ޓެކް ދާއިރާގައި އަންހެނުން މަދީ ކީއްވެ؟

ހިންދު ޢަލީ 22 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަންހެނުންނާ ފިރިހެނުންގެ މެދުގައި އޮންނަ ފަރަގަކީ މުޅި ދުނިޔޭގައި ވެސް ދެކެވޭ ވާހަކައެކެވެ. ދައްކަން މިއުޅެނީ ހަމަ އެވާހަކައެވެ.

ވަޒީފާގެ މާހައުލުގައި އޮންނަ ތަފާތު - މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ހާލަތު ވަރަށް ބޮޑުތަން ރަނގަޅެވެ. އަންހެނުން އެކި އެކި ދާއިރާގައި ވަޒީފާ އަދާކުރާ އަދަދުތައް މިހާރު ފިރިހެނުންނެކޭ ގާތްގަޑަކަށް އެއްވަރު ވަނީއެވެ.

އެމެރިކާގައި 2019 ގައި ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން، އެމެރިކާގެ ވަޒީފާ އަދާކުރާ މީހުން ތެރެއިން %47 އަކީ އަންހެނުންނެވެ. ރާއްޖޭގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފައިވާ ނަންބަރުތަކުން ދައްކާ ގޮތުން ރާއްޖޭގައި މި ޢަދަދު އުޅެނީ %45 ހިސާބުގައެވެ.

ވަޒީފާގައި އަންހެނުންގެ ބައިވެރިވުމަށް މިގޮތަށް ކުރިއެރުން ލިބިފައިވީ ނަމަވެސް ހުރިހާ ކަމެއް އަދި ރަނގަޅެއް ނޫނެވެ. ވަޒީފާތަކުގައި އުޅޭ އަންހެނުންގެ ޢަދަދު އިތުރުވި ނަމަވެސް، ސީނިއަރ ލެވެލް ނުވަތަ ލީޑަރޝިޕްގައި މަސައްކަތް ކުރާ އަންހެނުންގެ އިންސައްތަ ދުނިޔޭގެ ލެވެލްގައި އަދި ރާއްޖޭގައި ވެސް ދަށެވެ. އެ ޢަދަދު އެމެރިކާގައި އުޅެނީ %26 ގައެވެ. އެންބީއެސްއިން ހާމަކޮށްފައިވާ ގޮތުންނަމަ މެނޭޖީރިއަލް މަގާމުތަކުގައި ރާއްޖޭގައި އަންހެނުންގެ އިންސައްތަ އަކީ 22 އެވެ.

މަޢުލޫމާތު: އެންބީއެސް


ޓެކް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ޢަދަދު ވެސް އަދި އެކަށީގެންވާ ވަރަކަށް ރަނގަޅެއް ނޫނެވެ. މިހާރު ވެސް ޓެކްގެ އެކި އެކި ދާއިރާއިން އަންހެނުންނަށް ލިބޭ ފުރުސަތުތަކާ އަންހެނުންނަށް ކިޔާ މަރުހަބާ ވަރަށް ދަށެވެ.

އެމެރިކާގައި 2018 ގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ޓެކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އަންހެނުންނަކީ 25 އިންސައްތައެވެ. އެންބީއެސްއިން ނެރެފައިވާ ސްޓެޓިސްޓިކްގެ ތެރޭގައި އެކި ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އިންސައްތަ ހިމެނިފައި ވެއެވެ. މީގައި އަންހެނުން ގިނަ ކަމަށް ދައްކާ ވަޒީފާތަކަކީ ނަރުހުންނާއި ޓީޗަރުންނާއި ވަކީލުންނެވެ. ދެން ފާހަގަ ކޮށްފައިވާ ގިނަ ދާއިރާތަކުގައި އަންހެނުންގެ އިންސައްތަ ވަރަށް ދަށެެވެ.

ޓެކް ދާއިރާގެ ޢަދަދު ގްރާފްގައި ފެންނާކަށް ނެތެވެ. މީގެ ސަބަބެއް ކަމަށް ލަފާކުރެވެނީ މިފަދަ ދިރާސާއެއް ޓެކް ދާއިރާ ހިމެނިފައި ނުވުން ނުވަތަ ހިމެނިފައިވީ ނަމަވެސް ލިބިފައިވާ ޑޭޓާގެ އަދަދު މާމަދުވުމެވެ. ވިމެން އިން ޓެކް މޯލްޑިވްސްއަށް މިހާތަނަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބުނެވޭނީ ޓެކް ދާއިރާގައި އަންހެނުންގެ ޢަދަދު ފިރިހެނުންނާ އަޅާބަލާފައި މާ ބޮޑަށް ވެސް ދަށް ކަމަށެވެ. ވިމެން އިން ޓެކް މޯލްޑިވްސް ޖަމިއްޔާގައި އަންހެނުން ތިބި ނަމަވެސް އެއީ މިދާއިރާގައި މަސައްކަތް ކުރާ އެންމެންގެ ވަރަށް ކުޑަ އިންސައްތައެކެވެ.

ޓެކް ދާއިރާގައި އަންހެނުން މަދުކަމަށް ބާރު ލިބޭ އަނެއް ހެކި ތިޔަ ބޭފުޅުންނަށް ވެސް ފެނިފައި ހުރުން އެކަށީގެންވެއެވެ. މިސާލަކަށް ޓެކްނޮލޮޖީގެ މާއްދާތައް ކިޔަވާދޭ ކްލާސްރޫމެއްގައި ތިބީ ކިތަށް އަންހެނުން އަދި ފިރިހެނުންތޯ އަޅާކިޔާލާށެވެ. ނުވަތަ ވަޒީފާގެ މާހައުލަށް ބަލާލައިފި ނަމަ ތިޔަ އޮފީސް ނުވަތަ އިދާރާގެ އައިޓީ ސެކްޝަނުގައި އުޅެނީ ކިތައް އަންހެނުންތޯ ވިސްނާލާށެވެ. ހަގީގަތަކީ އަދިވެސް އަހަރެމެން ބޭނުން ހިސާބަށް މިނަންބަރުތަކެއް ނުދެއެވެ. ދުނިޔޭގައި ވެސް ނަންބަރުތައް މަދެވެ. އަދި ރާއްޖޭގައި އެއަށް ވުރެ މަދެވެ. މިއިންޑަސްޓްރީގައި އެކަނި ވެސް މިންތީގެ ހަމަހަމަކަމަށް ދާން އަދި ވަރަށް ގިނަ ދުވަސް ނަގާނެއެވެ.

ޓެކް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ހައިސިއްޔަތުން، އަޅުގަނޑުމެން ދެކޭގޮތުގައި މިދާއިރާގައި އުޅެނީ 3 ބާވަތުގެ އަންހެނުންނެވެ.

- މިދާއިރާގައި އަންހެނުން މަދުކަން އެނގި، އެކަމަށް ހައްލުހޯދަން މަސައްކަތްކުރާ އަންހެނުން.

- އަންހެނުން މަދުވާކަން އިހުސާސްވެ އެހެންނަމަވެސް ދިމާވެފައިވާ ދަތިތަކާ ގޮންޖެހުންތަކުގެ ސަބަބުން ދާއިރާއާ މެދު މާޔޫސްވެ، ދާއިރާ ދޫކޮށްލާ އަންހެނުން.

- އަދި ވަރަށް މަދު ހާލަތެއްގައި ތިމަންނާ މިއީ އިދާރާއެއްގެ އައިޓީ ސެކްޝަނުގައި އިން ހަމަ އެކަނި އަންހެނާކަން އިހުސާސް ނުވާ އަންހެނުންނެވެ. މީގެ މާނައަކީ އޭނާއަށް އެ ތަފާތު އިހްސާސް ނުކުރެވޭ މީހާއެވެ. އެއީ އެއިދާރާގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމެއް ނެތް އިދާރާތަކެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ގިނައީ މަތީގައި ދެންނެވުނު 2 ވަނަ ކެޓަގަރީއަށް ފެތޭ މީހުންނެވެ. މިދާއިރާގައި ކޮންމެވެސް މިންވަރެއްގެ ދަތިތަކަކާއި ކުރިމަތި ނުވާ އަންހެނެއް މަދުވާނެއެވެ.

މިދާއިރާގައި އަންހެނުން މަދުވާ ސަބަބުތަކަށް ބަލާލަމާތޯއެވެ.

1. މިދާއިރާއިން ކިޔަވާ ކުދިން ނުވަތަ މީހުން މަދުވުން

ސްޓެމްގެ އެކި ދާއިރާތައް އަޅާކިޔާލައިފިނަމަ އެންމެ ގިނައިން އަންހެނުން ކިޔަވާ ދާއިރާއަކީ ސައިންސެވެ. އެއީ ބައޮލޮޖީ ނުވަތަ ކެމިސްޓްރީ ކިޔަވައިގެން މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވެ މަސައްކަތް ކުރާ ފަރާތްތަކެވެ. ޑޮކްޓަރުންނަށް ލިބޭ މުސާރައާއި ލިބޭ ޕްރެސްޓީޖް މިއީ ސައިންސް ދާއިރާ އިޚްތިޔާރުކޮށް ބައެއް ފަރާތްތައް މެޑިސިން އިޚްތިޔާރުކުރާ ސަބަބެއްކަމަށް ވެދާނެއެވެ. ޓެކްނޮލޮޖީއާއި އިންޖިނިއަރިންގ ދާއިރާއިން ކިޔަވާ އަންހެން ކުދިންގެ އަދަދުތައް މަދެވެ. އޭގައި ހިމެނޭނީ ފިޒިކްސް ނުވަތަ މެތްސް ނުވަތަ ކޮމްޕިޔުޓަރ ސައިންސް ފަދަ މާއްދާތަކެވެ. އެގޮތަށް ޚިޔާރުކުރާ ބައެއް ކުދިން މިގޮތަށް ނިންމާ ސަބަބަކީ އެމާއްދާތައް އުނދަގޫވުން ކަމަށްވެއެވެ. މިހެން މިވަނީ ދާއިރާއާއި ގުޅޭ ރަނގަޅު މަޢުލޫމާތު ކުދިންނަށް މަތީ ތަޢުލީމުގެ ދާއިރާ ނުވަތަ ކެރިއަރ އިޚްތިޔާރުކުރާ ދުވަސްވަރު ނުލިބުމެވެ. (މަޢުލޫމާތު: ޕްރައިޒްވޯޓަރ ކޫޕަރ އިން ތައްޔާރުކޮށްފައިވާ ދިރާސާ ރިފޯޓް "ވިމެން އިން ޓެކް - ޓައިމް ޓު ކްލޯސް ދަ ޖެންޑަރ ގެޕް")

ސްކޫލްތަކާއި ކޮލެޖްތަކުގައި މިކަމަށް ކުރެވޭ މަސައްކަތް އިތުރުކުރުން މުހިއްމެވެ. ކެރިއަރ ގައިޑެންސްއަކީ މިހާރު ރާއްޖޭގައި ސްކޫލް ލެވެލްގައި ހިމެނޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް އިތުރު ކުރަން މުހިއްމު ކަމެކެވެ. މީގެ އިތުރުން އިހުނާއި ހިލާފަށް ސައިންސް، ޓެކް، މެތްސް އަދި އިންޖިނިއަރިންގ ފަދަ މާއްދާތަކުން ކުރެވިދާނެ އިނޮވޭޓިވް އަދި އީޖާދީ ކަންތައްތައް ދައްކުވައިދޭ އެކި އެކި އިވެންޓްތައް މިހާރު ސްކޫލް ލެވެލްގައި ޕްލޭންކުރާ ތަނެއް ނުފެނެއެވެ. މިއީ ހާއްސަކޮށް ގްރޭޑް 8 އާއި 12 އާއި ދެމެދުގެ ކުދިން މިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. ޓެކަށް ހާއްސަކޮށް ފެއަރ، ފެސްޓިވަލް، މުބާރާތް ފަދަ ހަރަކާތްތައް ހިންގުމުގެ ސަބަބުން ކުދިންނަށް ގިނަ މަޢުލޫމާތު ލިބޭނެކަން ކަށަވަރެވެ. ހާއްސަކޮށް ޓެކް ދާއިރާއަށް ބަލައިލައިފިނަމަ ކުދިންނަށް ކިޔަވައިދޭ މުގައްރަރު އަޕްޑޭޓްކޮށް ފަހުގެ ޓެކްނޮލޮޖީގެ މަޢުލޫމާތު ހިމެނުމަކީ، މި ދާއިރާ ކުރިއަރުވަން ކުރެވިދާނެ ކަމެކެވެ. މީގައި ވީހާވެސް ގިނައިން އަމަލީ މަސައްކަތްތައް ހިމެނުމާއި، އެންމެ ކުޑައިރުން ފެށިގެންވެސް މިކަމަށް ޝައުގު އުފެއްދުމަށް މަސައްކަތް ކުރެވިދާނެއެވެ. އަދި ހައިސްކޫލް ލެވެލްގައި މިފަދަ ފުރުސަތު ގިނަ ކުރެވިދާނެއެވެ.

2. ކިޔަވާ ނިމިގެން ޓެކް ދާއިރާ ޚިޔާރު ނުކުރުން

ކިޔަވާ ނިމިގެން ވަޒީފާއެއް ހޯދުމުގެ މަރުހަލާގައި ވަރަށް ގިނަ އަންހެން ކުދިން ޓެކް ދާއިރާ ޚިޔާރު ނުކުރެއެވެ. މީގެ އެއް ސަބަބަކީ މިދާއިރާގައި އަންހެނުން އުޅޭކަން ނޭގުމުގެ ސަބަބުން ޖެހިލުންވުމެވެ. ގިނަ ފަހަރަށް ޓެކް މަސައްކަތް ކުރާތަން ފެނިފައިވަނީ ފިރިހެނުންކަމުން، އެފަދަ ވަޒީފާއަކީ އަންހެނުންނާއި ނުގުޅޭ ވަޒީފާކަމަށް ސިފަވެފައި އޮވެދާނެއެވެ. މިދާއިރާއަކީ އަންހެން ކުދިންނަށް އޮޕްޝަނެއްކަން ނޭގޭ ފަރާތްތައްވެސް ތިބެއެވެ.

ދެން ދިމާވާ އަނެއް މައްސަލައަކީ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބުމެވެ. ބައެއް ފަހަރު މައިންބަފައިން ބުނާ ބުނުމަށް 'އަންހެންކުދިންނާއި އެކަށީގެންވާ' ދާއިރާއެއް ހިޔާރުކުރެއެވެ. ދާއިރާގެ މަގާމުތަކާއި އެމަގާމުތަކުގައި ކުރިއެރުން ލިބޭނެ ގޮތްތަކެއް ފެންނަން ނެތުމާއި އާމްދަނީ ލިބޭނީ ކިހާވަރަކަށްކަން ނޭގުން މިއީ ވެސް ސަބަބެކެވެ.

މިކަމުގައި އެންމެ ބޮޑު މައްސަލައަކީ ހަމަ މިދާއިރާގެ މަޢުލޫމާތު، އަންހެން ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ނޭގުމެވެ. ދާއިރާގެ މަގާމުތަކުގައި ކުރަނީ ކޮންކަމެއްކަމާއި، އޭގައި ހުރި ފަސޭހަ ކަންތަކާއި އުނދަގޫ ކަންތަކަށް އަހުލުވެރި ނުވުމެވެ. ޓެކް ދާއިރާގައި ހުރި ޓެކް އަދި ނޮން-ޓެކް މަސައްކަތް އިނގުންވެސް މުހިއްމެވެ.

މިކަމަށް އަހުލުވެރިކުރުމަށް ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އެންޖީއޯތަކަށް މުހިއްމު ރޯލެއް އަދާކުރެވިދާނެއެވެ. އައިޓީ އަދި އިންޖިނިއަރިންގ ފަދަ އަންހެން ކުދިން މަދު ދާއިރާތައް ކުރިއަރުވަން މަސައްކަތް ކުރާ ސިވިލް ސޮސައިޓީ އޮގަނައިޒޭޝަން ނުވަތަ އެންޖީއޯތަކުން އެދާއިރާތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގިދާނެއެވެ. މިދާއިރާގައި ހިމެނޭ ފިރިހެނުންގެ އެއްބާރުލުމާއިއެކު އަންހެނުންނަށް މިދާއިރާއަށް މަރުހަބާ ކިޔާ، ކުރިއަރުވަން މަސައްކަތް ކުރެވިދާނެއެވެ. ސަރުކާރާއި އެހެން އިދާރާތަކުގައި މިދާއިރާގައި މަސައްކަތް ކުރާ އަންހެނުން އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ، ރޯލް މޮޑެލްސް ގޮތަށް ބަޔަކު ތިބިކަން ދެއްކިދާނެއެވެ. މިއީ ބީރައްޓެހި ދާއިރާއެއް ނޫންކަން ސާބުތިކޮށްދިނުމަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ހޭލުންތެރިކުރުމުގައި ހިމަނަންވީ ހަމައެކަނި އަންހެން ކުދިންނެއް ނޫނެވެ. ކުދިންގެ ބެލެނިވެރިންނާއި އާއިލާތައް ވެސް ހިމެނޭ ގޮތަށެވެ.

3. ޓެކް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ދިމާވާ ދަތިތައް

ޓެކް ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ވަޒީފާއިން ވަކިވެގެން ދާ އަދަދު އެހެން ދާއިރާތަކާ އަޅާ ބަލާއިރު ގިނައެވެ. މީގެ ތެރޭގައި ދިމާވާ ގޮންޖެހުމުގެ ސަބަބުން ކެތްނުކުރެވިގެން ވަކިވާ އަންހެނުންނާއި، ދަރިން ލިބި އާއިލާއެއް ބެލެހެއްޓުމަށް ވަޒީފާއިން ވަކިވެ އަނބުރާ ވަޒީފާއަށް ނުކުންނަން ދަތި އަންހެނުން ހިމެނެއެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކޯޑް ކުރަން ނުވަތަ ޓެކްނިކަލް މަސައްކަތް ދަސްކުރަން ބާރު އަޅާ، އެފަދަ ހުނަރުތައް ދަސްކޮށް ދިނުމުން އެކަން ނިމުނީކީއެއް ނޫނެވެ. މީގެ އިތުރުން އަންހެނުން ވަކިވާ ސަބަބު ދެނެގަނެ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަންވެސް ޖެހެއެވެ.

ފޮޓޯ: Standsome Worklifestyle on Unsplash


ތިރީގައި މިހިއްސާކޮށްލަނީ ވިމެން އިން ޓެކް މޯލްޑިވްސްގެ ބައެއް އަންހެން މެންބަރުންނަށް ވަޒީފާ ހޯދުމާއި އަދާކުރުމުގައި ދިމާވެފައި ހުރި ބައެއް ދަތިތަކެވެ.

- މިދާއިރާގައި އަންހެނުންނަށް ލިބޭ ފުރުސަތު ބައެއް ފަހަރު ހަނިވެއެވެ. ޓެކް ދާއިރާއިން ކިޔަވައިގެން ތިބޭ އަންހެން ކުދިންނަށް ހަވާލުކުރެވޭ ޓެކް މަސައްކަތް މަދެވެ. އަންހެނުންނަށާއި ފިރިހެނުންނަށް ހަވާލު ކުރެވޭ މަސައްކަތް ތަފާތުކުރާތަން ފެނެއެވެ. އައިޓީ ޑިޕާޓްމަންޓްގެ އިދާރީ މަސައްކަތާއި މީޓިންގ ހަމަޖެއްސުން ފަަދަ ކަންކަން ޑިފޯލްޓްކޮށް އަންހެނުންނާއި ހަވާލުކުރާތަން ފެނެއެވެ. މިއާއި ހިލާފަށް ދާއިރާގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ހަމައެކަނި ފިރިހެނުންނާއި ހަވާލުކުރެއެވެ. މީގެ ސަބަބުން އައިޓީ ދާއިރާގައި އަންހެން ކުދިންގެ "ސެންސް އޮފް ބިލޯންގިންގ" ކުޑަވެ، ކުރިއަރާނެ ފުރުސަތު ނުލިބި، ދާއިރާ މަތިން ފޫހިވެއެވެ.

"ބައެއް ޓެކް އިދާރާތަކުން އަންހެނުން ވަޒީފާތަކަށް ނަގަނީ ގޮޅިއެއްގައި ފާހަގަލުމުގެ ބޭނުމުގައި. އެކަން ދޭހަވަނީ މަސައްކަތް ހަވާލުކުރެވޭއިރު ތަފާތުކުރުން އޮންނާތީ. ޓެކް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ހަމަ ފިރިހެނުންނެކޭ އެއް ފެންވަރެއްގައި މަސައްކަތް ކުރެވޭނެ." - ޝަޒްރާ މުޙައްމަދު ސަޢީދު، އައިޓީ މެނޭޖަރ

- 'އަންކޮންޝަސް ބައެސް' މީގެ މާނައަކީ ނޭގި ތިބެ އިދާރާގެ ނުވަތަ އެކީގައި މަސައްކަތް ކުރާ ފިރިހެނުންގެ ފަރާތުން ދިމާވާ ތަފާތުކުރުމެވެ. މިސާލަކަށް ޓެކް މަޢުލޫއަކަށް ކުރެވޭ ބަހުސެއްގައި އަންހެނެއް ދައްކާވާހަކައަށް މާ ބޮޑު އަހައްމިޔަތުކަން ނުދިނުމެވެ. ނުވަތަ ޓެކް މައްސަލައެއް ހައްލުކުރުމަށް އަންހެނުން ދޭ ހިޔާލުތައް ބަލައި ނުގަތުން ނުވަތަ އިސްކަން ނުދިނުމެވެ. މީގެ ދެވަނަ ލެވެލްއެއް ވެސް ބައެއް ފަހަރު ފެނިފައި އެބަހުުއްޓެވެ. އެއީ ފިރިހެނެއްގެ ހިޔާލާ ދެކޮޅަށް ވާހަކަ ދައްކައިފިނަމަ އެ އަންހެނެއް ނޭދެވޭ ގޮތަކަށް ލޭބަލް ކުރެވި، ފިރިހެނުންނަށް ދޭންޖެހޭ ރެސްޕެކްޓް ނުދޭކަމަށްވެސް ބައެއް ފަހަރު ބަލައެވެ. ނުވަތަ އަންހެނުންނަކީ މާ 'އިމޯޝަނަލް' ނުވަތަ 'ބޮސީ' ބައެއްކަމަށް ލޭބަލްކުރެއެވެ.

- އަންކޮންޝަސް ބައެސް ދެން ދިމާވާ ހާލަތަކީ އިދާރާގެ މަސައްކަތުގެ މާހައުލު ހަމައެކަނި ފިރިހެނުންގެ ބޭނުމަށް ފިޓްކޮށްފައި ހުރުމެވެ. މިސާލަކަށް ފިރިހެނުން ގިނަ އައިޓީ ޑިޕާރޓްމަންޓެއްގައި ފިރިހެނުން ބޭނުންގޮތަށް ތަނުގެ މާހައުލާއި، ރިސޯސަސް ހުރެއެވެ. ފާހާނާ ފަދަ ތަންތަން ފިރިހެނުންނާއެކު ޝެއަރކުރަން ޖެހުމަކީ މިގޮތުން ފާހަގަ ކޮށްލެވޭ އާދައިގެ ކަމެކެވެ. މީގެ އިތުރުން ގިނަ ފިރިހެނުންތަކެއް އެކީގައި ތިބެގެން ސަމާސާ ކުރުމުގެ ނިޔަތުގައި ނަމަވެސް އަންހެނުން ދަށްކޮށް ނުވަތަ ދިމާކޮށް ވާހަކަ ދެކެވޭފަހަރު ވެސް ދިމާވެއެވެ. މިފަަދަ ކަންތައްތަކުގެ ސަބަބުން އޮފީސް މާހައުލު އަންހެނުންނަށް އެންމެ 'ކޮމްފޮޓަބަލް'އެއް ނުވެއެވެ.

- އަންކޮންޝަސް ބައެސްގެ އަނެއް މިސާލަކީ އަންހެނަކާއި ފިރިހެނެއް އެކީގައި މަސައްކަތް ކުރާނަމަ ޑިފޯލްޓްކޮށް ފިރިހެން މީހާއަކީ ސީނިއަރ މީހާކަމަށް ބެލުމެވެ. ޓެކްނިކަލް މައްސަލެއް ހައްލުކުރުމަށް، ލީޑަރޝިޕް މަގާމުތަކުގައި ތިބޭ އަންހެނުންގެ ފަރާތުން ލިބޭ ރަނގަޅު ޚިޔާލުތައް ބަލައި ނުގަންނަ ހާލަތު އާދެއެވެ. ނުވަތަ އެހިޔާލުތައް އަދި އިތުރަށް ފިރިހެނަކު ލައްވާ ވެލިޑޭޓް ކުރަނީވެސް މަދެއްކޮންނެއް ނޫނެވެ.

"އައިސީޓީ ދާއިރާއަށް އަންހެންކުދިން ނުވަންނަނީ މިދާއިރާއަށް ޝައުގުވެރިކަން ހުރެ، ދާއިރާއިން ކިޔަވައިގެން އަދި ތަޖުރިބާ އާއެކު އަންހެންކުދިން ކުރިމަތިލުމުންވެސް، ފިރިހެނުންނަށް އިސްކަން ދިނުމުގެ އާދަ އޮންނާތީ. އަނެއްކަމަކީ ވަޒީފާއަކާއި ހަމައަށް ދެވުނަސް ބައެއް ކަންކަން އަންހެން ކުދިންނަށް ނުކުރެވޭނެ ކަމަށް ދެކި އެކަންކަމުގެ ތަޖުރިބާ އިތުރުކުރުމަށް ފުރުސަތު ނުލިބޭތީ." - ސިސްޓަމް އެޑްމިނިސްޓްރޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެއް

- ޓެކް ވަޒީފާއަކަށް އަންހެނަކު ހޮވަން ކުރާ އިންޓަވިއުގައިވެސް ތަފާތުކުރާތަން ފެނެއެވެ. ޓެކްއަކީ ފިރިހެނުންކުރާ މަސައްކަތެއްކަމާއި، އަންހެނުން ކުރާކަހަލަ ކަމެއް ނޫންކަން ދޭހަވާފަދަ ސުވާލުތައް އަންހެނުންވީތީ ކުރިމަތިކުރުވައެވެ. މިސާލަކަށް ދަރިން ތިބުމުން މަސައްކަތް ރަނގަޅަށް ކުރެވޭނެތޯ، ނުވަތަ އަޅާ ހެދުމެއް ސަބަބުން މަސައްކަތަށް ދަތިވާނެތޯ، ފިރިހެނުންނާއި އެކީގައި މަސައްކަތް ކުރެވޭނެތޯ، ނުވަތަ ފިރިހެނުންނާއެކު މަސައްކަތް ކުރާ އިރު ފިރިމީހާ ނުވަތަ ބިޓު ހިތްހަމަނުޖެހޭނެތޯ، އެކީގައި މަސައްކަތް ކުރާ ފިރިހެނުންގެ ސައިކަލް ފަހަތަށް އެރޭނެތޯ، މިފަދަ އެތަކެއް ސުވާލު ތަކެއް ކުރިމަތި ކުރުވައެވެ. މިފަދަ ސުވާލުތައް ފިރިހެނުންނާއި ކުރާކަމަކަށް ނުވެއެވެ. ވަޒީފާއަށް މީހަކު ކުރިމަތިލާނީ އެކަމަށް ޝަރުތުހަމެވެ، ކެރިންގެންނެވެ. އެފަދަ ސުވާލުތަކުންވެސް އަންހެނެއްގެ ހިއްވަރު އެލުވާލާ ފަހަރު އަންނާނެއެވެ.

- މީގެ އިތުރުން އަންހެނުންނަށް އެންމެ ގިނައިން ދިމާވާ ދަތިކަމަކީ ވިހެއުމާއި ގުޅިގެންނާއި ދަރިން ބެލުމާގުޅޭ ޒިންމާތަކާއި ގުޅިގެން ނަގާ ބްރޭކް ނުވަތަ ޗުއްޓީތަކާއި މެދު އެކީގައި މަސައްކަތް ކުރާ ބައެއް ފިރިހެނުންގެ ނުރަނގަޅު ޚިޔާލެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިއީ އަންހެނުންނަށް ލިބޭ އަންފެއަރ އެޑްވާންޓޭޖެކެވެ. މިކަހަލަ ހިޔާލުތަކަށް ގޮންޖަހާ ކުރިއަށް ދިޔުމަށް ބައެއް އަންހެނުންނަށް އުނދަގޫ ވެއެެވެ.

މިއީ ޓެކް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ހަމަ ހަގީގަތުގައިވެސް ދިމާވެފައިވާ މައްސަލަތަކެވެ. މީގެތެރެއިން ބައެއްކަންތައްތަކަކީ ޓެކް ވަޒީފާގައި ނޫނަސް ދިމާވެދާނެ ދަތިތަކެވެ.

ޓެކް ދާއިރާއަށް އަންހެނުން އިތުރު ކުރަންވީ ކީއްވެ؟

މަދުން ނަމަވެސް ފިރިހެނުން އަންހެނުންނާއި ކުރިމަތިކުރާ ސުވާލެއް އޮވެއެވެ. ޓެކް ދާއިރާއަށް އަންހެނުން އިތުރު ކުރަންވީ ކީއްވެހެއްޔެވެ؟ ހަމަ އިތުރުކުރަން އިތުރުކުރާ އިރު ދާއިރާގެ ކޮލިޓީ ދައްވާނެކަމަށެވެ. އަހަރުމެން ދައްކާ ވާހަކައަކީ އަންހެނަކަށް ވީތީ ވަޒީފާތަކަށް ނަގާށެކޭ ނޫނެވެ. އެހެން ނަމަވެސް އަންހެނަކަށް ވީތީ ނުނަގައިގެންވެސް ނުވާނެތާއެވެ. އަންހެނުންވެސް ވަޒީފާތަކަށް ނަގާނީ ކޮލިފައިވާނަމައެވެ. އަދި އަންހެނުންނަށް ލިބޭ 'އިކުއިޓީ' ހޯދައި ދިނުމަށެވެ. އަންހެނުންނާއި ފިރިހެނުން ތަހައްމަލު ކުރާނީ އެއް ކަންތައްތަކެއް ނޫނެވެ. އާންމުކޮށް އަންހެނުންނަކީ ޑިސްއެޑްވާންޓޭޖްތަކެއް ބުރަކަށި މައްޗަށް ބަރުކޮށްގެން ހިނގަންޖެހޭ ބައެކެވެ. ހަމަހަމަކަން ގެނައުމަށް މި ޑިސްއެޑްވާންޓޭޖް ކުޑަކުރުމަށް 'އެކްސްޓްރާ" ކަންތައްތަކެއް ކުރަން ޖެހެއެވެ.

އަންހެނުންނަކީ އާބާދީގެ އެއްބައެވެ. ޚިދުމަތް ހޯދުމަށް ނުކުންނަ މީހުންގެ ތެރޭގައިވެސް ދެބައި ކުޅަ އެއްބަޔަކީ އަންހެނުންނެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ދޭ ޚިދުމަތްތަކާއި އުފައްދާ ޑިޖިޓަލް ޕްރޮޑަކްޓްތައް ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންވެސް ބޭނުންކުރާނެއެވެ. މިފަދަ ހިދުމަތްތައް ޑިޒައިންކުރާ އިރު އަންހެނުންގެ "ޕޮއިންޓް އޮފް ވިއު" އިން ވިސްނަނީ ވަރަށް މަދުންނެވެ. ޑިފޯލްޓްކޮށް "މީހުން" އަކީ ފިރިހެނުންކަމަށް، ގިނަ ފަރާތްތަކުން ދެކެއެވެ. އެހެން ކަމުން ޑިޖިޓަލް ޕްރޮޑަކްޓްތައް އުފެއްދުމުގައި ވެސް ގިނަފަހަރަށް ބަލާފައި ހުންނަނީ ފިރިހެނުންގެ ޚިޔާލެވެ. އަންހެނުން ޓެކް ދާއިރާއަށް އިތުރުކުރަންވީ މިހެންވެއެވެ. އޮންލައިން ޚިދުމަތްތަކާއި މޯބައިލް އެޕްތައް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި އަންހެނުންގެ ޚިޔާލު ހިމެނުން މުހިއްމެވެ. އަންހެނުންނަށް ދިމާވާ ދަތިތައްވެސް އިގޭނީ ހަމަ އެމީހުންނަށެވެ.

އަންހެނުން މިދާއިރާއަށް އިތުރު ކުރެވޭތޯ މަސައްކަތްކުރުމަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ މައިގަނޑު އެއް މަގުސަދެވެ. މިމަސައްކަތުގައި އުޅޭ އިރު އެންމެ އުފާވާ އެއްކަމަކީ މިކަމަށް ޝައުގުވެރިވާ ޒުވާން އަންހެން ކުދިންނާއި ދިމާވާތީއެވެ. މުސްތަގުބަލުގައި މިދާއިރާއަށް އަންނާނެ ދިވެހި އަންހެނުން އުފެދޭ ތަން ފެންނާތީއެވެ. އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް އެބަ ކުރެވެއެވެ. މިއީ ހަމައެކަނި އެއްބަޔަކު ކޮށްގެން ހައްލު ލިބޭނެ ކަމެއް ނޫނެވެ. އެންމެން އެކީގައި މަސައްކަތް ކޮށްގެން މި ކަންތައްތަކަށް މަސައްކަތް ކޮށްފި ނަމަ އެދެވޭ ނަތީޖާ ފެންނާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.