އިންޓަނެޓުގެ 70 އިންސައްތަ ހުއްޓުވާލުމަށް ހަމަލާދޭން މަސައްކަތްކުރި ޓެކްސަސް މީހަކު އެފްބީއައި އިން ހައްޔަރުކޮށްފިއެވެ. އޭނާ މަސައްކަތްކޮށްފައިވަނީ ވާޖީނިއާގައި ހުންނަ އެމޭޒަން ވެބް ސާވިސަސް ގެ ޑާޓާ ސެންޓަރަކަށް ބޮމުގެ ހަމަލާއެއް ދިނުމަށެވެ.
28 އަހަރުގެ މި މީހާއަށް ވަނީ ސީ4 ގޮވާތަކެތި ބޭނުންކޮށްގެން އިމާރާތެއް ގޮއްވާލުމަށް މަސައްކަތްކުރުމުގެ ދައުވާ އުފުލާފައިއެވެ. އޭނާ ސީ4 ގޮވާތަކެތި ގަންނަން މަސައްކަތްކޮށްފައިވަނީ އެފްބީއައި އޭޖެންޓެއްގެ އަތުންނެވެ.
އެފްބީއައި އަށް އޭނާ މި ހަމަލާ ރާވަމުންދާކަން އެނގިފައިވަނީ ޖެނުއަރީމަހު މައިމިލީޝިއާ ވެބްސައިޓްގައި އޭނާ މި ހަމަލައާއި ބެހޭ މައުލޫމާތު ހާމަކުރުމުންނެވެ. މީގެ އިތުރުން ޖެނުއަރީ މަހު އޭނާ ސިގްނަލް މެދުވެރިކޮށް އެމޭޒާންގެ ޑާޓާ ސެންޓަރު ގޮށްވާލުމަށް މަޝްވަރާކޮށްފައިވާކަން ވެސް ވަނީ ހާމަވެފައިއެވެ. މީގެ އިތުރުން އޭނާ ވަނީ ފެބްރުއަރީ މަހު އެ ޑާޓާ ސެންޓަރުގެ މައުލޫމާތު ހިމެނޭ ޗާޓެއް މީހަކާއި ހިއްސާކޮށްފައިއެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި އެމޭޒަންގެ ޑޭޓާ ސެންޓަރަށް ހަމަލާދިނުމަށް އޭނާ ނިންމާފައިވަނީ އެ ޑޭޓާ ސެންޓަރުގެ ސާވާތަކުގައި އެފްބީއައި، ސީއައިއޭ އަދި އެމެރިކާ ސަރުކާރުގެ ސާވާތަށް ހޯސްޓްކޮށްފައިވާކަމަށް އޭނާ އަށް ގަބޫލުކުރެވޭތީއެވެ. އެގޮތުން އޭނާ ހާމަކޮށްފައިވަނީ އޭނާގެ މަގްސަދަކީ އެމެރިކާ ސަރުކާރުގެ ނުފޫޒު ނައްތާލުމެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އައުން ގާތެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި