ކަނޑުގެ ދިރުންތައް އީކުއޭޓާ ދޫކޮށްލާފައި ފިނި ފެންތަކަށް

ޝުޖާޢަތު ރަޝީދު 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖިއޮގްރަފީގެ ގޮތުން ބަލާލާއިރު ނަދާން ހެމިސްފެއާގެ ޓްރޮޕިކް އޮފް ކެންސާ އަދި ސަދާން ހެމިސްފެއާގެ ޓްރޮޕިކް އޮފް ކެޕްރިކޯން ދެމެދުގައިވާ ކަނޑުތަކަށް ނުވަތަ ފެންތަކަށް ނަން ދެވިފައިވަނީ ޓްރޮޕިކަލް ވޯޓާސްގެ ނަމުންނެވެ.

ޓްރޮޕިކަލް ވޯޓާސްގެ ފިނިހޫނުމިނަކީ އަބަދުވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މި ސަރަޙައްދުގެ ފެނުގެ ފިނިހޫނުމިން 18.3 ޑިގްރީ ސެލްސިއަސްއަށްވުރެން ތިރިވެގެން ނުވާނެއެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ކަނޑުގެ ދިރުންތަކުގެ ގެކަމުގައި ވެގެންވެސް މިދަނީ ހަމަ ޓްރޮޕިކަލް ވޯޓާސްއެވެ.

އެންމެ ހިތްގައިމު މުރަކަތަކާއި، އެކިވައްތަރުގެ ކަނޑުމަސް، ވެލާ، މަޑި އަދި ފެހުރިހިތަކަކީވެސް މި ޓްރޮޕިކަލް ވޯޓާސްގައި ދިރިއުޅެމުންދާ ތަކެއްޗެވެ.

އިކޮލޮޖިސްޓުން (ދިރުންތަކާއި އެތަކެތީގެ ތިމާވެށި ދިރާސާކޮށް ބަލާ ބައެއް) ލަފާކުރާ ގޮތުގައި ވޭތުވެ ދިޔަ ޤަރުނުތަކުގައި، ފަހަކާ ޖެހެންދެންވެސް ކަނޑުގެ މިދިރުންތައް ދިޔައީ ހަމަޖެހިގެން ދިރިއުޅެމުންނެވެ.

އެމެރިކާގެ، ނެޝަނަލް އެކަޑެމީ އޮފް ސައިންސްގެ ޕްރޮސީޑިންގްސްގެ ދިރާސާތަކުން ދައްކާގޮތުގައި މިހާރު އީކުއޭޓާގެ ވަށައިގެންވާ ކަނޑުދަނީ ދުވަހެއް ދުވަހަކަށްވުރެން ހޫނުވަމުންނެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ކަނޑުގެ ދިރުންތަކަށް މިހިސާބުގައި ދިރިއުޅުންވަނީ އުނދަގޫވެފައެވެ.

މިގޮތައް މިހިސާބުގެ ކަނޑުތަކުގެ ފިނިހޫނުމިން ބަދަލުވަމުންދާތީ މިހާރު ވަރަށް ގިނަ ކަނޑުގެ ދިރުންތައް މަޑުމަޑުން ފިނިފެންތަކަށް ބަދަލުވާން ފަށައިފައިވީނަމަވެސް، އަދިވެސް ދުރަށް ރަނގަޅު ހިސާބަކަށް ދެވުމުން ނޫނީ މިދިރުންތަކަށް ރަނގަޅު މާޙައުލެއް ނުލިބޭނެކަމަށް ގިނަ ދިރާސާތަކުގެ ހޯދުންތަކުން ދައްކައެވެ.

ނެޝަނަލް އެކަޑެމީ އޮފް ސައިންސްއިން، އެމެރިކާއިން ކޮށްފައިވާ ދިރާސާތަކާއި އޭގެ ބެލުންތަކުން މައިގަނޑު ދިހަ (10) ވައްތަރެއްގެ ކަނޑުގެ ދިރުންތައް ވަނީ ބަލާފައެވެ. މީގެ ތެރޭގައި ކަނޑުމަހާއި، ފަރުމަސްވެސް ހިމެނެއެވެ. މި ބެލުންތަކުން ދައްކާގޮތުން މި ދިރުންތައް ދިރިއުޅުމަށްޓަކައި 20 ޑިގްރީ ސެލްސިއަސްއަށްވުރެން މައްޗަށް ދިއުމުން އުނދަގޫތަކެއްވާކަމުގައެވެ.

މިއީ މީގެ ކުރިންވެސް (252 މިލިއަން އަހަރުގެ ކުރިން) ގްލޯބަލް ވާމިންއާއި ހެދި ދިމާވަމުންދިޔަ ކަމެއްކަމަށްވެސް ވެއެވެ. ޕާމިއަން ޖިއޮލޮޖިކަލް އިރުގައި، މިބުނެވުނު 252 މިލިއަން އަހަރުގެ ކުރިންވެސް ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން، ހޫނު މިންވަރު 10 ޑިގްރީ ސެލްސިއަސްއަށް ވެއްޓި މީގެ ސަބަބުން ސައިބީރިއާގައި ވޯލްކެނޯތަކެއްވެސް ގޮވާފައިވެއެވެ.

ޑައިވާސިޓީ ޕެޓާން، ލެޓިޓިއުޑް އަދި ފިނިހޫނުމިނާއި ގުޅިގެން

2020 ގައި މިކަމަށް ކުރެވުނު ދިރާސާތަކުން ފެންނަ ގޮތުގައި 90 އިންސައްތަ ކަނޑުގެ ދިރުންތައް އޭރުވެސް ނެތިގެން ގޮސްފައިވެއެވެ.

މިގޮތައް ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލު އައިސް ގްލޯބަލް ވާމިންއާއި ހެދި ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަކަކީ އަބަދުވެސް އަހަރެމެންނަށް އިވޭ ވާހަކަތަކެވެ.

ދިވެހިރާއްޖެއިންވެސް މިފަދަ މޫސުމަށް އަދި ތިމާވެއްޓަށް ކުރިމަތިވަމުންދާ ބަދަލުތައް ބަލައިގަނެ މިކަންތައްތައް ކުޑަކުރުމަށްޓަކައި މަސައްކަތްކުރުން ވަނީ ފަށާފައެވެ.

މިގޮތުން 12 ޑިސެންބަރު 2020 ގައި އޮންލައިންކޮށް އ.ދ އިން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔަޤީންކަން އެރުވީ، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރާނެކަމަށެވެ.

އަދި ބޭރުގެ އެހެން ޤައުމުތަކުގެ އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމަޔަށް ވާޞިލުވެވިދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ކަނޑުގެ ދިރުންތައް ހިފަހައްޓައި އޭގެއިން އެންމެނަށްވެސް ފައިދާވާނެ ގޮތައް ކަންތައްތައް ބެހެއްޓުމަށްޓަކައި އެންމެންވެސް މަސައްކަތްކުރުން މިވަނީ މުހިންމުކަމަަކަށްވެފައެވެ. މިވަގުތު މުޅި ދުނިޔޭގެ ކަނޑުގެ 2.7 އިންސައްތަ ކަނޑައަޅާފައިވަނީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައްކަމުގައެވެ. މިއީ ޔޫ.އެން އިން މިދިޔައަހަރާއި ހަމަޔަށް ޙިމާޔަތް ކުރަން ބުނެފައިވާ ސަރަހައްދުގެ 10 އިންސައްތަވެސް އަދި ހަމަނުވާ ވަރެކެވެ.

އެހެންނަމަވެސް، ފާހަނގަކުރެވެނީ 41 ޤައުމަކުން 2030 އާއި ހަމަޔަށް ކަނޑުގެ ހިސާބުތަކާއި ސަރަހައްދުތައް 30 އިންސައްތަ ޙިމާޔަތްކުރުމަށް މަސައްކަތްކުރަންވަނީ ފަށާފައެވެ. މި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

ޓްރޮޕިކަލް ފެނުގައި، ރާއްޖޭގެ ކަނޑުތައްފަދަ ކަނޑުތަކުގައި ދިރިއުޅޭ ކަނޑުގެ ދިރުންތައް މިގޮތައް ސަބް ޓްރޮޕިކަލް ތިމާވެށިތަކަށް ދިއުމުން، ވަރަށް ބައިވަރު އެހެނިހެން ބަދަލުތައްވެސް އާދެއެވެ. މީގެތެރޭގައި ކަނޑުގެ ދިރުންތަކުގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، މަސްތައް އަމިއްލަ ކެއުންތައް ޝިކާރަ ކުރާ ގޮތާއި އަދި ވާދަވެރިކޮށް އެހެން ހިސާބުތަކުގެ ދިރުންތަކާއި ބާއްވާނެ އުޅުން ތަފާތުވާނެއެވެ. މިހެން ކަންތައްތައްވަނީ ކޮންމެ ދިރުމެއްވެސް އެއުޅޭ މާހައުލަކަށް ހޭނެން ވަގުތު ނަގައި، އަދި އަބަދު ދިރިއުޅޭ މާޙައުލުގައިވާ ފަސޭހަތައްވެސް ގިނަވާނެތީވެއެވެ.

މިގޮތައް ކެއުމަށާއި ދިރިއުޅުން ކުރިއަށް ގެންދިއުމަށް ހަމައެކަނި އުނދަގޫތަކާއި ކުރިމަތިލާންޖެހޭނީ ކަނޑުގެ ދިރުންތައް އެކަންޔެއް ނޫންކަން ޔަޤީނެވެ. ގިނަ ޓްރޮޕިކަލް ހިސާބުތަކުގައި، އާންމުކޮށް ކެއުމަށާއި އަދި ވިޔަފާރިކުރުމަށް ވަރަށް ބޮޑު އެހީއެެއްވާ އެއްކަމަކީ ކަނޑުމަސް ބޭނުމާއި، އޭގެއިންކުރާ އެހެނިހެން ވިޔަފާރިތަކެވެ.

ދިވެހިރާއްޖޭގައިވެސް މަސްވެރިކަމަކީ ޤައުމަށާއި މުޖުތަމަޢުއަށް ނުހަނު ގިނަގުނަ ފައިދާތަކެއްކުރާ ކަމެކެވެ. އަދިވެސް، ގިނަ ދިވެހިން ކެއުމަށް ޑައެޓްގައި ހިމަނާފައިވާ ޕްރޮޓީންގެ ބާވަތަކަށްވާނީ ކަނޑުމަހާއި، އެހެނިހެން ކަނޑުގެ ދިރުންތަކެވެ.

އެހެންކަމުން، ޔޫ.އެންގެ ސަސްޓައިނަބަލް ޑެވެލޮޕްމަންޓް ގޯލްސްތަކުގައިވެސް މިކަންތައް ހިމަނައި، މަސްވެރިކަމަކީ ރަނގަޅުގޮތުގައި ކުރާކަމެއްކަމުގައި ހެދުމަށް ދިވެހިރާއްޖެއިންވެސް މަސައްކަތް ކުރަމުންދެއެވެ.

ތިމާވެއްޓާއި ރައްޓެހިކޮށް އަދި ގުޅޭގޮތައް، ފަހުގެ ޓެކްނޮލޮޖީއާއި އީޖާދުތައް ބޭނުންކޮށްގެން ހުރިހާކަމެއްވެސް ކުރުމަކީ މިހާރު މުހިންމުކަމަކަށް މިވަނީ ވެފައިކަން ޔަޤީނެވެ. މިސާލަކަށް ވަކި ސަރަޙައްދުތަކެއް ކުރިން ބުނެވުނުފަދައިން ރައްކާކޮށް، އެއީ މަސްބާނައި ނުވަތަ އެނޫންވެސް ތިމާވެއްޓަށް ގެއްލުން ލިބިދާނެ ކަންކަން ނުކުރެވޭ ސަރަޙައްދުތަކަށް ހެދިދާނެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައިވެސް އެންމެން ވާހަކަ ދައްކަމުން ސޯޝަލް މީޑިއާގައި ޙިއްސާކުރަމުން ދިޔައީ މިޔަރުގެ އުނދަގޫ މަސްވެރިންނަށް ވާތީވެ މިޔަރު ބޭނުމަށް ހުއްދަ ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒްއިން މަޝްވަރާކުރަމުންދާ ވާހަކައެވެ.

ނަމަވެސް، އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގޭ ކަމަކީ މިޔަރަކީ ކަނޑުގެ ދިރުންތައް އާލާކޮށް ހިފެހެއްޓުމުގައި ވަރަށް ބޮޑު ޙިއްސާއެއްވާ މަހެކެވެ. މިޔަރަކީ ދަށުފަންތީގެ މަސްތައް ޝިކާރަކޮށްގެން މެރިން ފުޑް ޗެއިންގައި ހުރިހާ މަސްތަކުގެ އާބާދީ ވަކިވަރެއްގައި ދަމަހައްޓާ އެއްޗެކެވެ.

މިހެންކަމުން، ކަނޑުގެ ދިރުންތައް އާލާކުރުމަށްޓަކައި ރަނގަޅު ގޮތްތައް މަސްބޭނުމަށް ޙިޔާރުކޮށް، މިޔަރު ފަދަތަކެތި ބޭނުން ހުއްޓާލަންޖެހެއެވެ.

ކުނި، ތެޔޮ އަދި އެނޫންވެސް މޫދަށް ގެއްލުންވެދާނެ ތަކެތި މޫދަށް އެޅުން ހުއްޓާލައި، ތިމާވެއްޓަށް ބަލައިގެން އުޅުމަކީވެސް މިކަމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއްކަން ޔަޤީނެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.