ސޮނީކުންފުންޏަށް ލިބިފައިވާ ފައިދާ ބޮޑުވުމުގެ ސަބަބުން އެކުންފުނީގެ ޖަޕާނު މުވައްޒަފުންނަށް ރިކޯޑް އަދަދަކަށް ބޯނަސް ދިނުމަށް ނިންމައިފިއެވެ. އެގޮތުން އެންއެޗްކޭ އިން ރިޕޯޓްކުރާ ގޮތުގައި ސޮނީ ކުންފުނިން އެކުންފުނީގެ މުވައްޒަފުންނަށް 7 މަސްދުވަހުގެ މުސާރައާއި އެއްވަރުގެ ބޯނަސް އެއް ދޭނެއެވެ. މިއީ އެކުންފުނީގެ މުވައްޒަފުންގެ ޔޫނިއަން އިން އެދުނު މިންވަރަށްވުރެ އިތުރު މިންވަރެކެވެ.
އެންއެޗްކޭ އިން ރިޕޯޓް ކުރާގޮތުގައި މުވައްޒަފުންގެ ޔޫނިއަންއަކުން އެދުނު ވަރަށްވުރެ ގިނައިން ބޯނަސް ދިނުމަކީ އެކުންފުނިންކޮށްފައިވާ ވަރަށް އާދަޔާ ހިލާފުކަމެކެވެ. އެގޮތުން މިއީ ސޮނީ ކުންފުނިން ފާއިތުވި 20 އަހަރު ތެރޭގައި މިފަދަ ބޯނަސް އެއްދިނުމަށް ނިންމި ފުރަތަމަ ފަހަރެވެ.
ޕެންޑަމިކް އާއި ގުޅިގެން މީހުން ގެތަކުގައި ތިބެ މުނިފޫހިފިލުވުމަށް ގިނަ ހަރަދުތަކެއްކޮށްފައި ވުމުން މިމަހު ނިމިގެންދާ މާލީ އަހަރުގައި ސޮނީ ކުންފުންޏަށް 10 ބިލިއަން ޑޮލަރުގެ އާމްދާނީ އެއް ލިބޭނެ ކަމަށްވަނީ ލަފާކުރެވިފައިއެވެ. މީގެ އިތުރުން މިއަހަރަކީ އެކުންފުނީގެ ގޭމިން ވިޔަފާރިއަށްވެސް ކާމިޔާބު އަހަރެކެވެ. މި ކާމިޔާބުގެ ފަހަތުގައި ވަނީ އެކުންފުނިން ބާޒާރަށް ނެރެފައިވާ ޕީއެސް5 ގެ ވިޔަފާރި ރަނގަޅުވުމެވެ. އެގޮތުން 4.5 މިލިއަން ޕީއެސް5 ވަނީ ނޮވެމްބަރ އާއި ޑިސެމްބަރ 31 އާއި ދެމެދު ވިކިފައިއެވެ.
ސޮނީ އިން ވަނީ އެކުންފުނީގެ ގޭމިން އެންޑް ނެޓްވޯކް ސާވިސަސް ޑިވިޝަންނަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ 25 ބިލިއަން ޑޮލަރަށް އިތުރުކޮށްފައިއެވެ. މީގެ އިތުރުން ސޮނީގެ މިއުޒިކް ޑިވިޝަނުންވެސް ވަނީ ރަނގަޅު ފައިދާއެއް ހޯދާފައިއެވެ.
އެކުންފުނިން މިދިޔަ އޮކްޓޯބަރ މަހު ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ 2013 ވަނަ އަހަރުގެ މާލީ އަހަރުގެ 2 ވަނަ ކުއާޓާގައި ޕީއެސް4 ވިކުނު އަދަދަށް ވުރެ ގިނައިން ޕީއެސް 5 ވިއްކުމެވެ. ސޮނީ އިން މިދިޔަ ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އަމާޒުކަމަށްވާ 7.6 މިލިއަން ޕީއެސް5 ވިއްކުމުގެ އަމާޒު މި ނިމޭ މާލީ އަހަރުގައި ހާސިލުވާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި