ރައްކާތެރިގޮތުގައި ޓެކްނޮލޮޖީގެ ބޭނުންހިފުން

ޝުޖާޢަތު ރަޝީދު 26 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެކްނޮލޮޖީ މިދަނީ ޒަމާނާއި އެއްގޮތައް ބަދަލުވަމުން އައު އީޖާދުތަކާއި އެކީ ތަރައްގީވަމުންނެވެ. މީގެ މާނައަކީ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ކޮންމެ ދުވަހަކުވެސް އަހަރެމެން މިދަނީ ފަސޭހަވެ ފަރުވާ ކުޑަކުރަމުންނެވެ.

މިހެންކަމުން، ޑޭޓާ ބޭނުންކޮށް އިންޓަނެޓްގެ އެހީގައި ތަފާތު އެކި ވައްތަރުގެ ވައްކަންކުރާ މީހުންނަށްވެސް ފުރުސަތުތައް މިދަނީ އިތުރުވަމުންނެވެ.

ސޯޝަލް މީޑިއާގައި، ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އަމިއްލަ ފޮޓޯއާއި މަޢުލޫމާތު ފެށުނީއްސުރެން ގިނަ ބަޔަކު ދަނީ އަބަދުވެސް ޕޯސްޓް ކުރަމުންނެވެ. މިހާރު ފޭސްބުކް ފަދަ ތަންތަނުގެ ޑޭޓާ ޕްރައިވަސީ ޕޮލިސީތަކަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލު ގެނެސްފައެވެ.

ޕިންޑްރޮޕް (ޓެކްނޮލޮޖީގެ އެހީގައި ފްރޯޑު ފޯންކޯލްތައް ދެނެގަންނަ ސޮފްޓްވެއާ އުފައްދާ ސެކިއުރިޓީ ކުންފުންޔެއް) ގެ ޗީފް އެކްޒެކެޓިވް ވިދާޅުވަނީ އަހަރެމެން އަބަދުވެސް ވިސްނަންވީ އޮންލައިންކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ ތަކެެއްޗަކީ އަބަދުވެސް އަހަރެމެންގެ އައިޑެންޓިޓީއާއި ގުޅިފައިވާ ތަކެތި ކަމަށެވެ. އަދި މި މަޢުލޫމާތަކީ ފްރޯޑް ކަންތައްތައް ކުރާ މީހުންނަށް އޮންލައިން އެކައުންޓުތައް ހައިޖެކް ކޮށްލަން ބޭނުންކުރެވިދާނެ ތަކެތިކަމަށެވެ.

އެހެންކަމުން މިރިޕޯޓުގައި ގެނެސްދީފައި ދެންމިވަނީ އޮންލައިން އެކައުންޓުތައް ރައްކާތެރި ގޮތުގައި ބަލަހައްޓައި ގެންގުޅެން ކުރެވިދާނެ ބައެއްކަންތައްތަކެވެ.

އެހެން މީހުންނަށް ނޭނގޭނެ ކަހަލަ ޕާސްވޯޑް ގެންގުޅުން

ކޮންމެ އޮންލައިން އެކައުންޓަކަށްވެސް ލޮގިންކުރަން ބޭނުންކުރާ ޕާސްވޯޑަކީ އެހެންމީހަކަށް، އެއީ ތިމާއާއި ކިތަންމެ ގާތް މީހެއް ކަމުގައިވިޔަސް ނޭނގޭނެ ފަދަ ޕާސްވޯޑަކަށް ވާންޖެހެއެވެ.

ސެކިއުރިޓީ ޑޮޓް އޯގްއިން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގެ 45 އިންސައްތަ މީހުން ބޭނުންކުރާ އެކައުންޓުތަކުގެ ޕާސްވޯޑްތަކަކީ ވަރަށް ފަސޭހައިން އެހެން މީހުންނަށް ދެނެގަނެވޭނެ ޕާސްވޯޑްތަކެވެ. އަދި ވޭތުވެދިޔަ އަހަރުތެރޭގައި 14 އިންސައްތަ މީހުން އެމީހުންގެ ޕާސްވޯޑްގައި "ކޮވިޑް" މި ލަފްޒު ބޭނުންކޮށްފައިވެއެވެ.

މިވައްތަރުގެ ޕާސްވޯޑް ބޭނުންކުރުމުން ގިނަ ސެކިއުރިޓީ މައްސަލަތައް ދިމާވެ އެކައުންޓުތައް ހައިޖެކް ކުރަން ބޭނުންވާ ފަރާތްތަކަށް ކަންތައްތައް ފަސޭހަވެގެންދެއެވެ.

ޕާސްވޯޑްތައް ރައްކާކުރުމަށް، ވަރަށް ގިނަ މީހުން މިހާރު ކޮންމެވެސް ޕާސްވޯޑް މެނޭޖާ އެޕްލިކޭޝަންއެއް ގެންގުޅެއެވެ. ނިވްޔޯކްޓައިމްސްއިން ފާހަގަކުރާ ގޮތުގައި އެންމެ މަޤުބޫލު އަދި އެންމެ ރަނގަޅު ޕާސްވޯޑް މެނޭޖާ އެޕްލިކޭޝަންއެއް ގޮތުގައި މިވަގުތު މާކެޓުގައި އޮތޯ ވަން.ޕާސްވޯޑް ކިޔާ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަންއަކީ އަހަރެއްގެ މައްޗަށް $36 ދައްކާލައިން ބޭނުންކޮށްލެވޭނެ އެޕްލިކޭޝަންއެކެވެ.

ފައިސާ ނުދައްކައިވެސް ބޭނުންކޮށްލެވޭ ޕާސްވޯޑް މެނޭޖާ ހުރެއެވެ. މީގެތެރެއިން ފާހަގަ ކޮށްލެވެނީ ބިޓްވާޑަންއެވެ.

ޕާސްވޯޑް މެނޭޖާއެއް ގެންގުޅުމުން އެންމެ ފައިދާވާކަމަކީ ހުރިހާ އެކައުންޓުތަކެއްގެ ތަފާތު ޕާސްވޯޑްތައް މި އެޕްލިކޭޝަންގެ ތެރޭގައި ބަހައްޓައިގެން ގެންގުޅެން ފަސޭހަވުމެވެ.

މަލްޓިފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުން

މަލްޓިފެކްޓާ އޮތެންޓިކޭޝަންއަކީ އެކައުންޓުތަކަށް ވަންނައިރު ފުރަތަމަ ޕާސްވޯޑް ޖަހައި، އަދި ދެވަނައަށް އެހެން ކޯޑެއް (އޯ.ޓީ.ޕީ) ބޭނުންކޮށްގެން އެކައުންޓަށް ވަނުމެވެ. މިގޮތައް ހެދުމުން އެމީހަކު ގެންގުޅޭ ފޯނަކަށް ކޯޑުތައް އަންނަ ގޮތް ހަދައިފައި ބެހެއްޓެއެވެ.

މިހާރުވެސް އަހަރެމެންގެ ތެރޭގައި މިގޮތައް ޕާސްވޯޑް ގެންގުޅެއެވެ. އޮންލައިންކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި އަދި އެހެނިހެން ކަންތައްތައް ކުރުމަށް ފޯނަށް އިތުރު ކޯޑެއް އަންނަ ގޮތައް އެތައް ބައިވަރު މޮބައިލް އެޕްލިކޭޝަންތަކާއި ވެބްސައިޓުތައް ބޭނުންކުރެވެ.

ޙިއްސާ ނުކުރަންޖެހޭ މަޢުލޫމާތުތައް ހިފެހެއްޓުން

ކޮންމެ ކަމެއް ކުރަންޖެހުނަސް ސްމާޓް ފޯނެއް އަތުގައި އޮތުމުން މިހާރު ވަރަށް ގިނަ ކަންތައްތައް މިވަނީ ފަސޭހަވެފައިކަން ޔަގީނެވެ. ރައްޓެހިންނާއި އާއިލާއާއިއެކު ނަގާ ފޮޓޯތައް ފޯނުގައި ބަހައްޓާއިރު މި ފޮޓޯތަކަކީ ލޮކޭޝަން ނުވަތަ ފޮޓޯ ނެގި ތަންތަން އިނގޭ ގޮތައް ބެހެއްޓިފައި ހުރިތަކެތިތޯ ބަލާ މީހުން މަދުވާނެއެވެ.

އައި ފޯނުގައި ލޮކޭޝަން އޮފްކުރާ ގޮތް

މިގޮތައް ފޮޓޯ ނަގާފައިވާ ތަން އިނގޭ ގޮތައް ހުރުމުން ބައެއް ފަހަރު ހީނުކުރާފަދަ މީހުންގެ ޝިކާރައަކަށް އަމިއްލަ މީހާ ނުވަތަ އާއިލާ މެންބަރުންނާއި ރައްޓެހިން ވެގެންދާކަންވެސް ވަރަށް ގިނަ ފަރާތްތަކުން ބުނެ އިނގެންވެސް އެބަހުއްޓެވެ.

ޓެކްނޮލޮޖީގެ އެހީގައި ބޭނުންކުރާ ފޯނުތަކާއި، ލެޕްޓޮޕް އަދި އެހެނިހެން ސްމާޓް ތަކެތި ބޭނުންކުރާއިރު އިސްކަމެއް ދޭންވީ އިންޓަނެޓު މެދުވެރިކޮށް ޙިއްސާ ކުރާ މަޢުލޫމާތަކީ ރައްކާތެރި ގޮތުގައި ޙިއްސާ ކުރެވޭ މަޢުލޫމާތުތޯ އަބަދުވެސް ބެލުމެވެ. އަދި ތިމާއަށާއި، އާއިލާ ނުވަތަ ރައްޓެހިންނަށް އެޙިއްސާކުރެވޭ މަޢުލޫމާތުތަކުގެ ސަބަބުން ނޭދެވޭ އެއްވެސްކަހަލަ ކަމެއް ވެދާނެތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ބޭންކު ކާޑުގެ މަޢުލޫމާތު، ރައްޓެހިންގެ ފޯނު ނަންބަރުތައް، ތިމާ އުޅޭ ތަން އިނގޭ ގޮތައް މަޢުލޫމާތު އެއްވެސް މީހަކާ ޙިއްސާކުރުމަކީ މާ ރަނގަޅު ކަމެއްކަމުގައި ދެކިގެން ނުވާނެއެވެ. އަބަދުވެސް ވިސްނަންވީ އަނެއް ފަރާތުގައި މަޢުލޫމާތު ލިބެން ހުރި މީހާއަކީ ކޮންމެ މީހަކަށްވެސް ވެދާނެކަމަށެވެ.

މިއަހަރު (2021)ގައި ސޭފާ އިންޓަނެޓް ދުވަހުގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ކޮށްފައިވާ ޓްވީޓެއް

ޓެކްނޮލޮޖީ ރައްކާތެރި ގޮތުގައި ބޭނުންކޮށް އޭގެ ރަނގަޅު ފައިދާ އެންމެންވެސް މިފަދަ ޒަމާނެއްގައި ލިބިގަންނަންވާނެއެވެ. ނަމަވެސް އަބަދުވެސް ތިމާއާއި އަދި އެހެންމީހުންގެ ރައްކާތެރިކަމަށް އަބަދުވެސް ބަލަންވާނެއެވެ.

ކޮންމެ އަހަރެއްގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ސޭފާ އިންޓަނެޓް" ދުވަހުގެ ގޮތުގައި 09 ފެބްރުވަރީ ފާހަގަ ކުރަނީވެސް މިފަދަ ކަންތައްތައް އެންމެނަށްވެސް އަންގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ކުރާ ކަންތައްތަކަކީ ރައްކާތެރި ކަންތައްތައް ކަމުގައި ހަދައި އެކަމަށް ބާރުއެޅުމުގެ ނިޔަތުގައެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.