2020ގެ އެންމެ މަޤުބޫލު ސްމާޓް ފޯނު ބްރޭންޑްތައް

ހިންދު ޢަލީ 04 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2020 ވަނަ އަހަރަކީ ގިނަ ވިޔަފާރިތަކަށް ދަތި އަހަރެކެވެ. އެކި ކުންފުނިތަކަށް އެކި ވަރަށް އަސަރުކުރި ނަމަވެސް ހަމަ ހުރިހާ ބަޔަކަށްވެސް ކޮވިޑް ޕެންޑެމިކްގެ އަސަރުކުރިއެވެ. ދުނިޔޭގެ މަޝްހޫރު ސްމާޓް ފޯނު އުފައްދާ ގިނަ ކުންފުނިތަކުން ވެސް ފެނުނީ ހަމަ މި ޓްރެންޑެވެ. އެހެން ނަމަވެސް ތޫފާނެއް ފަަދައިން 2020 ގައި އަރައިގެން އައި ކޮވިޑް-19ގެ ސަބަބުން ބައެއް ކުންފުނިތަކަށް އެތަށް ގުނައަކަށް ފައިދާވެސް ވިއެވެ. އަދި ބައެއް ކުންފުނިތައް ފެނުނީ ހީނަރުވެގެން ދިޔަތަނެވެ.

ކުރީ އަހަރާއި އަޅާބަލާފައި 2020 ގައި މުޅި ދުނިޔޭގައިވެސް ސްމާޓް ފޯނުގެ ވިޔަފާރި ވަނީ %10 ދަށްވެފައެވެ. އެންމެ ބޮޑު ތަފާތެއް ފެންނަނީ 2020 ފުރަތަމަ 6 މަހުގައެވެ. 2019 ގެ އެދުވަސްކޮޅުގެ އަދަދުތަކާއި އަޅާކިޔާއިރު 2020 ގައި %18 ދަށަށްދިޔައެވެ. އަހަރުގެ ފަހު 6 މަހުގައިވެސް އަދަދުތައް ކުރީއަހަރާއި އަޅާބަލާފައި ދަށް ނަމަވެސް އެ ތަފާތު ހުރީ %3 ގައެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އަހަރުގެ 3 ވަނަ ކުއާޓަރ (ޖުލައި - ސެޕްޓެމްބަރ) ގައި ލޮކްޑައުން ހާލަތަށް ލުއިތަކެއް ގެނައުމެވެ. އަދި އަހަރުގެ އެންމެ ފަހު 3 މަހުގައި ވިޔަފާރި އަދި އިތުރަށް ރަނގަޅުވިއެވެ. މިމުއްދަތުގައި ވިޔަފާރި އެންމެ ބޮޑަށް ރަނގަޅުވި ބްރޭންޑްގެ ގޮތުގައި އެޕަލް ބްރޭންޑް ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. މިއަދަދު ތަކަކީ ކައުންޓަރ ޕޮއިންޓް އިން ނެރިފައިވާ ރިޕޯޓެއްގައިވާ އަަދަދު ތަކެވެ.

މީގެ އިތުރުން ކައުންޓަރޕޮއިންޓްގެ ރިޕޯޓުގައި ދުނިޔޭގެ އެކި އެކި ސަރަހައްދުގައި އެންމެ މަޤްބޫލު ސްމާޓް ފޯނު ބްރޭންޑްތަކަށް ބަލާލާފައިވެއެވެ. ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރާ ސްމާޓް ފޯނު ބްރޭންޑްތަކަކީ ސެމްސަންގ، އެޕަލް އަދި ވާވޭ ބްރޭންޑެވެ. މީގެ އިތުރުން ދެން ކުރީގައި އުޅެނީ ޝައޮމީ، އޮޕޯ އަދި ވިވޯ ބްރޭންޑްތަކެވެ.

މަޢުލޫމާތު: ކައުންޓަރޕޮއިންޓްގެ ރިޕޯޓް

އެޕަލް ބްރޭންޑްގެ ފޯނު އެންމެ ގިނައިން ބޭނުންކުރަނީ ނޯތު އެމެރިކާގައެވެ. ނޯތު އެމެރިކާގައި ވިއްކާ 2 ފޯނު ތެރެއިން 1 ފޯނަކީ އައިފޯނެކެވެ. މިސަރަހައްދުގައި 2 ވަނައަށް އެންމެ މަގްބޫލީ ސެމްސަންގެވެ. ތިން ވަނައިގައި އުޅެނީ އެލްޖީ ބްރޭންޑެވެ.


ރިޕޯޓުން ދައްކާ ގޮތުގައި މިޑްލް-އީސްޓް އާއި އެޕްރިކާ ސަރަހައްދުގައި އެޕަލް ބްރޭންޑް އެންމެ މަގްބޫލު 5 ބްރޭންޑްގެ ތެރޭގައިވެސް ނުހިމެނެއެވެ. 2019 އެކޭ އެއްގޮތަށް މިސަރަހައްދުގައި އެންމެ ކުރީގައި އުޅެނީ ސެމްސަންގްއެވެ. އަދި އޭގެ އިތުރަށް ވާވޭ، ޓެކްނޯ، އައިޓެލް ފަދަ ބްރޭންޑްތައް މާކެޓްގައި ފުދޭވަރަކަށް ހިއްސާކުރެއެވެ.


ލެޓިން އެމެރިކާ އަދި ޔޫރަޕްގައި ކުރީގައި އުޅެނީ ސެމްސަންގްއެވެ. އެއީ ލެޓިން އެމެރިކާގެ %41 އާއި ޔޫރަޕުގައި %32 އެވެ. ޝައުމީއިން ވަނީ ޔޫރަޕް ސަރަހައްދުގައި ވާވޭއަށް ވުރެވެސް ކުރިއަށް ޖެހިލާފައެވެ.


އޭޝިޔާ ސަހަރައްދުގައި އެންމެ ވަރުގަދަކޮށް އުޅެނީ ވާވޭއެވެ. މިއީ މިބްރޭންޑަށް ކުރި ލިބިފައިވާ ހަމައެކަނި ސަރަހައްދެވެ. ޗައިނާއަށް ނިސްބަތްވާ ވާވޭއިން ހިއްސާކުރަނީ އޭޝިޔާގެ %19 އަދި ދާދި ކައިރިން މިސަހަރައްދުގައި ދެން ވާދަކުރަނީ ވިވޯ (%15)، ޝައޮމީ (%14) އޮޕޯ (%14) އަދި ސެމްސަންގ (%12) އެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.