ގޫގަލްއިން ކްރޯމް ބްރައުސާގެ ސަފްޙާތަކަށް ވަގުތުން ލަފުޒުތައް އަރާގޮތް ހަދައިފިއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ގޫގަލްއިން މިކަން ތަޢާރަފްކޮށްފައިވަނީ ލިޔުންތައް އަޑުއަހަން އުނދަގޫ ހުންނަ މީހުންނަށާއި، ނުވަތަ މާ އަޑުގަދަ ތަނެއްގައި މަސައްކަތްކުރާބަޔަކަށް އަދި ހެޑްފޯނު ނުލައި ވީޑިއޯފަދަ ތަކެތި ބަލާ މީހުންނަށް ފަސޭހައައް ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ.
ލައިވް ކެޕްޝަންއިން އޮޓަމެޓިކުން އެވަގުތު ބަލާލާ ބްރައުސާގެ ސަފްޙާގައި އަޑު އެކުލެވިފައިވާ ކޮންމެ މަޢުލޫމާތެއްވެސް ލިޔުމުގެ ޒަރިއްޔާއިން މިހާރު ފޯރުކޮށްދޭނެއެވެ.
ގޫގަލް ކްރޯމްގައި ގެނެސްދެވިފައިވާ ލައިވް ކެޕްޝަންއަކީ އެމީހަކު ގެންގުޅޭ ޑިވައިސްއެއް އޮފްލައިންކޮށް، ނުވަތަ އިންޓަނެޓްއާއި ނުލައިވެސް ބޭނުންކޮށްލެވޭ އެއްޗެއްކަމަށް ގޫގަލްއިން ބުނެއެވެ. އެހެންކަމުން، މީގެ އެހީގައި ގޫގަލް ފޮޓޯ ލައިބްރަރީގައި ރައްކާކޮށްފައިވާ ވީޑިއޯތައް ނުވަތަ އޯޑިއޯ ޗެޓްގެ ކެޕްޝަންތައްވެސް ބެލޭނެއެވެ.
ގޫގަލްއިން ބުނާގޮތުންނަމަ އަދި ކެޕްޝަންތައް އަރާނީ ހަމައެކަނި އިނގިރޭސި ބަހުންނެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ އެހެނިހެން ބަސްތައްވެސް ލައިވް ކެޕްޝަންގެ އެހީގައި ގޫގަލް ކްރޯމްއިން ފެންނަ ގޮތް ހެދުމަށެވެ.
ގޫގަލް ކްރޯމްގައި ލައިވް ކެޕްޝަން ފެންނަގޮތް ހެދުމަށް ބްރައުސާގެ މަތީގައިވާ މެނޫ ބަޓަންއަށް ފިތާލުމަށްފަހު، އެކްސެސިބިލިޓީ ބައިން އޮންކޮށްލެވޭނެއެވެ.
ލައިވް ކެޕްޝަންއަކީ އިންސާނުން އާރޓިފިޝަލް އިންޓަލިޖަންސް އަދި މެޝިންލާނިންގެ އެހީގައި ކުރަމުންދާ އައު ކަންތައްތަކުގެ ތެރޭގައިވާ ވަރަށް ފައިދާހުރި އެއްކަމެވެ. ގޫގަލްގެ އިތުރުން އެއާއި އެއްވަރަށް މައިކްރޮސޮފްޓްއިންވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އައު ކަންތަައްތައް ދަނީ އަބަދުވެސް އީޖާދު ކުރަމުންނެވެ.
މިގޮތުން މައިކްރޮސޮފްޓްގެ ބްރައުސާގައްޔާއި އަދި އެނޫންވެސް ސޮފްޓްވެއާގައި ރީޑް-އަލައުޑް (އިމާސިވް ރީޑަރ) ވަނީ އެކުލަވާލާފައެވެ. މިއީ ލިޔުންތައް ކިޔާލުމަށް ފަސޭހަކޮށް ކޮމޮންވޮއިސްގެ އެހީގައި ލިޔުން އަޑުއަހާލެވޭން ގޮތެކެވެ.
ގޫގަލް ކްރޯމްގެ ލައިވް ކެޕްޝަން ތަޢާރަފްކުރެވިފައިވަނީ ވިންޑޯސް، މެކްއޯ.އެސް އަދި ލިނަކްސްއަށެވެ. ދުނިޔޭގެ މިވަގުތުގެ ޙާލަތުއޮތްގޮތުން، މިފަދަ ޓެކްނޮލޮޖީގެ އެހީ އެންމެނަށްވެސް މިވަނީ ވަރަށް މުހިންމު ވެފައެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.