ރަޝިއާ ހޯދާފައި ހުރި ޖައްވީ ތަޖުރިބާއާ މެދު ބަޔަކު ޝައްކުކުރާނެ ކަމެއް ނެތެވެ. ރަޝިއާގެ ވިސްނުމަކީ 2025 އަށް ފަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދޫކޮށްލައި އަމިއްލަ ސްޕޭސް ސްޓޭޝަނަކަށް ހިޖުރަކުރުމެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ރަޝިއާ ފަޅިން ލީކުވާ މައްސަލަ އަދި ބޮޑުކަމަކަށް ނުވި ނަމަވެސް ނޮވެމްބަރު 20، 2021 އަށް 23 އަހަރު ފުރޭ ޖައްވީ ސްޓޭޝަން މިހާރު އެވަނީ ބޮޑު މަރާމާތަކަށް ބޭނުންވެފަ އެވެ. އެކަމަކު ރަޝިއާގެ ވިސްނުން ހުރީ އެބައި މަރާމާތުކުރާ ގޮތަކަށް ނޫނެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ބަލަހައްޓަނީ ފަސް މެމްބަރު އޭޖެންސީއަކުންނެވެ. އެއީ ނާސާ، ރޮސްކޮސްމޮސް، ޖަޕާން އެއޮރޮސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީ، ޔޫރަޕިއަން ސްޕޭސް އޭޖެންސީ އަދި ކެނޭޑިއަން ސްޕޭސް އޭޖެންސީންނެވެ.
ދުނިޔޭގައި ޖިއޯޕޮލިޓިކްސް ކުޅެމުން އަންނަ ގޮތުން އަދި އާންމު ސިޔާސީ އޮއިވަރު އޮތް ގޮތުން މިގައުމުތަކަށް އެކުގައި، އެއް ހަމައެއްގައި ސައިންޓިފިކް މަސައްކަތެއް ކުރުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. ސިނާއީ ކުރިއެރުމަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށް ވާދައިގައި ކުރިއަރައިދާން ވަކިވަކި ގައުމުތަކުން ވިސްނުމަކީ ސްޕޭސް ސްޓޭޝަން ދުރުނޫން ތާރީޚެއްގައި ރޫޅިދާނެ ފިކުރެކެވެ.
ރަޝިއާއިން ބުނީ 2025 ގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ކޮމިޝަންކުރާނެ ކަމަށާއި މަގުބަދަލުކޮށް އަމިއްލަ ސްޓޭޝަނަކަށް މިސްރާބުޖަހާނީ އެހިސާބުން ކަމަށެވެ.
ރަޝިއާއިން ވިސްނާ ގޮތުން އެމީހުން ދެން ސްޕޭސް ސްޓޭޝަނެއް އުފައްދާނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ވުރު އުހުގަ – އެހެން އޯބިޓެއްގަ އެވެ. ބޭނުމެއް ކަމަށް ބުނީ ދުނިޔެ ރަނގަޅަށް ބެލުމަށް ކަމަށެވެ. ކަނޑުއޮޅިތަކާއި ގަނޑުފެންތަކުގެ ހަރަކާތްތައް ރަޝިއާއިން ބަލަން ބޭނުންވާ ކަމަށެވެ.
ރަޝިއާ އަކީ ޖައްވީ ތާރީޚެއް އޮތް ގައުމެކެވެ. ޖައްވަށް އެންމެ ފުރަތަ ސެޓެލައިޓެއް – ސްޕުޓްނިކް – ފޮނުވީ ވެސް ރަޝިއާއިންނެވެ. ދުނިޔެ ވަށާ ބުރުޖެހުމަށް ޖަނަވާރެއް – ލައިކާ (ކުއްތާއެއް) ފޮނުވީ ވެސް އެގައުމުންނެވެ. އަދި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ވުރެ ކުރިން ރަޝިއާގެ ކޮސްމޮނޯޓުން ވަނީ އަމިއްލަ ސްޕޭސް ސްޓޭޝަނެއްގައި – މިއާ ސްޕޭސް ސްޓޭޝަން (ފޮޓޯ މަތީގައި) އަހަރެމެން ކިޔާ ގޮތުން މީރު ސްޕޭސް ސްޓޭޝަންގައި ހޭދަކޮށްފަ އެވެ.
ރަޝިއާއިން ދުނިޔެއާ ދުރު އޯބިޓެއްގައި އަމިއްލަ ޖައްވީ ސްޓޭޝަނެއް ހަދަން ޝައުގުވެރިވާ ކަމަށް ބުނެ މިހާރު ވާހަކަދައްކަން ފެށުމުން އެއީ ރަޝިއާއަށް ނުވާވަރުގެ ކަމެއް ކަމަށް ބުނުން ވާނީ ޒާތީވުމަށެވެ.