ފޭސްބުކް އިން އޯޑިއޯ ހިދުމަތްތަކެއް ތައާރަފުކުރަނީ

އިސްމާއިލް އަލީ 22 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލައުބްހައުސް ގޮތަށް ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް އެހެންމީހުންއީ ވަގުތުން އޯޑިއޯ މެދުވެރިކޮށް ވާހަކަދައްކައި މުއާމާލާތް ކުރެވޭނެ ހިދުމަތެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ހާމަކޮށްފިއެވެ. އެގޮތުން އެނާ ހާމަކޮށްފައިވާ ގޮތުގައި މުސްތަގްބަލުގައި ފޭސްބުކް އިން އޯޑިއޯ ފީޗާތަކަށް އިތުރަށް އިންވެސްޓް ކުރާނެއެވެ.

ފޭސްބުކް އިން އަލަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ހިދުމަތަކީ ލައިވް އޯޑިއޯ ރޫމްސްއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ހޫނު މޫސުމަށް ފޭސްބުކް އަދި މެސެންޖާ ބޭނުންކުރާ ހުރިހާ އެންމެނަށް މި ފިޗާ ލިބިގެންދާނެއެވެ. މި ފީޗާ އެކުންފުނިން ޓެސްޓު ކުރުމަށް ނިންމާފައިވަނީ ފޭސްބުކް ގްރޫޕްތަކުގެ ތެރޭގައިއެވެ. މި ފީޗާ މެދުވެރިކޮށް ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މާލީ މަންފާއެއް ހޯދައިދިނުމުގެ ގޮތުން އެފަރާތްތަކުގެ ލައިވް އޯޑިއޯ ރޫމްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ އަތުން ފީއެއް ނެގޭގޮތްވެސް މި ހިދުމަތުގެ ތެރޭގައި ހިމެނޭނެކަމަށް ފޭސްބުކް އިން ހާމަކުރެއެވެ.

ފޭސްބުކް އިން އެކުންފުނީގެ ވާދަވެރިންގެ އުފެއްދުންތައް ކޮޕީ ކުރުމަކީ އައު ކަމެއްނޫނެވެ. އެގޮތުން މީގެ ކުރިން އެކުންފުނިންވަނީ ސްނެޕްޗެޓްގެ ބައެއް ފީޗާތައްވެސް ކޮޕީކޮށްފައިއެވެ.

މީގެ އިތުރުން ފޭސްބުކް އިން ޕޮޑްކާސްޓް ފީޗާއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ޒަކަބާގް ވަނީ ހާމަކޮށްފައިއެވެ. މި ފީޗާ މެދުވެރިކޮށް ފޭސްބުކް އިން ޕޮޑްކާސްޓްތަށް އަޑުއަހައި ޝެއާ ކޮށްލެވޭނެއެވެ. ފޭސްބުކް އިން އަލަށް ތައާރަފްކުރާނެ އޯޑިއޯ ފީޗާތަކުގެ ތެރޭގައި ދެން ހިމެނެނީ ސައުންޑްބައިޓްސް ގެ ނަންދީފައިވާ ޕްރޮޑަކްޓެކެވެ. ސައުންޑްބައިޓްސް މެދުވެރިކޮށް ޖޯކް ފަދަ ކުރު އޯޑިއޯ ކްލިޕް އަޑުއަހާލެވޭނެއެވެ. އަދި ހަމައެއާއިއެކު ސައުންޑްބައިޓްސް އަށް އޯޑިއޯ އުފެއްދުމަށް ހާއްސަ އެޑިޓިން ޓޫލްސް އާއި އޯޑިއޯ ކްރިއޭޓާ ފަންޑެއްވެސް އެކުންފުނިން ތައާރަފް ކުރުމަށް ވަނީ ނިންމާފައިއެވެ.

މި ހިދުމަތްތަކުގެ އިތުރަށް ޕްރޮޖެކްޓް ބޫމްބޮކްސް ގެ ނަމުގައި ފޭސްބުކް އާއި ސްޕޮޓިފައި އިންޓަގްރޭޓް ކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. މީގެ ސަބަބުން މިއުޒީޝަނުންނަށް އެމީހުންގެ މިއުސިކް ޝެއާކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. އަދި ފޭސްބުކް މެދުވެރިކޮށް މިއުޒިކް އަޑުއަހާލުމަށްވެސް ފަސޭހަވެގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.