މައިކްރޯސޮފްޓް އިން އައު ވިންޑޯޒް ސްޓޯއެއް އުފައްދަނީ

އިސްމާއިލް އަލީ 22 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓްއިން އެކުންފުނީގެ ވިންޑޯޒް ގައި ބޭނުންކުރަމުން އަންނަ އެޕް ސްޓޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ. އެގޮތުން ވިންޑޯޒް ސެންޓްރަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބަދަލުތަކާއި އެކު އައު އެޕް ސްޓޯއެއް މައިކްރޯސޮފްޓްއިން މިއަހަރު ތައާރަފްކުރާނެއެވެ. މި އައު ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އިންޑޯޒް އެޕް ސްޓޯ އެކި ވައްތަރުތަކުގެ އެޕްލިކޭޝަންތަކަށް ކުރިއަށްވުރެ ބޮޑަށް ހުޅުވާލުމެވެ. މީގެ ސަބަބުން މި އެޕް ސްޓޯއިން ކްރޯމް އަދި ފަޔާފޮކްސް ފަދަ ބްރައުޒާތަށް ލިބިގެންދާނެއެވެ.

މައިކްރޯސޮފްޓްއިން މި ބަދަލުތަށް ގެނެސްފިނަމަ ވެގެންދާނީ އެކުންފުނިން މިހާތަނަށް ވިންޑޯޒް ސްޓޯއަށް ގެންނަ އެންމެ ބޮޑު ބަދަލަށެވެ. މިހާރު ވިންޑޯޒް ސްޓޯ އަށް އެޕްލިކޭޝަން ތައްޔާރުކުރާ ފަރާތްތަކަށް ޖެހެނީ ވިން32 އެޕްލިކޭޝަންތައް އެމްއެސްއައިއެކްސް ފޯމެޓަށް ތައްޔާރު ކުރާށެވެ. މީގެ އިތުރުން މި އެޕްލިކޭޝަންތައް އަޕްޑޭޓްކުރުމަށްވެސް ބޭނުންކުރަންޖެހެނީ މައިކްރޯސޮފްޓްގެ އަޕްޑޭޓް ހިދުމަތެވެ. ނަމަވެސް ރިޕޯޓްކުރެވިފައިވާ ބަދަލުތައް އަތުވެއްޖެނަމަ އެޕްލިކޭޝަންތައް އީއެކްސްއީ ނުވަތަ އެމްއެސްއައި ފޯމެޓަށް ތައްޔާރުކޮށް މައިކްރޯސޮފްޓަށް ފޮނުވޭނެއެވެ. މީގެ އިތުރުން އަޕްޑޭޓްތަކަށް ޑިވެލޮޕަރުންގެ އަމިއްލަ ކޮންޓެންޓް ޑެލިވަރީ ނެޓްވޯކް ބޭނުންކުރެވޭނެއެވެ. މިބަދަލާއިއެކު އެޑޯބީ ކްރިއޭޓިވް ކްލައުޑްގެ އެޕްލިކޭޝަންތައް ފަދަ މަޝްހޫރު އެތަކެއް އެޕްލިކޭޝަނެއް ވިންޑޯޒް ސްޓޯއިން ލިބިގެންދާނެއެވެ.

ވިންޑޯޒްގެ އެޕް ސްޓޯ އެންމެ ފުރަތަމަ ތައާރަފްކުރެވުނީ ވިންޑޯޒް 8 އާއި އެއްކޮށެވެ. މި އެޕް ސްޓޯގެ ބޭނުމަކީ މައިކްރޯސޮފްޓްގެ ހުރިހާ މަންސައެއްގައި ބޭނުންކުރެވޭނެ އެޕްލިކޭޝަންތަކެއް ޑިވެލޮޕްކުރުމަށް ޑިވެލޮޕަރުންނަށް ބާރުއެޅުމެވެ. މި ބަދަލުތަކަކީ އެކުންފުނީގެ ސަން ވެލީ ޕްރޮޖެކްޓްގެ ތެރެއިން ގެންނަ ބަދަލުތަކެއް ކަމަށްބެލެވެއެވެ. މީގެ އިތުރުން މި ބަދަލުތަކާއިއެކު މައިކްރޯސޮފްޓްގެ ވިޝުއަލް ސްޓޫޑިއޯ އާއި ޓީމްސް ފަދަ އެތައް އެޕްލިކޭޝަނެއް ވިންޑޯޒް ސްޓޯއިން ލިބިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.