އޮންލައިންކޮށް އެއްޗެހި ގަނެ އަދި ވިޔަފާރިކުރުން މިހާރު މިވަނީ ޒަމާނާއި އެއްވަރަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައިވެސް ވަރަށް އާންމު ކަމަކަށް ވެފައެވެ.
އިންސްޓަގްރާމް، ފޭސްބުކް އަދި މިނޫންވެސް އޮންލައިން ޕްލެޓްފޯމްތަކުގެ އެހީގައި އެކި ވައްތަރުގެ ތަކެތި ވިއްކައި، އޯޑަރުތަކަށް ޕޭމަންޓު ނަގައި އަދި ގެތަކަށް ނޫނީ ކަސްޓަމަރު ހުރިތަނަކަށް ގެންގޮސްދޭ އޮންލައިން ކުދި ވިޔަފާރިތައް މިހާރު ގިނަވެއްޖެއެވެ.
އެމެރިކާގައި، ނިއު ޖާޒީ ސްޓޭޓުގައި މުނިސިޕަލްއާއި އަދި ޕޮލިސް ޑިޕާޓްމަންޓުން އިންޓަނެޓް މެދުވެރިކޮށް ގަންނަ ތަކެތި ބަލާ އައުމަށް ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިފިއެވެ. މި ތަންތަނަކީ އިންޓަނެޓް ބައިން ސޭފް ލޮކޭޝަންތައް ކަމުގައި ހެދުމަށްޓަކައި މާރިޗު 2021ގައި ބޭއްވިފައިވާ ޖަލްސާގައި ބިލެއްވެސްވަނީ ފާސްކޮށްފައެވެ. މިއީ ވަކި ސަރަޙައްދުތަކެއް ސީ.ސީ.ޓީ.ވީ ކެމެރާ އަދި ޕޮލިސްގެ އެހީގައި ބެލެހެއްޓުމަށް ޙުއްދަދޭ ބިލެކެވެ.
މި ސަރަޙައްދުތަކަކީ އިންޓަނެޓް އެކްސްޗޭންޖު ސަރަޙައްދުތަކެއް ކަމަށް ކަނޑައަޅާފައިވެއެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރިތައް އިތުރުވަމުންދާއިރު މިފަދަ އިންޓަނެޓް ބައިން ސޭފް ލޮކޭޝަންތައް އުފެދިގެން ދިޔުމަކީ ދެފަރާތުގެ ރައްކާތެރިކަމަށް މުހިންމުކަމެކެވެ.
2018 ވަނަ އަހަރު އެމެރިކާގައި 20 އަހަރުގެ ޒުވާނަކު އޮންލައިންކޮށް ޕްލޭސްޓޭޝަނެއް ގަތުމަށްޓަކައި ފޭސްބުކް މާކެޓްޕްލޭސްއިން ދިމާވި މީހަކާއި ބައްދަލުވުމުން، އޭނާއަށް ގެއްލުންދީ މަރާލާފައިވެއެވެ.
މިކަހަލަ ކަންތައްތައް ހިނގަމުންދާތީވެ އެކަންތައް ހުއްޓުވައި، ރައްކާތެރިކަން މުޖުތަމަޢުއަށް ގެނައުމަށް މިހާރު ނިއު ޖާޒީގައި މި އެކުލަވާލައި އަދި އިތުރުކުރަމުންދާ އިންޓަނެޓް ބައިން ސޭފް ލޮކޭޝަނަކީ ގަންނަ މީހާއާއި ވިއްކާ މީހާއަށް ލުއިތަކެއް ލިބިގެންދާނޭ ތަންތަންކަން ޔަޤީނެވެ.
ދިވެހިރާއްޖޭގައިވެސް، މާލޭގައި އެކަނިވެސް އެތައް ބައިވަރު އޮންލައިން ވިޔަފާރިކުރާ ތަންތަނުން ތަކެތި ވިއްކާ އަދި ގަންނަމުން ދާއިރު މިފަދަ ތަންތަން އެކުލަވާލައި ރައްކާތެރިކަން ދެވޭނެ ފަރާތަކުން މިތަންތަން ބަލަހައްޓައިދިނުން މިއީ ރަނގަޅު ކަމެއްކަމުގައި ފެނެއެވެ.
މީގެ ސަބަބުން އަމިއްލަޔަށް ދިރިއުޅޭ ގޭގެ އެޑްރެސް ފަދަ ތަކެތި އެހެން މީހުންނަށް ދޭންނުޖެހި، ރައްކާތެރިކަން އިޙްސާސްވެ، ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރިތައްކޮށް އަދި ތަކެތި ބަލާ ދާ ފަރާތްތަކަށްވެސް ފަސޭހަވެގެންދާނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.