިލާ ސަބްރާ އިބްރާހިމް ނޫރައްދީން އަދި އުގައިލް ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޙަސަން އުގައިލް، މި ޕްރޮގްރާމްގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ޔޫއެންޑީޕީއާއި މޯލްޑިވްސް އެކްސެލެރޭޓަރ ލެބްގެ ސީނިއަރ ބޭފުޅުން ބައިވެރިވިއެވެ.

ޔޫއެންޑީޕީ މޯލްޑިވްސް ގެ ބައެއްގޮތަށް ހަރަކާތްތެރިވާ، އެކްސެލެރޭޓަރ ލެބްސް ގެޓީމުން ބުނިގޮތުގައި މޯލްޑިވްސް އެކްސެލެރޭޓަރ ލެބް އިން މަސައްކަތް ކުރާނީ ޒަމާނަށް ފެތޭ އީޖާދީ ގޮތްތަކަކަށް ތަރައްގީ ގެންނަ އަދި ދިމާވާ މައްސަލަތަކަށް ހައްލު ހޯދާ އިންނޮވޭޝަން ހަބެއްގެ ގޮތުގައެވެ. މީގެ އިތުރުން ދިމާވާ ދަތި ނުވަތަ ބޮޑެތި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި މުޖުތަމަޢުގެ ލެވެލްގެ ޕާރޓްނަރުންނާއި އެކު މަސައްކަތް ކުރުމަށެވެ. މިގޮތަށް އުފައްދާ ހައްލުތަކަކީ ދެމެހެއްޓެނިވި ހައްލުތަކަކަށްވުން މުހިއްމު ކަމުގައި ވެސް ޔޫއެންޑީޕީއިން ބުންޏެވެ. އެކްސެލެރޭޓަރ ލެބްގެ ޕާރޓްރަނުންނާއި ގުޅިގެން ގައުމީ ލެވެލްގައި ގޮންޖެހުންތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވޭނެ އައު ކަންތައްތައް ހޯދާ، އެހައްލުތައް ވީހާވެސް ހަލުވިކޮށް ގައުމުގެ މާހައުލާއި އެންމެ އެކަށޭނެ ގޮތަށް ތަރައްގީ ކުރާނެއެވެ.

އެކްސެލެރޭޓަރ ލެބްގެ ހަރަކާތްތެރިވާނީ ތިރީގައި ދެންނަވާ ކަންތައްތަކަށް މަގުފަހި ކުރުމަށެވެ.

- މުޖުތަމަޢުގެ ލެވެލްގައި ދިމާވާ މައްސަލަތައް ކައިރިންފެނި، އެކަމަށް ގެނެވިދާނެ ހައްލު ބޮޑަށް އެނގޭނީ އެމައްސަލަ ތަހައްމަލު ކުރާ ފަރާތްތައްކަން ދެނެގަނެ، އެ ފަރާތްތަކުގެ ބައިވެރިވުމާއެކު އެކަންކަމަށް އިނޮވޭޓިވް ގޮތްގޮތަށް ހައްލު ހޯދުން.

- މުޖުތަމަޢުގެ ލެވެލްގައި ހަރަކާތްތެރިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތައް ބާރުވެރިކުރުވުން. އަދި އުފައްދާ ހައްލުތައް މުޖުތަމަޢުގެ އެހެން ބައިވެރިންނަށް ފޯރުކޮށްދިނުމުގައި އެހީތެރިވުން.

- ގައުމުގެ ތަރައްގީއަށް ކުރެވޭ ކަންކަން އަދި މައްސަލަައިގެ ހައްލުތައް، މުޖުތަމަޢުގެ ބައިވެރިންނާއި ޔޫއެންޑީޕީއާއި ގުޅިގެން އެކުގައި ޑިޒައިންކޮށް ޓެސްޓްކުރުން.

ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް އަކީކޯ ފޫޖީ ލޯންޗިންގ އިވެންޓަގައި ވާހަކަ ދައްކަވަނީ (ފޮޓޯ: ޔޫއެންޑީޕީ)

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް އަކީކޯ ފޫޖީ ވިދާޅުވީ، އެކްސެލެރޭޓަރ ލެބް ވާނީ މުޖުތަމަޢުގެ ލެވެލްއިން ހައްލު އުފައްދަން ބޭނުންވާ ފަރާތްތަކާއި އެކަމަށް އެހީތެރިވެދޭނެ ފަރާތްތައް ގުޅުވައިދޭ ބަޔަކަށެވެ. އަދި ހައްލުތައް ޑިޒައިންކޮށް ޓެސްޓުކުރުމުގައި ބައިވެރިންގެ ގޮތުގައި މަސައްކަތްކޮށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދުވެލި ބާރުކުރުމަށް އެހީތެރިވާ ބަޔަކަށެވެ.

މިރަސްމިއްޔާތުގައި އެކްސެލެރޭޓަރ ލެބްގެ އައު 'ސޮލިޔުޝަން ސަފާރީ' ވެސް އިފްތިތާހްކުރިއެވެ. މިޕްލެޓްފޯމުގެ ފުރަތަމަ މަސައްކަތަކަށް ލޭބަރ މާރކެޓްގައި އުޅޭ ބައެއް މައްސަލަތަކަށް ހައްލު ހޯދަން ފެއްޓުމަށް ބޭނުންވާ ދިރާސާކުރާނެކަމަށް އިޢުލާނުކުރިއެވެ. މިގޮތުން ދިރާސާކުރާނެ މައިގަނޑު ދާއިރާއަކީ ދިވެހި ޒުވާނުން ވަޒީފާ ނުވަތަ ތަމްރީން ހޯދުމަށް ބާރުއަޅުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ. މިކަމަށްޓަކައި ދިވެހި ޒުވާނުންނާއި ގުޅިގެން މައްސަލަ އިތުރަށް ދިރާސާކޮށް ހައްލެއް އުފެއްދުމަށް މަސައްކަތްކުރާނެ ކަމަށް އެކްސެލެރޭޓަރ ލެބްގެ ފަރާތުން ވިދާޅުވިއެވެ.

އެކްސެލެރޭޓަރ ލެބްގެ ފުރަތަމަ ޕްރޮޖެކްޓާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަަށް ޔޫއެންޑީޕީ މޯލްޑިވްސްގެ ވެބްސައިޓްގައިވާ ސޮލިއުޝަން ސަފާރީގެ ޕޭޖުން އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. ކަނޑައެޅިފައިވާ މަޢުލޫއަށް ޚިޔާލު ހުށަހެޅުމަށް އެކަމަށްޓަކައި ކަނޑައެޅިފައިވާ ފޯމު ފުރުމަށް ޔޫއެންޑީޕީއިން ބާރުއަޅައެވެ.

އެކްސެލެރޭޓަރ ލެބް ނެޓްވަރކް ހިންގުމުގައި އިންވެސްޓްމަންޓް ޕާރޓްނަރުންގެ ގޮތުގައި ބައިވެރިވަނީ ޖަރުމަނު ސަރުކާރާއި، ގަތަރު ސަރުކާރުގެ ގަތަރު ފަންޑް ފޯރ ޑިވެލޮޕްމަންޓެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.