ކޮވިޑް-19 އާއި ބެހޭ ދޮގު މައުލޫމާތު ފެތުރުމާއި ދެކޮޅަށް ފޭސްބުކް އިން އާންމުކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ސާބިތު ނުހިފޭ ފަރުވާ އެއް ޕްރޯމޯޓް ކުރުމުގެ ސަބަބުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ފޭސްބުކް ޕޭޖް އެކުންފުނިން ސަސްޕެންޑްކޮށްފިއެވެ.
އެގޮތުން މަދޫރޯ ވަނީ ޖެނުއަރީ މަހުގައި ފަތްޕިލާވެލިން އުފައްދާފައިވާ ބޭހަކީ މުއުޖިޒާތެއް ކަމަށް ސިފަކޮށް އޭ ބޭސް ބޭނުންކުރުމުން އެއްވެސް ކަހަލަ ސައިޑްއިފެކްޓް އެއް ނެތި ކޮވިޑް-19 ވައިރަސް ނައްތާލާނެ ކަމަށް ހާމަކޮށްފައިއެވެ. ފޭސްބުކް އިން ވަނީ މަދޫރޯގެ މި ވީޑިއޯ އަކީ އެކުންފުނިން ކޮވިޑް-19 އާއި ބެހޭ ދޮގު މައުލޫމާތު ފެތުރުމާއި ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާއި ހިލާފު ވީޑިއޯ އެއްކަމަށް ނިންމައި މި ވިޑީއޯ ޑިލީޓްކޮށްފައިއެވެ.
ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި މި ވީޑިއޯ އެކުންފުނީގެ މަންސައިން ނަގާފައިވަނީ ދުނިޔޭގެ ސިއްހަތު އިދާރާއިން ކޮވިޑް-19 އާއި ދެކޮޅަށް އެއްވެސް ބޭހެއް އަދި އެންޑޯޒް ކޮށްފައިނުވާތީއެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މަދޫރޯގެ ފޭސްބުކް ޕޭޖް 30 ދުވަހަށް ފްރީޒްކުރަން ނިންމާފައިވަނީ ތަކުރާރުކޮށް އެކުންފުނީގެ އުސޫލުތަކާއި ހިލާފަށް ޕޭޖްގައި މައުލޫމާތު ހިއްސާކޮށްފައިވާތީއެވެ. މީގެ އިތުރުން ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި އެ ޕޭޖް ފެނިގެންދާނީ ރީޑްއޮންލީ ޕޭޖެއްގެ ގޮތުގައިއެވެ.
ފޭސްބުކް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މަދޫރޯގެ ޕޭޖް ހިންގާ ފަރާތްތަކަށް މިހާރުވަނީ އެކުންފުނީގެ ނިންމުން ހިއްސާކޮށްފައިއެވެ. ފޭސްބުކް އިން މަދޫރޯގެ ޕޭޖް ފްރީޒް ކޮށްފައިވިޔަސް އެކުންފުނީގެ އިންސްޓަގްރާމްގައި ހިންގަމުންދާ މަދޫރޯގެ ޕޭޖަކަށް މީގެ އަސަރެއް ނުކުރާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި