ކްލަބް ހައުސްއާއި ވާދަ ކުރުމަށް ޓެެލެގްރާމްއިން ވޮއިސް ޗެޓް

ޝުޖާޢަތު ރަޝީދު 20 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެލެގްރާމްއިން ވޮއިސް ޗެޓް 2.0 މާރިޗު 19ގައި މިވަނީ ތަޢާރަފް ކޮށްފައެވެ. ޓެލެގްރާމަށް އެންމެ ފުރަތަމަ ވޮއިސް ޗެޓް ގެނެސްފައިވަނީ 2020 ޑިސެންބަރުގައެވެ.

ވަގުތުން އެމީހަކު މެންބަރެއްގޮތުގައި އިންނަ ގުރޫޕްތަކުގައި އެހެން މީހުންނާއި އެކީ އަޑުގެ ޒަރިއްޔާއިން މިހާރު ޓެލެގްރާމްއިން ކުރިއާއި ތަފާތު ކަންތައްތަކެއް ކޮށްލެވޭނެއެވެ.

ވޮއިސް ޗެޓް - ވަކި އަދަދަކަށް މެންބަރުން ލިމިޓް ނުކުރެވި

ފަހުގެ އަޕްޑޭޓުގައި ގުރޫޕްތަކުގެ ނުވަތަ ޗެނަލްތަކުގެ އެޑްމިނުނަށް ވަކި އަދަދެއްގެ މިންވަރު ނެތި ވޮއިސް ޗެޓް ހޯސްޓް ކޮށްލެވެއެވެ. މިއީ ރޭޑިއޯއެއް ފަދައިން އަބަދުވެސް އަޑުއަހަން ބޭނުންވާ ކޮންމެ މީހަކަށްވެސް ޓިއުންއިން ކޮށްލެވޭނެ ގޮތައް ފަރުމާކުރެވިފައިވާ ބަދަލެކެވެ.

ވޮއިސް ޗެޓް ފަށާލުމަށް، ގުރޫޕެއްގެ ނުވަތަ ޗެނަލެއްގެ ޕްރޮފައިލް ހުޅުވާލައިފައި ސައިޑް މެނޫ ބަޓަންއަށް ފިތާލުމަށްފަހު؛ ސްޓާރޓް ވޮއިސް ޗެޓް ނަގާލާ.

ވޮއިސް ޗެޓް ރެކޯޑު

މިފަހަރުގެ މި އަޕްޑޭޓާއި އެކީ ގުރޫޕްތަކުގެ/ޗެނަލްތަކުގެ އެޑްމިން މެންބަރުންނަށް ވޮއިސް ޗެޓްތައް ރެކޯޑުކޮށް، ވަގުތުން ކުރިއަށްގެންދާ ވާހަކަތައް ނިމުމަށްފަހު އެވާހަކަތައް ފަހަށް ރައްކާކޮށް ބައިވެރިނުވެވޭ މެންބަރުންނަށް ފެންނަގޮތައް ބެހެއްޓެއެވެ.

ވާހަކަ ދައްކާލަން އަތް ނަގާލުން

މެންބަރުން މިއުޓްކޮށްގެން ބާއްވަމުންގެންދާ ޓޯލްކް ޝޯ ނުވަތަ ޕްރޮގްރާމްތަކުގައި ވާހަކަ ދައްކާލަން ބޭނުންވާ މެންބަރުންނަށް އަތް ނަގާލައި އެޑްމިންއަށް އަންގާލެވޭގޮތައްވެސް ވޮއިސް ޗެޓް މިވަނީ ބަދަލުކޮށްފައެވެ.

މިއާއި އެކީ، ޕްރޮފައިލްގައިވާ ބައޯވެސް ބަދަލުކޮށް އެމީހެއްގެ ވަނަވަރު އިނގޭނެފަދައިން ލިޔެލެވޭގޮތްވެސް މިބަދަލާއިއެކީ ވަނީ ގެނެސްފައެވެ.

މިފާހަގަކޮށްލެވުނު ބޮޑެތި ބަދަލުތަކުގެ އިތުރުން ވޮއިސް ޗެޓްގައި ވާހަކަ ދައްކާ މީހުންނާއި އަޑުއަހާ މީހުންނަށް ވަކި އިންވައިޓް ލިންކް ހަދާލެވޭނެއެވެ. މީގެ ބޭނުމަކީ މެޚެމާނުންނާއި އަޑުއަހާ ބައިވެރިން ވަކިކޮށް އުނދަގޫތަކާއި ނުލައި ވޮއިސް ޗެޓް ބޭނުންކޮށްލުމެވެ.

ޓެލެގްރާމްއިން ވޮއިސް ޗެޓަށް މިގެނައި ފަހުގެ ބަދަލުތަކަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ބަދަލުތަކެއްކަން ފާހަނގަކޮށްލެވެއެވެ. ޗެޓް އެޕްލިކޭޝަންތަކާއި އަދި މިފަދަ އެހެން މޮބައިލް އެޕްލިކޭޝަންތަކާއި ވާދަ ކުރުމަށް ޓެލެގްރާމްއިން ވިސްނާކަންވެސް މިއިން ދޭހަވެގެންދެއެވެ.

އެންމެ ފަހުން އާންމުންގެ މެދުގައި ޝައުޤުވެރިކަން އައިސްފައިވާ މިފަދަ އެއް އެޕްލިކޭޝަންއަކީ ކްލަބް ހައުސްއެވެ. ކްލަބް ހައުސް އަދި އާންމުންނަށް އެއްކޮށް ހުޅުވާލެވިފައިނެތަސް، ޓެލެގްރާމްއިން މިގެނައި އަޕްޑޭޓަކީ ކްލަބް ހައުސްއާއި ދާދި އެއްވައްތަރުގެ ބަދަލެކެވެ. ކްލަބް ހައުސްވެސް މިވަގުތު ބޭނުންކުރަމުންދަނީ ވޮއިސް ޗެޓަށް ޙާއްސަ އެޕްލިކޭޝަންއެއް ގޮތައް އާންމުންނަށް ޓޯކްޝޯ ފަދަ ތަކެތި ފޯރުކޮށްދިނުމަށެވެ.

ޓެލެގްރާމަކީ ދިވެހިންގެ ތެރޭގައި މިހާރު ވައިބާ ނުވަތަ އެހެނިހެން ޗެޓް އެޕްލިކޭޝަންތަކަށްވުރެން މަޝްހޫރު އަދި އާންމުންގެ ތެރޭގައި މާބޮޑަށްވެސް ބަލައިގަންނަ އެޕްލިކޭޝަންއަކަށްވަނީ ވެފައެވެ. އެހެންކަމުން، ޓެލެގްރާމަށް މިއައި ބޮޑު ބަދަލަކީ ދިވެހިންގެތެރޭގައި ވަރަށް ބަލައިގަނެވޭނެ ބަދަލެއްކަމަށް ފެނެއެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.