ނިންޓެންޑޯ ގެ ވިޔަފާރި ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. ނަމަވެސް އެކުންފުންޏަށް އެންމެ ބޮޑު ފާއިދާއެއް ލިބެމުންދަނީ މީގެ އެތަށް އަހަރެއް ކުރިން އެކުންފުނިން އުފައްދާފައިވާ ގޭމްތަކުންނެވެ. ނިނެޓެންޑޯގެ ރައީސް ހާމަކޮށްފައިވާ ގޮތުގައި މި ސްޓްރެޓެޖީ އަކީ އެކުންފުންޏަށް ފައިދާ ލިބެމުންދާ ސްޓްރެޓެޖީ އަކަށް ވިޔަސް އެކުންފުނިން ކުރިއަށްއޮތް ތަނުގައި ގިނަ އައު ގޭމްތަކެއް އުފެއްދުމަށް މަސައްކަތް ކުރާނެއެވެ.
އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ކަސްޓަމަރުން ގޭމްތަށް އިހްތިޔާރު ކުރާނީ އެގޭމް އެމީހުންނަށް ޝައުގުވެރިވާ ފަދަ ގޭމަކަށް ވާނަމައެވެ. އެހެންކަމުން އެކުންފުނިން މަސައްކަތްކުރާނީ ކަސްޓަމަރުން ޝައުގުވެރިވާނެ ފަދަ އައު ގޭމްތަކަކާއި، މިހާރުވެސް ކަސްޓަމަރުންގެ ލޯބި ލިބިފައިވާ މާރިއޯ އަދި ޒެލްޑާ ފަދަ ގޭމްތަށް ބާޒާރަށް ނެރުމަށް ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
2020 ވަނަ އަހަރު ނިންޓެންޑޯގެ އެންމެ ކާމިޔާބު އުފެއްދުމަކީ 2001 ވަނަ އަހަރު ނެރުނު އެނިމަލް ކްރޮސިން ގެ އައު ގޭމް އެނިމަލް ކްރޮސިން: ނިއު ހޮރައިޒަންސްއެވެ. އެގޮތުން ނިންޓެންޑޯ ސްވިޗް ބޭނުންކުރާ ފަރާތްތަކުގެ 3/1 މީހުން ވަނީ މި ގޭމް ކުޅެފައިއެވެ. މީގެ އިތުރުން 2020 ގައި ދެން އެންމެ ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފައިވަނީ ސުޕަ މާރިއޯ 3ޑީ އޯލް-ސްޓާޒް، ސުޕަ ސްމޭޝް ބްރޯޒް އަލްޓިމޭޓް އަދި މާރިއޯ ކާޓްއަށެވެ.
ނިންޓެންޑޯ އިން އަލަށް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންދާ ގޭމްތަކުގެ ތެރޭގައި ހިމެނެނީ ޕޮކެމޯން ޑައިމަންޑް އަދި ޕާލް ގެ އައު ގޭމްތަކެކެވެ. އެގޮތުން މި ގޭމްތަކަކީ ޕޮކެމޯން ބްރިލިއަންޓް ޑައިމަންޑް އަދި ޝައިނިން ޕާލްއެވެ. މީގެ އިތުރުން އަލަށް ތައާރަފް ކުރެވޭ ބައެއް ގޭމްތަކަކީ މާރިއޯ ގޮލްފް: ސުޕަ ރަޝް އަދި ދި ލެޖެންޑް އޮފް ޒެލްޑާ: ސްކައިވާޑް ސްވޯޑް އެޗްޑީ އެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި