އޭ.އައިގެ އެހީގައި ކޮލޮނޮސްކޮޕީ ހަދައި ކެންސަރު ދެނެގަނެވޭ

ޝުޖާޢަތު ރަޝީދު 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮލޮން ކެންސަރަކީ ގޮހޮރު ނިމޭ ހިސާބަށް، ނުވަތަ އެންމެ ފަހު މަރުހަލާއަކަށް ކާތަކެތި ހަޖަމުވާ ހިސާބަށް ޖެހޭ ކެންސަރަށް ކިޔާ ނަމެވެ.

އާންމު ގޮތެއްގައި މިވައްތަރުގެ ކެންސަރު ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެކަމަކު، މަދުންނަމަވެސް އުމުރުގެ ގޮތުން ހަނގު މީހުންނަށްވެސް މިބާވަތުގެ ކެންސަރު ޖެހެއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނާ ގޮތުންނަމަ، ކޮލޮން ކެންސަރަކީ އެމެރިކާގައި ތިންވަނަޔަށް އެންމެ އާންމު ކެންސަރުގެ ވައްތަރެކެވެ.

ޔޫ.އެސް. ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އެޖެންސީ (އެފް.ޑީ.އޭ) އިން ކޮލޮން ކެންސަރު ދެނެގަނެވޭނެ ފަދަ ޓެކްނޮލޮޖީއަކަށް ހުއްދަ ދީފިއެވެ.

މި ޓެކްނޮލޮޖީ އަކީ އާޓިފިޝަލް އިންޓަލިޖަންސް (އޭ.އައި)ގެ އެހީގައި ޑިވައިސްއެއް ބޭނުންކޮށްގެން ވީހާވެސް އަވަސް އިސްޓޭޖްތަކުގައި ކޮލޮން ކެންސަރު ދަނެގަނެވޭނެފަދަ ޓެކްނޮލޮޖީއެކެވެ.

ޖީ.އައި ޖީނިއަސް މޮޑިއުލް އިންޓަލިޖަންސް އެންޑޮސްކޮޕީގެ ނަމުން ނަން ދެވިފައިވާ މި ޑިވައިސް ތައްޔާރުކޮށްފައިވަނީ ކޮސްމޯ އާޓިފިޝަލް އިންޓަލިޖަންސް ލިމިޓެޑް ކިޔާ ކުންފުންޔަކުންނެވެ.

ޖީ.އައި ޖީނިއަސް މޮޑިއުލް ޑިޒައިންކުރެވިފައިވަނީ ކޮންމެ ހޮސްޕިޓަލެއްގައިވެސް މިހާރުވެސް ގެންގުޅޭ ކޮލޮނޮސްކޮޕީ އިކުއިޕްމަންޓާއި އަދީ މަސައްކަތް ކުރިއަށްގެންދާ ގޮތާއި ގުޅުވާލައިން ބޭނުންކޮށްލެވޭ ގޮތަށެވެ.

މި ޑިވައިސްއިން ބޭނުންކުރާ ސޮފްޓްވެއާއިން އޭ.އައި އަލްގޯރިދަމެއްގެ އެހީގައި ލީޝަންސްތައް ދައްކައި އިތުރަށް ޓެސްޓުކޮށް ނުވަތަ ސާމްޕަލް ނެގުމަށް ކަނޑައެޅުމަށް ޑަކްޓަރުންނަށް އެހީވެދެއެވެ.

އެފް.ޑީ.އޭ އިން ޖީ.އައި ޖީނިއަސް ބޭނުންކުރުމަށް ސިއްޙީ އިދާރާތަކަށް މިހާރު ހުއްދަދިން ކަމުގައިވިޔަސް އެންމެ ފުރަތަމަ މެޑްޓްރޯނިކްއިން މި ޑިވައިސް ދައްކާލައިފައިވަނީ 2019 ގައި ބާސެލޯނާގައި ބޭއްވުނު ޔޫ.އީ.ޖީ (ޔުނައިޓެޑް ޔޫރަޕިއަން ގޭސްޓްރޮއެންޓެރޮލޮޖީ) ހަފްތާގައެވެ.

ޖީ.އައި ޖީނިއަސް ބަލައި ދިރާސާކޮށްފައިވަނީ ޑެނޯވޯ ޕްރީމާކެޓްގެ ދަށުންނެވެ. އަދި މިއީ މިހާރުވެސް އެފް.ޑީ.އޭ އިން ހުއްދަ ދީފައިވާ އެހެން ވީޑިއޯ އެންޑޮސްކޮޕީ ސިސްޓަމްސްތަކާއި އެއް ސްޓެންޑަޑެއްގެ ސިސްޓަމެއްކަމުގައި އެފް.ޑީ.އޭ އިން ބުނެއެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.