އެކްސެލެރޭޓަރ ލެބްގެ ސޮލިއުޝަންސް ސަފާރީ

ހިންދު ޢަލީ 22 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫއެންޑީޕީ މޯލްޑިވްސް އިން 13 މާރިޗް 2021 ގައި އިފްތިތާހުކުރި އެކްސެލެރޭޓަރ ލެބް މޯލްޑިވްސްގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން 'ސޮލިއުޝަންސް ސަފާރީ' ނަމުގައި ޕްލެޓްފޯމެއް ހަމަ އެދުވަހު އިފްތިތާހު ކުރެއްވިއެވެ. ސޮލިއުޝަންސް ސަފާރީއަކީ މުޖުތަޢުގެ ލެވެލްގައި ހިމެނޭ މައްސަލަތައް ހައްލުކުރުމަށް، އީޖާދީ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކާއި އެއުފެއްދުންތައް ފާހަގަކުރުމަށާއި، އެތަކެތީގެ ބޭނުން ރަނގަޅަށް ހިފުމަށް އެހީތެރިވެދިނުމަށް އެކްސެލެރޭޓަރ ލެބުން ހިންގާ ހަރަކާތެކެވެ. މިއަށް ހުށަހަޅާ ހައްލަކީ އަދި ހަމަ އެކަނި ސިކުނޑީގައި އިން ޚިޔާލެއް ކަމުގައިވެސް ވެދާނެއެވެ. ނޫންނަމަ ކޮންމެވެސް ވަރަކަށް އުފައްދަން ފަށާފައިވާ އެއްޗަކަށްވެސް ވެދާނެއެވެ. ނުވަތަ ފުރިހަމަކޮށް ނިމިފައިވާ އުފެއްދުމަކަށް ވެސް ވެދާނެއެވެ. އެހައްލަކީ މުޖުތަމަޢުގެ މައްސަލެއް ދެނެގަނެ، އޭގެން މުޖުތަމަޢުއަށް ފައިދާތަކެއް ލިބޭ ނުވަތަ ލިއްބައިދޭނެ ހަމަ ކޮންމެ ހައްލެކެވެ.

އެކްސެލެރޭޓަރ ލެބް އިން ފެއްޓި މިހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ކޮމިޔުނިޓީ ލެވެލްގައި އާންމުންނަށް ދިމާވާ އެކި އެކި މައްސަލަ ނުވަތަ ދަތިތަކަށް ހައްލު ހޯދުމަށް އެހީތެރިވެދިނުމެވެ. މިގޮތުން މި ހަރަކާތުން ހައްލު ހޯދުމުގައި އެންމެ މުހިއްމު ކަމެއް ދޭނީ އެކަން ތަހައްމަލު ކުރާ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި އެފަރާތްތަކުގެ ބައިވެރިވުމާއެކު މަސައްކަތްކުރުމެވެ. މިގޮތަށް މަސައްކަތްކުރުމުގެ ސަބަބަކީ މުޖުތަމަޢުގެ ލެވެލްގައި މިފަދަ ކަންކަމުގައި ގިނައިން ވިސްނާފައިވާނެކަމާއި، އެކަމުގެ ގިނަ މަޢުލޫމާތު އެލެވެލްގައި ހުންނާނެތީކަމަށް އެކްސެލެރޭޓަރ ލެބުން ބުނެއެވެ. "އެހައްލުތައް އެފަރާތްތަކުގެ ވިސްނުމުގައި މިހާރުވެސް ހުންނާނެކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ. އަޅުގަނޑުމެން އެހީވާނީ އެހައްލުތައް ތަރައްގީކޮށް އަދި ކޮމިޔުނިޓީ ވެސް ތަރައްގީކުރުމަށެވެ."

ސޮލިއުޝަންސް ސަފާރީއަކީ އެކި ފަރާތްތަކުގެ ޚިޔާލުތައް އެއްތަނަކަށް ގެނައުމަށް ތައްޔާރުކުރެވިފައިވާ ޕްލެޓްފޯމެކެވެ. އެކިއެކި ކަންތައްތަކަށް ހައްލު ހޯދުމަށް އުފެއްދޭ އީޖާދީ ޚިޔާލުތައް، ޑިޖިޓަލް އިންޓަރެކްޓިވް ޕްލެޓްފޯމެއް މެދުވެރިކޮށް ހިއްސާކުރުމާއި، ޚިޔާލުހުށަހަޅާ އެކިއެކި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ، އެކްސެލެރޭޓަރ ލެބުގެ ފަރާތުން މިޕްލެޓްފޯމު އުފެއްދުމުގެ ބޭނުމެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޚިޔާލުތަކުން އެހީތެރިވެދޭނެ ގޮތްތައް ދެނެގަތުމަށްވެސް މި ޕްލެޓްފޯމް ބޭނުންކުރެވޭނެއެވެ.

މިއީ މުބާރާތެއް ނޫނެވެ. އަދި މިޕްލެޓްފޯމް މެދުވެރިކޮށް ހުށަހަޅާ ޚިޔާލުތައް އިވެލުއޭޓެއް ނުކުރާނެއެވެ. އެކްސެލެރޭޓަރ ލެބުން ބުނާގޮތުގައި އެފަރާތުގެ ވިސްނުމަކީ، އެއް މައްސަލައެއް ހައްލުކުރެވިދާނެ އެތައް ޚިޔާލުތަކެއް ހުރެދާނެކަމެވެ. އަދި ކޮންމެ މައްސަލައަކަށް ހޯދޭ ހައްލެއްވެސް ފެށޭނީ ކުޑަކޮށްކަމަށެވެ. އެހެންނަމަވެސް އޭގައި މުހިއްމުކަމަކީ ގިނަ ބައެއްގެ ޚިޔާލު ހުށަހެޅުމެވެ. އަދި ގުޅިގެން ޚިޔާލުތައް ތަރައްގީކުރުމުން ހައްލު އިތުރަށް ފުރިހަމަ ވާނެކަމަށެވެ. މައްސަލަތަކަށް ހައްލުހޯދުމަށް ވިސްނާ ފަރާތްތަކަކީ ރޭގަނޑުގެ ނިދި ނަގާލާފައިވާވެސް އެކަމަށް ހައްލުހޯދުމަށް ވިސްނާ ފަރާތްތަކެއް ކަމަށެވެ.

ސޮލިއުޝަންސް ސަފާރީގެ ފުރަތަމަ ބުރުގައި ޚިޔާލު ހުށަހެޅުމަށް ކަނޑައަޅާފައިވާ މަޢުލޫއަކީ، ދިވެހި ޒުވާނުން ވަޒީފާ ނުވަތަ ތަމްރީން ހޯދުމަށް ބާރުއަޅުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ. މިމައްސަލައަށް އެހީތެރިވެދެވޭނެ ޚިޔާލެއް އޮތް ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ. ސޮލިއުޝަން ސަފާރީ ޕްލެޓްފޯމުގައި އެ ޚިޔާލެއް ހިއްސާކުރައްވާށެވެ. ފުރަތަމަ ބުރުގައި ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 13 މެއި 2021 އެވެ. ޚިޔާލު ހުށަހެޅުއްވުމަށް މިލިންކް ބޭނުންކުރައްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.