މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށް ޒިކުރު އެޕްގެ އައު ވަރޝަނެއް ރިލީޒްކޮށްފިއެވެ. ޒިކުރު އެޕަކީ ސޮފްޓްވެއަރ ޑިވެލޮޕަރ ޢަލީ ޒިހުނީގެ ކުޅަދާނަ މަސައްކަތެވެ. އެޕްގެ ނަމުން ވެސް ދޭހަވާ ފަދައިން މިއެޕަކީ ހެނދުނާއި ހަވީރުގެ ޒިކުރުތައް، އަދި ނަމާދު ނިންމުމަށްފަހު ކިޔާ ޒިކުރުތަކާއި އޭގެ ދިވެހި މާނަ ހިމަނައިގެން ތައްޔާރުކޮށްފައިވާ އެޕެކެވެ.
ޒިހުނީ ވިދާޅުވި ގޮތުގައި އެޕް އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ އައީ އޭނާގެ ދޮންބެގެ އެދުމުގެ މަތިން މަންމައަށް ޒިކުރުތައް ފަސޭހައިން ކިޔާލެވޭނެ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ.
މިއެޕް ތައްޔާރުކުރުމުގެ މައިގަނޑު މަގްސަދަކީ މޯބައިލް ޑިވައިސެއް މެދުވެރިކޮށް ޒިކުރުތައް ކިޔާލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމައެކު ކިޔާލެވޭނެ މަގު ފަހިކޮށްދިނުމެވެ.
މިއެޕްގެ އެންމެ ފުރަތަމަ ވަރޝަން ލޯންޗްކުރެވުނީ 2015 ގައި "ހެދުނާއި ހަވީރުގެ ޒިކުރުތައް" މިނަމުގައެވެ. ފުރަތަމަ ރިލީސްގައި ހިމެނުނީ ހަމައެކަނި ހެނދުނާއި ހަވީރު ކިޔާ ޒިކުރުތަކެވެ. އަދި އޭރު ތައްޔާރު ކުރެވުނީ އެންޑްރޮއިޑް ވާރޝަނެވެ. ފުރަތަމަ ވަރޝަންގެ ޑިވެލޮޕްމަންޓްގައި މަސައްކަތްކުރީ ޒިހުނީ އެކަންޏެވެ. ކޮންޓެންޓް ހިމެނުމުގައި ޒިހުނީގެ ދޮންބެގެ އެހީތެރިކަން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
2020 ގައި އެޕްގެ 2 ވަނަ ވަރޝަނެއްވެސް ވަނީ ރިލީޒްކުރެވިފައެވެ. ނަމާދަށް ފަހު ކިޔާ ޒިކުރުތައް އިތުރުކޮށް އެޕްގެ ނަންވެސް މިވަރޝަންގައި ބަދަލުކުރެވުނެވެ. އަދި މިވަރޝަން އުފެއްދުމުގައި މުޙައްމަދު ދާރިސް އިލްޔާސް އަދި މުޙައްމަދު ނާމީ ނާސިރު ބައިވެރިވެފައިވާކަމަށް ވިދާޅުވިއެވެ. އެއީ ޑިވެލޮޕްމަންޓް އަދި އައިކަން ޑިޒައިންކުރުން މަސައްކަތުގައެވެ. މީގެ އިތުރުން އެޕްގެ ޔޫއައި ޑިޒައިން ކުރުމުގައި ޙަސަން ނޫރީގެ އެހީތެރިކަންވެސް ލިބުނުކަން ފާހަގަކުރެއްވިއެވެ.
ޒިކުރު އެޕްގެ އެންމެ ފަހުގެ ރިލީސްގައި އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް ވަރޝަންވެސް ހިމެނެއެވެ. މިވަރޝަންގައި 400 އަށް ވުރެ ގިނަ ޒިކުރު ހިމެނެއެވެ. މީގެ ތެރެއިން ގިނަ ޒިކުރުތަކަކީ ޙިސްނުލްމުސްލިމްގައި ހިމެނޭ ޒިކުރުތަކެވެ. އޭގެ އިތުރުން އައު ފީޗަރސްތަކެއް ހިމެނޭ ކަމަށް ޒިހުނީ މަޢުލޫމާތު ދެއްވިއެވެ. އޭގެ ތެރޭގައި ދުޢާތައް ފޮޓޯއެއްގެ ގޮތުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ޝެއަރ ކުރުމާއި، ޒިކުރުތައް ކިޔުމަށް ހަނދާން ކޮށްދިނުމަށް ނޮޓިފިކޭޝަން ފޮނުވުމާއި، ޒިކުރުތަކާއި މާނައިގެ އަކުރުގެ ސައިޒު ބަދަލު ކުރެވޭނެގޮތާއި، ތީމް (އަލި، އަނދިރި، ރޭގަނޑު ފަދަ) ބަދަލުކުރުން ވެސް ހިމެނެއެވެ.
މިހާ ހިސާބަށް އެޕް އުފެއްދުމުގައި އާއިލާގެ އިތުރުން، ކޮންޓެންޓް އުފެއްދުމުގައާއި ދުޢާތަކުގެ އަޑުއެޅުމުގެ މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޒިކުރު އެޕް ހާއްސަވާ ސަބަބަކީ މިއީ ޒިކުރުތަކުގެ ދިވެހި ތަރުޖަމާއާއި އެކު ނެރުނު، އަދި މީގައި ހިމެނޭ ފަދަ ފީޗަރސްތައް އެކުލެވޭ ފުރަތަމަ އެޕަށް ވާތީއެވެ. އެޕްގެ އިތުރު ރިލީސްތައް ކުރިއަށް ރޭވިފައި އެބަހުއްޓެވެ. ގްލޯބަލް މާކެޓަށް އަމާޒުކޮށް އިތުރު ބަދަލުތައް ގެންނަން ރާވާފައި ވާކަމަށް ޒިހުނީ ވިދާޅުވިއެވެ. މިއެޕާމެދު އެއްވެސް ޚިޔާލެއް އޮތްނަމަ ނުވަތަ މައްސަލައެއް ރިޕޯޓްކުރުމަށް ބޭނުންވާނަމަ އެކަމަށް ކަނޑައެޅިފައިވާ ޓެލެގްރާމް ޗެނަލުން ހުށަހެޅުއްވޭނެއެވެ.
ޒިކުރު އެޕް އުފެއްދިފައިވަނީ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައި ކަމަށާއި، އެޕް އިތުރަށް ތަރައްގީ ކުރުމަށްވެސް ގިނަ ފަރާތްތަކެއްގެ އެހީ ބޭނުންވާކަމަށް ޒިހުނީ ފާހަގަކުރެއްވިއެވެ. އިތުރު ދުޢާތަކާއި ޒިކުރުތައް ހިމެނުމަށާއި ތަރުޖަމާކުރުމަށާއި މިހާރު އެޕްގައި ހުރި ދުޢާތަކުގައި ކުށްހުރިނަމަ އިސްލާހުކުރުމަށާއި ރެފަރެންސްތައް ކަށަވަރުކުރުމަށް، އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކުގެ އެހީ ބޭނުންވެއެވެ. ޒިކުރު އެޕްގެ އިތުރުން ކުރިއަށް ތައްޔާރުކުރުމަށް ރާވާފައި ހުރި އެހެން އެޕްތައް ޑިވެލޮޕް ކުރުމަށާއި ޑިޒައިންކުރުމުގައި އެހީތެރިވެދޭން ބޭނުންފުޅުވާ ފަރާތްތަކުން ޒިހުނީއަށް ގުޅުއްވުމަށް އެދުނެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް