އިންޓްނެޓްގައި އެންމެ ގިނަދުވަސްވީ ސުވާލާއި ޖަވާބު ހިދުމަތް ކަމަށްވާ ޔާހޫ އާންސާޒް މެއި މަހުގެ 4 ވަނަ ދުވަހު ހުއްޓާލުމަށް ނިންމައިފިއެވެ. މެއި 4 ފެށިގެން ޔާހޫ އާންސާޒް ވެބްސައިޓަށް ވަނުމުން ޔާހޫގެ ހޯމްޕޭޖަށް ރީޑައިރެކްޓް ކުރެވޭނެއެވެ. އަދި މީގެ އިތުރުން މި ވެބްސައިޓްގެ އަރުޝީފުތަށްވެސް އިންޓަނެޓް އިން ލިބޭކަށް ނުހުންނާނެއެވެ. ޔާހޫ އާންސާޒް އަކީ 2005 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވެބްސައިޓެކެވެ. ނަމަވެސް މި ހިދުމަތުގެ މަގުބޫލުކަން ރެޑިޓް އާއި ކުއޮރާ ފަދަ ހިދުމަތްތަށް ވުޖޫދަށް އައުމާއިއެކުވަނީ ދަށަށް ގޮސްފައިއެވެ.
ޔާހޫ އިން މިނިންމުން އިއުލާންކޮށްފައިވަނީ ޔާހޫ އާންސާޒް ވެބްސައިޓްގެ ހޯމްޕޭޖުގައި ހިމަނާފައިވާ ލިންކަކުންނެވެ. މި ލިންކަށް ފިތާލުމުން މި ވެބްސައިޓް ހުއްޓާލުމާއި ގުޅޭ ސުވާލާއި ޖަވާބު ހިމެނޭ ޕޭޖަކަށް ދެވޭނެއެވެ. އެގޮތުން ޔާހޫއިން ހާމަކޮށްފައިވާ ގޮތުގައި އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޔާހޫ އާންސާޒް އަށް އައު ސުވާލާއި ޖަވާބު ނުފޮނުވޭނެއެވެ. އަދި މީގެ އިތުރުން މި މަންސަ ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާ ހޯދުމަށް ބޭނުންވާނަމަ 30 ޖޫންގެ ކުރިން އެންގުމަށްވެސް އެކުންފުނިން ވަނީ އިރުޝާދު ދީފައިއެވެ. މިޔަށްފަހު މި ޑޭޓާ ނުލިބޭނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އެގޮތުން މި މަންސަ ބޭނުންކޮށްފައިވާ ފަރާތްތަކުގެ ސުވާލު ލިސްޓާއި ޖަވާބު ލިސްޓާއި ޖަވާބުތަކާއި އެއްވެސް ކަހަލަ ފޮޓޯއެއް އިން ނަމަ އެ ޑޭޓާ އެފަރާތަކަށް ލިބިގެންދާނެއެވެ. ނަމަވެސް ޔާހޫ އިން ހާމަކޮށްފައިވާ ގޮތުގައި އަމިއްލަ އަށް އެފަރާތަކުން އެ ވެބްސައިޓްގައި ޕޯސްޓްކޮށްފައިވާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތު އެއެއްވެސް ފަރާތަކަށް އެކުންފުނިން ފޯރުކޮށެއްނުދޭނެއެވެ.
ޔާހޫ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ޔާހޫ އާންސާޒް ހުއްޓާލުމަށް ނިންމާފައިވަނީ މި ހިދުމަތަށް ލިބޭ މަގުބޫލުކަން ކުޑަވުމުންނެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި