ޕިޗް-އަޕް: ޔޫތު އެންޓްރެޕްރެނުއަރޝިޕް ޗެލެންޖް

ހިންދު ޢަލީ 05 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން "ޕިޗް-އަޕް: ޔޫތު އެންޓްރެޕްރެނުއަރޝިޕް ޗެލެންޖް"ގެ ނަމުގައި ވިޔަފާރި އުފައްދަން ޚިޔާލު ހުށަހެޅުމުގެ މުބާރާތެއް މިއަދު ލޯންޗުކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިކޭޝަންގެ މީރީ ޕްރޮޖެކްޓްގެ ދަށުން ހިންގާ މި މުބާރާތަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 5 އެޕްރީލް 2021 އިން ފެށިގެން 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. މުބާރާތް ހުޅުވާލެވުނީ 18 އަހަރާއި 35 އަހަރުގެ ދެމެދުގެ އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ޒުވާނުންނަށް ޓާގެޓްކޮށްގެންނެވެ.

މީރީ ޕްރޮޖެކްޓަކީ މިނިސްޓްރީގެ އޮފް ހަޔަރ އެޑިކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގުޅިގެން، ވޯލްޑް ބޭންކްގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުން ހާއްސަކުރަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދުމަށް ފަހިކޮށްދިނުމުގެ ގޮތުން ވަޒީފާއަށް ބޭނުންވާ އެކި އެކި ހުނަރު އިތުރުކުރުމަށް ޒުވާނުންނަށް ފުރުސަތު ހުޅުވާދިނުމަށެވެ. މީގެ ތެރޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް މަސައްކަތްތަކާއި އަދި އަމިއްލަ ވިޔަފާރި އުފެއްދުމާއި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ އެކިއެކި ހުނަރު ހޯދުމުގެ ފުރުސަތު ހުޅުވާލުން ހިމެނެއެވެ. މިމުބާރާތުން އަމާޒުކުރަނީ ވިޔަފާރު އުފެއްދުމާގުޅޭ ހުނަރުތައް ޒުވާނުންނަށް ފޯރުކޮށްދިނުމަށެވެ.

މިއަދު ހެދުނު ބޭއްވުނު ހަފްލާއެއްގައި މުބާރާތް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަނެވެ. މިއިވެންޓުގައި ގެސްޓް ސްޕީކަރުންގެ ގޮތުގައި ހީޓް ހެލްތް އެންޑް ފިޓްނަސްގެ ސީއީއޯ ޢާއިޝަތު ޝިފާނާ ވަޖީހް އަދި ލޮޓީފައިލްސްގެ ކޯފައުންޑަރ އަދި ސީޓީއޯ ނަސްރުالله އަދުނާނު (ނައްޓު) ވެސް ވާހަކަދެއްކެވިއެވެ.

ޕިޗްއަޕް މުބާރާތް ބެހިގެންވަނީ 3 ބަޔަކަށް ކަމަށް މިނިސްޓްރ އޮފް ހަޔަރ އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވިއެވެ.

ފުރަތަމަ ބަޔަކީ ޚިޔާލުތައް ހުށަހެޅުމުގެ މަރުހަލާއެވެ. މިމަރުހަލާގައި ވިޔަފާރިއެއް ތަރައްގީކުރުމުގެ ޚިޔާލު ގެންގުޅުއްވާ ހަމަ ކޮންމެ ފަރާތަކުންވެސް އެ ޚިޔާލެއް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. ބައިވެރިން ހުށަހަޅާ ޚިޔާލުތައް ވާންޖެހެނީ އައިސީޓީ، ފަތުރުވެރިކަން، ފަތުރުވެރިކަމާއި ގުޅުންހުރި ކޮންސްޓްރަކްޝަން ނުވަތަ ދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ވިޔަފާރީގެ ޚިޔާލުތަކަށެވެ. އަދި ކޮވިޑް-19ގެ މިހާލަތުން އަރައިގަތުމަށް އެހީތެރިވެވޭނެ ޚިޔާލުތަކަށެވެ.

ދެވަނަ ބަޔަކީ، ޝޯޓްލިސްޓް ކުރެވޭ ޚިޔާލުތައް ހުށަހަޅުއްވި ފަރާތްތަކާއެކު ކުރިއަށް ގެންދެވޭ ބޫޓްކޭމްޕެކެވެ. މިބޫޓްކޭމްޕްގެ ބޭނުމަކީ، ބައިވެރިންގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ޓްރޭނިންގ ދިނުމެވެ. މީގެ އިތުރުން ވިޔަފާރިން އުފައްދާ ތަކެތި ނުވަތަ ޚިދުމަތް ވިއްކުމާގުޅޭ އަދި ވިޔަފާރި މާކެޓް ކުރުމުގެ ބައިތައްވެސް ހިމެނޭނެއެވެ. އަދި ބައިވެރިން ހުށަހެޅި ޚިޔާލު އިތުރަށް ތަރައްގީކޮށް ފައިނަލް ޕިޗިންގއަށް ތައްޔާރުކޮށްދިނުމަށް މިބޫޓްކޭޕްގައި އެހީތެރިވެދޭނެއެވެ. ބޫޓްކޭމްޕްގައި އިރުޝާދު ދެއްވާނީ މިފަދަ ސްޓާރޓްއަޕް އުފައްދާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ. މިމަރުހަލާ ފުރިހަމަ ކުރާ ބައިވެރިން ދެން ޖެހޭނީ އިތުރަށް ތަރައްގީކުރެވުނު ޚިޔާލުގެ ތަފްސީލީ ޕްރޮޕޯސަލެއް ހުށަހަޅާށެވެ.

ތިންވަނަ މަރުހަލާއަކީ ހުށަހެޅުނު ޚިޔާލު ޖަޖުންނަށް ޕިޗް ކުރުމެވެ. މިމަރުހަލާގައި، ޚިޔާލުގެ އިތުރު ތަފްސީލްތަކާއި ވިޔަފާރި ކުރިއަރުވާ، ތަރައްގީ ކުރުމުގެ ޕްލޭނާއި ބެހޭ މަޢުލޫމާތު، ކަނޑައެޅޭ ޖަޖިންގ ޕެނަލަކަށް ހުށަހަޅަންޖެހޭނެއެވެ. މި ޖަޖިންގ ޕެނަލްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ތިއްބަވާނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

މުބާރާތުން ކާމިޔާބު ހޯއްދަވާ ފަރާތްތަކަށް 10,000 އާއި 40,000 ޔޫއެސް ޑޮލަރާއި ދެމެދުގެ ޢަދަދަކަށް ގްރާންޓް ފައިސާ ލިބޭނެއެވެ. ލިބޭނެ އަދަދު ކަނޑައަޅާނީ ހުށަހަޅާފައިވާ ޚިޔާލަށް ބަލާފައެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި ޒުވާނުންނަށް މި މުބާރާތަށް ޚިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. އެހެން ނަމަވެސް އެ ޚިޔާލަކީ އަލަށް އުފައްދާ ވިޔަފާރިއެއްގެ ޚިޔާލަކަށް ވާނެ ޖެހޭނެކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވިއެވެ. އަމިއްލަ ފަރުދެއްގެ ގޮތަށް ނުވަތަ ގިނަވެގެން 3 ފަރާތް ހިމެނޭ ޓީމްތަކަށްވެސް ޚިޔާލު ހުށަހެޅިދާނެއެވެ. މި މިބާރާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށްނެވެ. މީރީ ޕްރޮޖެކްޓްގެ ވެބްސައިޓުގައި ޕިޗް މުބާރާތަށް ކަޑައެޅިފައިވާ ޕޭޖުން މިމުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ލިބެން ހުންނާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.