އޭސާ އަށް 50 މިލިއަން ޑޮލަރުގެ ރެންސަމްވެއާ ހަމަލާއެއް ދީފި

އިސްމާއިލް އަލީ 20 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަޝްހޫރު ކޮމްޕިއުޓަރު ކުންފުނި އޭސާއަށް ރެންސަމްވެއާ މެދުވެރިކޮށް ހަމަލާދީ 50 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްކޮށްފިއެވެ. މިއީ މިފަދަ ހަމަލާއެއްގައި މިހާބޮޑު އަދަދަކުން ރޭންސަމް އެއް ހޯދުމަށް ބަޔަކު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

ޓައިވާނުގެ އޭސާ ކުންފުންޏަކީ ލެޕްޓޮޕާއި ޑެސްކްޓޮޕް އަދި މޮނީޓަރު އުފެއްދުމަށް މަޝްހޫރު ކުންފުންޏެކެވެ. އެކުންފުނީގައި ގާތްގަނޑަކަށް 7000 މުވައްޒަފުން ވަޒީފާ އަދާކުރާއިރު ނިމިދިޔަ 2019 ވަނަ އހަރު އެކުންފުނިން 7.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެއެވެ.

މިހަމަލާ ދިންކަމަށް ބުނާ ގްރޫޕުން ވަނީ އެމީހުންގެ ވެބްސައިޓްގައި މިހަމަލާގެ ޒިންމާ އުފުލައި އެމީހުން ވަގަށް ނާގާފައިވާ ކަމަށް ބުނާ ފައިލްތަކުގެ ފޮޓޯވެސް އާންމުކޮށްފައިއެވެ.

ނަމަވެސް އޭސާ ކުންފުނިން އެކުންފުންޏަށް ރެންސަމްވެއާ އެއް މެދުވެރިކޮށް ހަމަލާދީފައިވާކަން ޔަގީންކޮށްދީފައިވެސް ނުވެއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަނގަވެގެން އެކަމާއިގުޅޭ އިދާރާތަކަށް އެމައްސަލަ ހުށަހައަޅާފައިވާކަމަށެވެ. މީގެ އިތުރުން އޭސާ ކުންފުނިން ހާމަކޮށްފައިވަނީ ތަހުގީގު ކުރެވެމުންދާތީ އިތުރުމައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

މިހަމަލާ އަކީ ބެލެވޭގޮތުގައި މައިކްރޯސޮފްޓް އެކްސްޗޭންޖް ހެކްކުރުމަށްފަހު އޭގެ ވަލްނަރަބިލިޓީ އެއް އެކްސްޕްލޮއިޓް ކޮށްގެން ދީފައިވާ ހަމަލާއެކެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.