ފޭސްބުކް ބޭނުންކުރާ 86،000 ދިވެހީންގެ މައުލޫމާތު ލީކުކޮށްފި

އިސްމާއިލް އަލީ 04 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަޝްހޫރު މީސްމީޑިއާ މަންްސަ ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފިއެވެ. މީގެ ތެރޭގައި 86،000 ދިވެހީންގެ މައުލޫމާތުވެސް ހިމެނެއެވެ.

އެގޮތުން ލީކުކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެެނީ ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ފޯނު ނަންބަރުތަކާއި، އީމެއިލް އެޑްރެސް އަދި އެމީހުންގެ ލޮކޭޝަންތަކެވެ. މީގެ އިތުރުން ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ އުފަން ތާރީހާއި އައިޑީ އަދި ފުރިހަމަ ނަންތަށްވެސް ހިމެނެއެވެ.

މި ލީކްގެ އަސަރު 106 ގައުމެއްގެ ރައްޔިތުންނަށް ކޮށްފައިވާކަމަށް ވެއެވެ. އެގޮތުން މިކަމުގެ އަސަރު އެމެރިކާގެ 32 މިލިއަން މީހުންނަށާއި، އިނގިރޭސިވިލާތުގެ 11 މިލިއަން މީހުންނަށާއި އިންޑިއާގެ ގެ 6 މިލިއަން މީހުންނަށް ކޮށްފައިވެއެވެ.

ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި މި މައުލޫމާތު ލީކު ވާން މެދުވެރިވީ އެ ކުންފުނީގެ މަންސައިގައި ހުރި ބަލިކަށިކަމެއް މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައިި 2019 ވަނަ އަހަރު މިމައްސަލަ ވަނީ ހައްލުކުރެވިފައިއެވެ.

މިމައުލޫމާތު ވަގަށް ނެގި ފަރާތުން ފުރަތަމަ މިމައުލޫމާތު ވިއްކަން މަސައްކަތްކޮށްފައިވާ އިރު ފަހުން އެފަރާތުން ވަނީ އިންޓަނެޓަށް އެ މައުލޫމާތު ހިލޭ ދޫކޮށްލާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.