ދިވެހި.އޭއައި އިން ދިވެހިބަހާއި ޓެކްނޮލޮޖީ ގުޅުވާލައިފި

ހިންދު ޢަލީ 21 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިބަސް ޒަމާނީ ޓެކްނޮލޮޖީއާއި ރައްޓެހިކޮށް ކުރިއެރުވުމަށްޓަކައި ދިވެހި.އޭއައި ގެ ނަމުގައި ހުޅުވާލެވިފައިވާ ނޮލެޖް ހަބެއް އިފްތިތާހުކޮށްފިއެވެ. މި ޕްލެޓްފޯމް އިފްތިތާހު ކުރީ ދިވެހިބަހުގެ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން 14 އެޕްރީލް 2021 ގައެވެ.

ދިވެހި.އޭއައިގެ މަގުސަދަކީ ދިވެހިބަސް ކުރިއެރުވުމަށް އުފައްދާފައިވާ ޓޫލްސްއާއި ޓެކްނޮލޮޖީތަކާއި މަޢުލޫމާތު އެއްތަނަކުން އެންމެނަށް ހުޅުވާލާފައިވާ ގޮތަށް ފޯރުކޮށްދިނުމެވެ. މިގޮތަށް މިތަކެތި ފޯރުކޮށްދިނުމުގެ ސަބަބުން މިފަދަ މަސައްކަތް ކުރާ އެހެން ފަރާތްތަކަށްވެސް މީގެ ބޭނުންހިފާނެ ފުރުސަތު ލިބި، ބަސް ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލާ ހަލުވިކޮށް ބަސް ކުރިއެރުވުމަށް އެހީތެރިވާނެކަމަށް ދިވެހި.އޭއައިގެ ޓީމުން އުންމީދު ކުރެއެވެ.

ދިވެހި.އޭއައި އިން ތަރައްގީ ކޮށްފައިވާ ދެތިން ޓެކްނޮލޮޖީއެއްގެ މަޢުލޫމާތު އެވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ. އެއީ ދިވެހިބަހުން ލިޔެފައި ހުންނަ ތަކެތި، އަޑަށް ބަދަލުކޮށް ވާހަކަ ދެއްކޭނޭ ޓެކްނޮލޮޖީ (ޓެކްސްޓް-ޓު-ސްޕީޗް) އަދި ދިވެހި ބަހުން ވާހަކަ ދެއްކީމާ އެ ދެނެގަނެ ލިޔެވޭނޭ ޓެކްނޮލޮޖީ (ސްޕީޗް-ޓު-ޓެކްސްޓް) އެވެ. ދިވެހި.އޭއައި ވެބްސައިޓްގައި ހިއްސާކޮށްފައިވާ ވީޑިއޯއިން މިޓެކްނޮލޮޖީތައް މަސައްކަތް ކުރާގޮތް ވަނީ ދައްކާލާފައެވެ. މީގައި އެލެކްސާ އާއި ސިރީ ފަދަ ޑިޖިޓަލް ވޮއިސް އެސިސްޓަންޓުން މީހުންނާއި އިންޓަރެކްޓް ވާފަދައިން ދިވެހިބަހުން ދޭ ކޮމާންޑްތަކާއި ދައްކާ ވާހަކަތައް ދެނެގަނެ އެއަށް ޖަވާބުދެއެވެ. އަދި މީގެ އިތުރުން ދައްކާ ވާހަކަ ލިޔުމަށް ބަދަލު ކުރާ ޓެކްނޮލޮޖީއިން ކޮމާންޑްއެއް ދިނުމުން ކިޔާތަކެތި ޓައިޕްކުރެއެވެ.

ދިވެހި.އޭއައި އިން ތަޢާރަފްކުރި މި ޓެކްނޮލޮޖީތަކުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ތަކެއް ލިބިގެންދާނެކަން ކަށަވަރެވެ. ޚަބަރު ފަދަ ތަކެތި ލިޔާ ލިޔުންތެރިންނަށް މަސައްކަތް ކުރުމުގައި ސްޕީޗް-ޓު-ޓެކްސްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގިނަ ވަގުތު ސަލާމަތްތަކުރެވިދާނެއެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ބައެއް ފަރާތްތަކަށް ޚަބަރާއި ލިޔުންތައް އަޑުއެހުމަށްވެސް މިޓެކްނޮލޮޖީގެ ބޭނުން ކުރެވިދާނެއެވެ. މިހާރު ދިވެހިބަހުން ހުންނަ ގިނަ ވެބްސައިޓްތަކުގައި މިފަދަ ފީޗަރސްތަކެއް ނުހުރެއެވެ. ވީމާ، މިއީ އެކަމަށް ބޭނުންތެރި ޓެކްނޮލޮޖީއަކަށް ވާނެއެވެ.

ދިވެހި.އޭއައި އަކީ ދިވެހި ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި އިންޖިނިއަރުންނާއި، ބަސް ދިރާސާކުރާ ފަރާތްތަކާއި ބަސް ކިޔަވައިދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކެއް ގުޅިގެން ކުރާ މަސައްކަތެކެވެ. މިކަމުގެ މަގުސަދަކީ ދިވެހިބަސް ކުރިއެރުވުމާއި، މިކަމާއި ބެހޭ މަޢުލޫމާތު ގިނަ ފަރާތްތަކަކަށް ފަސޭހައިން ލިބޭނޭ ގޮތް ހެދުމާއި އަދި މިމަސައްކަތް ކުރާ ފަރާތްތަކުގެ ތަޖުރިބާ މުޖުތަމަޢާއި ހިއްސާކުރުމެވެ.

މިހާރު ތައްޔާރުކޮށްފައިވާ ލެވެލްއިން ވެސް މިޓެކްނޮލޮޖީތަކުގެ ބޭނުން ހިފިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އަދި މިތަކެތި އެންމެ ފުރިހަމަ ނުވާކަމަށާއި އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އެޓީމުން ވިދާޅުވެއެވެ. މިމަސައްކަތުގައި ގިނަ ފަރާތްތަކެއްގެ އެހީ މިހާރުވެސް ލިބޭކަމަށާއި އަދި އިތުރަށް އެހީ ބޭނުންކަމަށް ވެސް ވިދާޅުވެއެވެ. އެއްވެސް ގޮތަކުން މިކަމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

މިކަމުގައި ބައިވެރިވުމަށް ދިވެހި.އޭއައިގެ ޑިސްކޯޑް ޗެނަލަށް ދައުވަތުއަރުވައެވެ. އަދި ދިވެހި ވޮއިސް ޑޭޓާބޭސް ފުޅާކުރުމަށް އެހީތެރިވެދެއްވުމަށް މޮޒިއްލާ ކޮމަން ވޮއިސްއަށް އަޑު ހުށަހެޅުމުގައި ނުވަތަ ހުށަހަޅާފައިވާ އަޑުތައް ފާސްކުރުމުގައި ބައިވެރިވުމަށް އެދިފައިވެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.