ރޭޒާ (R Λ Z Ξ R)، ސިންގަޕޫރު-އެމެރިކާގެ މަލްޓިނެޝަނަލް ޓެކްނޮލޮޖީ ކުންފުންޔަކުން ހައި-ޓެކް މާސްކެއް އުފެއްދުމަށް ތައްޔާރުވަމުން އެބަދެއެވެ.
މި މާސްކަކީ ރައްކާތެރި، ރައްޓެހި، ގިނަދުވަހަށް ގެންގުޅެވޭ، ފަސޭހަ އަދި އަމިއްލައަށް ކުލަ ބަދަލުކޮށްލެވޭ ކަހަލަ މާސްކެކެވެ. ރޭޒާއިން ނެރެފައިވާ މާސްކުގެ ނަމޫނާއެއް ދައްކާލާ ވީޑިއީއޯއެއްގައި މާސްކު ޑިޒައިން ކުރެވިފައިވާ ގޮތްތަށް ވަރަށް ތަފުސީލުކޮށް ކިޔާދީފައިވެއެވެ.
ރޭޒާގެ ޕްރޮޖެކްޓް ހޭޒަލްގެ މިމާސްކު ރައްކާތެރިކަން އަންގައިދެނީ، މިމާސްކު އުފައްދާފައިވަނީ ސާޖިކަލް-އެން-95 މާސްކެއް ފަދައިން ޖަރާސީމުތައް ފިލްޓަރުވެ، އަޅައިގެން ހުންނަ މީހާއަށް ރަނގަޅަށް ވައިދައުރުވުމަށް އެހީވެދީ އަދި ޔޫ.ވީ ލައިޓެއްގެ އެހީގައި މާސްކު ޑިސްއިންފެކްޓުކޮށްދީ ބެކްޓީރިއާ މަރާލުމަށް އެހީވެދެތީވެއެވެ. މާސްކުގެ ވައިދައުރުވާއިރު ބޭރުވާ CO2 ނުހިފަހައްޓާ ރައްކާތެރިކަމާއެކު ބޭރުކޮށްދެއެވެ.
މިމާސްކަކީ މީހުންނާއި ރައްޓެހި މާސްކެއްކަމުގައިވަނީ، ވާހަކަ ދައްކާއިރު އަނގައިގެ ޙަރަކާތްތައް ފެންނަ ގޮތައް ޓްރާންސްޕޭރަންޓު ކަވަރެއް ލެވިފައި އަދި މާސްކާއިއެކީ ލެވިފައިވާ މައިކުގެ އެހީގައި މާސްކު އަޅައިގެން ހުންނަ މީހާ ދައްކާ ވާހަކަތައް ވަރަށް ސާފުކޮށް އަޑުއަހާ މީހާއަށް އިނގޭނެގޮތްވެސް ވާނެތީވެއެވެ. މިކަމަށް ރޭޒާއިން ބޭނުންކޮށްފައިވަނީ ބިލްޓް-އިން މައިކު އަދި އެމްޕްލިފައާ ޓެކްނޮލޮޖީއެކެވެ.
މީގެއިތުރުން، މާސްކުގެ ފިލްޓަރަކީ ބަދަކުކޮށްލެވޭނެ ކަހަލަ ފިލްޓަރެއްކަމުގައިވެސް ރޭޒާއިން ބުނެއެވެ. މާސްކު ޗާޖު ކޮށްލުމަށް ވައަލަސް ޗާޖަރެއްވެސް އެކުލެވިފައިވެއެވެ.
އެންމެ ފާހަގަ ކޮށްލެވޭ އެއްކަމެއްކަމުގައިވަނީ މިމާސްކުގައި ރޭޒާގެ ކްރޯމާ އާރު.ޖީ.ބީ ލައިޓް ލާފައި 16.8 މިލިއަން ކުލަތަކުގެ ތެރެއިން ކުލަ ނަގާލައި، އެކުލައިން މާސްކު ދިއްލާލެވޭކަމެވެ.
ރޭޒާގެ ސީ.އީ.އޯ، މިން ލިއަން ޓެން ޔާހޫ ފައިނޭންސަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިމާސްކު އާންމުންނަށް ބޭނުންކުރުމަށް މާކެޓަށް ނެރެން ބޭނުންވާކަމަށެވެ.
ކޮވިޑް-19އިގެ ކުއްލި ޙާލަތުގައި ދުނިޔެ ވަނިކޮށް އެއް މިލިއަނަށްވުރެން ގިނަ މެޑިކަލް ގްރޭޑުގެ ސާޖިކަލް މާސްކުތައް އުފައްދައި ރޭޒާއިންވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދީފައެވެ. ރޭޒާއިން މިހާރު ނެރެން ގަސްތުކުރެވިފައިވާ މާސްކަކީ ނިއު ނޯމަލްގެ ޙާލަތުގައި ދުނިޔެ އަދި ވަރަށް ގިނަ ދުވަހު އޮންނާނެކަމަށް ލަފާކޮށް އެކަމަށް ފަސޭހަކޮށްދިނުމުގެ ނިޔަތުގައި އުފައްދަން ގަސްތުކުރާ އެއްޗެއްކަމަށް ރޭޒާއިން ހާމަކުރެއެވެ.
ރެޒާއިންވަނީ 50 މިލިއަން ޑޮލަރުގެ އެހީވެސް މިހާރުގެ އަދި އައު ވިޔަފާރި ޕާޓްނަރުންނަށް ކޮވިޑް-19އާއި ގުޅުގެން ދިމާވާ ދަތިތަކަށް އެހީވުމުގެ ގޮތުން ދިނުމަށް ވަޢުދުވެފައެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.