ސޭފަރ އިންޓަރނެޓް ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ހިންދު ޢަލީ 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން، ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދެއްވައިފިއެވެ. މި މުބާރާތް ހުޅުވާލެވުނީ 25 ޖެނުއަރީ އިން ފެށިގެން 28 ފެބްރުއަރީއާއި ހަމައަށެވެ. މިއަހަރުގެ ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަކުރެވުނީ 9 ފެބްރުއަރީގައެވެ.

މިނިސްޓްރީ އިން ވިދާޅުވުގޮތުގައި މިމުބާރާތް ބޭއްވުނީ 3 އުމުރުފުރާއަކަށް އަމާޒުކޮށްގެންނެވެ. އެއީ 7 އަހަރުން ދަށާއި 7 އަހަރާއި 11 އަހަރާއި ދެމެދު އުމުރުފުރާ އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއަށެވެ. މިފަދަ މުބާރާތެއް ހިންގުމުގެ މަގުސަދަކީ ކުޑަކުދިންގެ މެދުގައި ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމުގެ ހޭލުންތެރިކަން އިތުރުކުރުން ކަމުގައި މިނިސްޓްރީއިން މަޢުލޫމާތު ދެއްވިއެވެ.

ވަނަވަނައަށް ދިޔަ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވީ 9 އެޕްރީލް ވީ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވުނު ހަފްލާއެއްގައެވެ. މުބާރާތުގެ ކޮންމެ އުފުރުފުރާއެއްގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮއްވެވީ ކަނޑައެޅިފައިވާ ފަޑިޔާރުންގެ ޕެނަލަކުންނެވެ. 7 އަަހަރުން ދަށުގެ އުމުރުފުރައިން އެއްވަނައަށް ހޮވުނީ، އައިލީ ބިންތު ޢަލީ ޝާކިރެވެ. 11 އަހަރުން ދަށުން އެއްވަނަ އަށް ދިޔައީ ޢާއިޝަތު ޔޫލީ އަޒްހަންއެވެ. އަދި 16 އަހަރުން ދަށުގެ ބައިން އެންމެ މަތީ ވަނަ ލިބުނީ އާމިނަތު ފައިހާ ފަޒީލަށެވެ.

މިހަފްލާގައި ކުރެހުމުގެ މުބާރާތުގައި ވަނަވަނައަށް ދިޔަ ބައިވެރިންނަށް އިނާމު ދިނުމުގެ އިތުރުން، މިނިސްޓްރީއިން ހަމަ އެދުވަހު ހިންގެވި ސްކޫލްތަކުގައި ސޭފަރ އިންޓަރނެޓް އެމްބެސެޑަރުން ހޮވާ އެކުދިންނަށް ސެޓްފިކެޓާއި ބެޖުވެސް ދެއްވިއެވެ. މިކުދިން ހޮވިގެން ދިޔައީ މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް 12 ސްކޫލެއްގެ، ކޮންމެ ސްކޫލަކުން އެމްބެސެޑަރެކެވެ. މީގެތެރޭގައި ހިމެނެނީ ކަލާފާނު ސްކޫލް، މަޖީދިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، މަދަރުސަތުލް އަރަބިއްޔާ، ރެހެންދި ސްކޫލް، ޣާޒީ ސްކޫލް، ދަރުމަވަންތަ ސްކޫލް އަދި ސީއެޗްއެސްސީއެވެ. މިކުދިން އިސްވެ މަސައްކަތް ކުރާނީ އެކުއްޖެއްގެ ސްކޫލްތަކުގައި ރައްކާތެރިގޮތެއްގައި އިންޓަރނެޓް ބޭނުންކުރުން ޕްރޮމޯޓްކުރުމަށެވެ.

މިހަފްލާގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަނެވެ. ޑރ. ޙަސަން ދެއްކެވި ވާހަަކައިގައި އިންޓަނެޓް ރައްކާތެރިކޮށް ބޭނުންކުރުމަށް އަހުލުވެރިވުމަކީ މުހިއްމު ކަމެއްކަމަށާއި، ހުރިހާ ކުދިންވެސް އެކަން ދަސްކޮށް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ނަސޭހަތްތެރިވިއެވެ. މިދުވަސްވަރު ދިމާވެފައިވާ ޕެންޑެމިކްއާއި ގުޅިގެން ކިޔެވުމަށާއި މަސައްކަތްކުރުމަށް އިންޓަރނެޓް ބޭނުންކުރުން ގިނަވެފައިވާ ދުވަސްވަރެއްގައި އޭގެން ކުރެވޭ ރަނގަޅު އަދި ނުރަނގަޅު އަމަލުތަކަށް ރައްކާތެރިވުމަށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން މިހަފްލާއިގައި އެމް.ސީ.އެސް.ޓީ.ގެ ސްޓޭޓް މިނިސްޓަރ ޢަލީ ސާލިޙު ބައެއް ބައިވެރިންނަށް އިނާމު ދެއްވިއެވެ. ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި މިއީ ކުރިއަށް ހުރި މިފަދަ ހަރަކާތްތަކުގެ ފެށުމެއްކަމަށާއި ރައްކާތެރިކޮށް އިންޓަރނެޓްގެ ބޭނުންހިފުމަށް އަހުލުވެރިކުރުމުގެ އިތުރު އެހެން ހަރަކާތްތަކެއްވެސް ކުރިއަށް ރޭވިފައި އެބަހުއްޓެވެ. އަދި މިހަރަކާތް ހިންގުމުގައި އެހީތެރިވި ޓެލެކޮމް ކުންފުނިތަކަށާއި، މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.