އޮޑިއެޕް އެސިސްޓެންސް: އޮޑިވެރިންނަށް ބޮޑު ފަސޭހައެއް

ހިންދު ޢަލީ 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ލޯންޗް ދަތުރުކުރާ އޮޑިވެރިންނަށް އެހީއެއްގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އޮޑިއެޕް އެސިސްޓެންސް ތަޢާރަފްކޮށްފިއެވެ. އޮޑިއެޕް އިން ތަޢާރަފްކޮށްފައިވާ މިއެޕަކީ ރާއްޖޭގައި ކަނޑު ދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަކުގެ ޚިދުމަތްތައް މެނޭޖުކުރެވޭނެ ޕްލެޓްފޯމެކެވެ. މިއެޕް މެދުވެރިކޮށް ލޯންޗް ދަތުރުކުރާ އޮޑިވެރިންނަށް ދަތުރުތަކުގެ ބުކިންގްހެދުމާއި ދަތުރުތަކަށް ފައިސާ ދެއްކުމާއި އަދި ފަސިންޖަރުންނަށް އީ-ޓިކެޓް ފޯރުކޮށްދިނުން ފަދަ ކަންތައްތައް ކުރެވޭނެއެވެ. އޮޑިއެޕް އެސިސްޓެންސްގެ މެނޭޖްމަންޓް ޕޯޓަލްގެ އިތުރުން މޯބައިލް އެޕްލިކޭޝަނެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.

ރާއްޖޭގައި ކަނޑު ދަތުރުފަރުތު ކުރުމަށް ރޭވިގެން ހިނގާ ހަރުދަނާ ވިއުގައެއް ގާއިމްވެފައި ނެތުމުން އެއްރަށުން އަނެއް ރަށަށް ނުވަތަ އެއް އަތޮޅުން އަނެއް އަތޮޅަށް ކަނޑުމަގުން ދަތުރުކުރުމަށް ގިނަ ދަތިތަކާއި ކުރިމަތިވެއެވެ. ފެރީތަކާއި ސްޕީޑްބޯޓުތަކުގެ ދަތުރުތަކުގެ ތާވަލެއް ފެންނާނެ އެކަށީގެންވާ ފަސޭހަ ވަސީލަތެއް ނުހުރެއެވެ. މިއެޕް އުފެއްދުމުގެ ސަބަބަކީ ދަތުރު ފަތުރުގައި ދިމާވާ މިފަދަ ދަތިތަކަށް ހައްލު ހޯދުމެވެ. އޮޑިއެޕްގެ މަޤުސަދަކީ އޮޑިވެރިޔާއަށް ފަސޭހަކަމާއިއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުންނަވައިގެން ވެސް އޮޑި މެނޭޖްކުރެވޭނެ އުސޫލްތަކެއް ޤާއިމްކޮށް ރާއްޖޭގެ އެތެރޭގެ ޓްރާންސްޕޯޓަށް ހަރުދަނާ ބަދަލުތަކެއް ގެނައުމެވެ.

އޮޑިއެޕްގެ ސީއޯއޯ ސިޔާހް ޚަލީލް ވިދާޅުވި ގޮތުގައި އޮޑިއެޕް އެސިސްޓެންސް އޮޑިވެރިންނަށް ދޫކުރާނީ މުޅިން ހިލެއެވެ. "މިފަދަ ދަތި ތަނޑިވަޅެއްގައި އަޅުނގަޑުމެންނަށް އެންމެ މުހިއްމީ ދަތުރުފަތުރުކުރާ އުޅަނދު، ހާއްސަކޮށް ބުކިންގ ހަދައިގެން ދަތުރުކުރެވޭ އުޅަނދުތަކުގެ ވެރިންނަށް ފަސޭހަކަމާއެކު އެމީހަކު ހުރިތަނެއްގައި ހުރެގެން އޮޑި މެނޭޖްކޮށް، އޮންލައިންކޮށް ބުކިންގ ހެދޭނެ ނިޒާމެއް އިތުރު ޚަރަދަކާ ނުލައި އޮޑިވެރިންނަށް ފަހިކޮށް ދިނުމެވެ."

އޮޑިއެޕް އެސިސްޓެންސްގައި ގިނަ ފީޗާރސްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި

1. ސްޕީޑް ބޯޓްތައް މެނޭޖްކުރުން

2. ދަތުރުކުރާ މަންޒިލްތައް އިތުރުކުރުމާއި އެމަންޒިލްތައް ބޭނުން ވަގުތަކު ފަސޭހަކަމާއިއެކު މެނޭޖްކުރުން

3. ބުކިންގ ހެދުމާއި ބުކިންގތައް މެނޭޖްކުރުން

4. ކޮންމެ ބުުކިންގއަކާއެކު އީ-ޓިކެޓެއް ޕަސެންޖަރަށް ފޮނުވާލުން

5. ޓިކެޓްތަކުގެ ފައިސާ ސީދާ އޮޑިއެޕް އެސިސްޓެންސްއިން މެނޭޖްކުރުން

6. ބޯޓްތަކުގެ ދަތުރުތަކާއި ބެހޭ ތަފާސް ހިސާބު ފަސޭހައިން ބެލުން

7. ޕްރައިވަޓް ހަޔަރތައް މެނޭޖްކުރުން

8. ފަސޭހަކަމާއެކު ދަތުރުފަތުރުގެ އެޖެންޓުންގެ މުއާމަލާތްތައް މެނޭޖްކުރުން

9. އީ-ބޯޑިންގ ހެދޭނެހެން ޕަސެންޖަރ މެނިފެސްޓް ކޮންމެ ދަތުރުކަށް ވަކިން ތައްޔާރުކުރުން


އޮޑިއެޕް އެސިސްޓެންސްއަކީ އޮޑިވެރިޔާއަށް މުޅިން ހިލޭ ދޫކޮށްލެވޭ ޕްލެޓްފޯމެކެވެ. އަދި މިޕްލެޓްފޯމުގައި ރެޖިސްޓްރީވާ ވިޔަފާރިތަކަށް ހާއްސަ މާކެޓިން އަދި ސޭލްސް ޕިޗްތަކެއްވެސް މިކުންފުނީގެ ފަރާތުން ފޯރުކޮށްދޭން ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އޮޑިއެޕް އެސިސްޓެންސްގެ އިތުރުން ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޓިކެޓް ނެގޭނެ އޮޑިއެޕްގެ ޕްލެޓްފޯމްވެސް ވަރަށް އަވަހަށް ގެނެސްދިނުމަށް ދަނީ ތައްޔާރު ވަމުންނެވެ. ކޮވިޑްގެ ހާލަތުން އަރައިގަންނަ އިރު އިތުރު ފަސޭހަތަކާއިއެކު އޮޑިއެޕް އެސިސްޓެންސްގެ ބޭނުންހިފައިގެން ދަތުރު ފަތުރުގެ ނިޒާމަށާއި ދަތުރުތަކަށް ލުއި ފަސޭހަކަން ލިބިގެންދާނެކަމަށް އޮޑިއެޕުން އުންމީދުކުރެއެވެ.

އޮޑިއެޕްގައި ރަޖިސްޓްރީވެލުމަށް ވެބްސައިޓަށް ނުވަތަ ހޮޓްލައިން 9920022 އަށް ގުޅާލައްވައިގެން އިތުރު މަޢުލޫމާތު ހޯދާ ރަޖިސްޓްރޭޝަން ކަންތައް ކުރިޔަށް ގެންދެވޭނެއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.