ކޯގަންނު ގަބުރުސްތާނުގެ 3ޑީ މޮޑެލް އެއް މިހާރު ބަލާލެވޭނެ

އަޙްމަދު އަޙްސަން 21 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހި ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އެއް ގަބުރުސްތާނު ކަމަށްވާ އައްޑޫ ސިޓީ މީދޫގެ ކޯގަންނު ގަބުރުސްތާނު 3ޑީ މޮޑެލް އެއް މެދުވެރިކޮށް މިހާރު ބަލާލެވޭނެއެވެ.

މި މޮޑެލް އިން މީގެ 900 އެތަކެއް އަހަރު ކުރީގެ މިގަބުރުސްތާނުގައި މިހާރު ފެންނަން ހުރި 1535 އެއްހާ ހިރިގަލު މަހާނައާއި ގަބުރުސްތާނުގެ ތެރޭގައި ހުރި އާސާރީ މިސްކިތްތަކާއި އެކި ބިނާތަށް ބަލާލެވޭނެއެވެ.


މި މޮޑެލް ތައްޔާރުކޮށްފައި ވަނީ ދި މޯލްޑިވްސް ހެރިޓޭޖް ސާވޭގެ ނަމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ޓީމަކުންނެވެ. މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޖް އާއި އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ އިތުރުން ވޮޝިންޓަން ޔުނިވާސިޓީ އާއި ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ އާތް އޮބްޒަވޭޓޮރީ އިންވެސް މި މަސައްކަތަށް އެހީތެރިވެއެވެ.

ދި މޯލްޑިވްސް ހެރިޓޭޖް ސާވޭ އިން އަންނަނީ ކޯގަންނުގެ އިތުރުން ރާއްޖޭގައި ކުރިން ހުރި ބުޑިސްޓު ބިނާތަށް ހުރި ތަންތަނާއި ރާއްޖޭގައި ހުރި ޒަމާންވީ އިސްލާމީ އާސާރީ ތަންތަނުގެ 3ޑީ މޮޑެލްތަށް ތައްޔާރު ކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު އެ ޓީމުން ތައްޔާރުކޮށްފައިވާ އިތުރު މޮޑެލްތަށްވެސް އެ ޕްރޮޖެކްޓްގެ ވެބްސައިޓް އިން ބަލާލެވޭނެއެވެ.

މޯލްޑިވްސް ހެރިޓޭޖް ސާވޭގެ އަމާޒަކީ ދިވެހިރާއްޖޭގައި ހުރި ބުޑިސްޓު އަދި އިސްލާމީ އާސާރީ ތަންތަނުގެ މައުލޫމާތު އެއްކޮށް މިތަކެތި ނެތިދިއުމުގެ ކުރިން އެތަންތަނުގެ މައުލޫމާތު އެއްކޮށް ރައްކާކުރުމެވެ. އެގޮތުން މި މަސައްކަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ފޮޓޯގްރަފީ، ލޭޒާ ސްކޭނިން، 3ޑީ މޮޑެލިން އަދި ޖިއޯގްރެފިކް އިންފޮމޭޝަން ސިސްޓަމް މެޕިން (ޖީއައިއެސް) އެވެ. މި ވަސީލަތްތަށް މެދުވެރިކޮށް މި ޕްރޮޖެކްޓްގެ ތެރެއިން މި ތަންތަނުގެ ޑޭޓާ ބޭސްއެއް ހެދި މި ޕްރޮޖެކްޓްގެ ވެބްސައިޓް އިން ބަލާލެވޭނެއެވެ.

https://skfb.ly/6YEzr

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.