އަހަރެމެންގެ ލޮލަށް ނުފެނުނަސް ޖައްވުގައި 9،000 ޓަނަށް ވުރެގިނަ ކުނިބުނި އެބަހުއްޓެވެ. މިތަކެއްޗަކީ ގާތްގަނޑަކަށް 720 ސްކޫލު ބަހާއި އެއްވަރުގެ ބަރުދަން ހުރި ތަކެއްޗެވެ.
މީގެތެރޭގައި ހިމެނެނީ ބާވެފައިވާ ސެޓެލައިޓްތަކުގެ ބައިތަކާއި ރޮކެޓް ތަކުގެ ބައިތަކާއި ބާވެ ބޭނުންނުކުރެވޭ ވަރުވެފައިވާ ސެޓެލައިޓްތަކެވެ. މިތަކެތީގެ ސަބަބުން ބައިނަލްއަގްވާމީ ޖައްވީ އިދާރާއަށާއި ދުނިޔޭގެ މޫސުން، ޖީޕީއެސް އަދި މުވާސަލާތީ ބޭނުންތަކަށް ބޭނުންކުރާ ސެޓެލައިޓްތަކަށް ގެއްލުންވުމުގެ ބިރު ބޮޑެވެ. ޖައްވުގައި ހުރި ކުނިބުނީގެ އަދަދު މިހާރު ވަނީ ސްޕޭސްއެކްސް ފަދަ ޕްރޮގްރާމްތަކާއި ގުޅިގެން އިތުރަށް ގޯސްވެފައިއެވެ.
މި މައްސަލަ ހައްލުކުރުމުގެ ގޮތުން ޖަޕާންގެ އެސްޓްރޯސްކޭލް ކުންފުނިން އުފައްދާފައިވާ އައު ޓެކްނޮލޮޖީ އެއް ޓެސްޓުކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ކަޒަކިސްތާންގެ ބައިކޮނޫރު ކޮސްމޮޑްރޯމް އިން ޖައްވަށް ފޮނުވާލާނައެވެ. އެގޮތުން އެކުންފުނިން ސޮޔޫޒް 2 ރޮކެޓެއް މެދުވެރިކޮށް ޖައްވަށް ފޮނުވުމަށް ނިންމާފައިވަނީ 175 ކިލޯގްރާމްގެ ޖައްވީއުޅަނދަކާއި 17 ކިލޯގްރާމްގެ ސެޓެލައިޓެކެވެ.
މި އުޅަނދަށް އަލުން މި ސެޓެލައިޓް ޖައްވުން ނަގައި ދުނިޔޭގެ ސަތަހާއި ހަމައަށް ގެނެވޭތޯ ޓެސްޓު ކުރުމަކީ މިދަތުރުގެ މައިގަނޑު ބޭނުމެވެ. މި ޕްރޮޖެކްޓް ނިމޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ މަހުގައިއެވެ.
ފާހަނގަކޮށްލަންޖެހޭ ކަމަކީ މި ޕްރޮގްރާމް މެދުވެރިކޮށް ޓެސްޓް މިކުރެވެނީ މުސްތަގްބަލުގައި އުފެދިގެންދާނެ ސެޓެލައިޓްތަށް ޖައްވުން އަނބުރާ ދުނިޔެއަށް ގެންނާނެގޮތްކަމެވެ. އަދި މި ޕްރޮގްރާމު މެދުވެރިކޮށް ޖައްވުގައި މިހާރުހުރި ކުނިބުނި މަދުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އެކުންފުނިން ދަނީ ޖަޕާނުގެ ޖައްވީ އިދާރާ އާއިއެކު އެ އިދާރާގެ ޖައްވީ ކުނިބުނި މަދުކުރުމުގެ ޕްރޮގްރާމަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިކުންފުނީގެ އިތުރުން އެހެނިހެން އިދާރާތަކާއި ކުންފުނިތަކުންވެސް ދަނީ ޖައްވުގައި ހުރި ކުނިބުނި މަދުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔޫރަޕުގެ ޖައްވީ އިދާރާއިން 2025 ވަނަ އަހަރު މިކަމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ޖައްވީ އިދާރާއަކާއި އެއާބަސް ކުންފުނި އަދި ފްރާންސްގެ ކުންފުންޏެއް ގުޅިގެން 2018 ވަނަ އަހަރު ވަނީ ކާމިޔާބު ކަމާއިއެކު ޖައްވުގައިހުރި ކުނިބުނި ނެގެމަށް މަސައްކަތްތަކެއްކޮށްފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް