މަސްޖިދުއް ނަބަވީ ގައި ރޮބޮޓް ސެނިޓައިޒާ ބަހައްޓައިފި

މުހައްމަދު ރައްޔާން 18 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަސްޖިދުއް ނަބަވީ ގައި ރޮބޮޓް ސެނިޓައިޒާ އެއް ބަހައްޓައިފިއެވެ. މި ސެނިޓައިޒާ އިފްތިތާހުކޮށްދެއްވީ މާތްވެގެންވާ ދެހަރަމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ރައީސް ޑރ. ޝޭހް އަބްދުލް ރަހްމާން އަލް ސުދައިސް އެވެ. ކޮރޯނާ ވައިރަސް ޕެންޑަމިކް އިތުރަށް ފެތުރުން ހުއްޓުވުމަށް މި ރޮބޮޓް މެދުވެރިކޮށް މަސްޖިދުއް ނަބަވީ އޮޓޮމެޓިކުން ސެނިޓައިޒް ކުރެވިގެންދާނެއެވެ.

މީގެ ކުރިން މިފަދަ މެޝިނެއް ވަނީ މަސްޖިދުލް ހަރާމްގައި ވެސް ބަހައްޓާފައިއެވެ. ހައްޖު އަދި އުމްރާ ކުރަން ޒިޔާރަތް ކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ދެހަރަމަށް ތަފާތު މިފަދަ ޓެކްނޮލޮޖީ ތައާރަފްކުރުމަކީ ދެހަރަމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ އަމާޒެކެވެ. ހައްޖު އަދި އުމްރާވެރީންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ސައުދީ ސަރުކާރުން ނިންމާފައިވަނީ ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށް ޒިޔާރަތްކުރާ އެންމެންވެސް ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިން ޖަހަންޖޭހެނެ ކަމަށެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންނަށް ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ނުލިބޭނެކަމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ އިއުލާންކޮށްފައިއެވެ.

މީގެ އިތުރުން ހީޓް ޑީޓެކްޓާ ފަދަ ވަސީލަތްތަށް ވެސް ވަނީ ދެހަރަމުގައި ބެހެއްޓިފައިއެވެ. ހައްޖު އަދި އުމްރާގެ އަޅުކަމަށް ސައުދީ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ މިފަދަ ފިޔަވަޅުތަކާއި އެކު ސައުދީ އިން ވަނީ 2021 ވަނަ އަހަރު ހައްޖުގެ އަޅުކަން އާންމުކޮށް ހުޅުވާލާފައިއެވެ. މީގެ އިތުރުން ރޯދަމަހުގެ ތަރާވީހު ނަމާދު ކުރުންވެސް ދެހަރަމުގައި އާންމުންނަށް ވަނީ ހުޅުވާލެވިފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.