ޕާސިވިއަރެންސް އިން މާސްގެ ވައިން އޮކްސިޖަން އުފައްދައިފި

މުހައްމަދު ރައްޔާން 24 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ނާސާގެ ޕާސިވިއަރެންސް ރޯވާ އިން ވަނީ މާސްގެ ކާބަންޑައިއޮކްސައިޑް އިން މުއްސަނދި ވައި ބޭނުންކޮށްގެން އޮކްސިޖަން އުފައްދާފައިއެވެ. މި ޓެސްޓް ކާމިޔާބު ކަމާއިއެކު ކޮށްފައިވަނީ 20 އޭޕްރިލް 2021 ގައި ޕާސިވިއަރެންސް ގައި ހަރު ކުރެވިފައިވާ މާސް އޮކްސިޖަން އިން-ސިޗު ރިސޯސް ޔުޓިލައިޒޭޝަން އެކްސްޕެރިމެންޓް (މޮކްސީ) މެދުވެރިކޮށެވެ.

މާސްގެ ވައިގެ 96 އިންސައްތަ އަކީ ކާބަންޑައިއޮކްސައިޑްއެވެ. އެހެންކަމުން އޮސިޖަން އުފެއްދުމަށްޓަކައި މޮކްސީ އިން މާސްގެ ވައިގައި ހިމެނޭ ކާބަން ޑައިއޮކްސައިޑް އިން އޮކިސިޖަން އެޓަމްސް ވަކިކުރެއެވެ. މިކަމަކީ ގާތްގަނޑަކަށް 800 ސެލްސިއަސްގެ ހޫނުމިނުގައި ކުރެވޭ މަސައްކަތަކަށްވުމުން މޮކްސީ ފަރުމާކުރެވިފައިވަނީ ހޫނު ގަދަވުމުން ގެއްލުން ނުލިބޭފަދަ މައުދަނަކުންނެވެ. މީގެ އިތުރުން ޕާސިވިއަރެންސްއަށް ހޫނުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން މޮކްސީ ވަށައިގެން ރަނުގެ ފަށަލައެއް ލެވިފައިވެއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މޮކްސީގެ ފުރަތަމަ ތަހުލީތަކުގައި އުފެއްދިފައިވަނީ 5 ގްރާމް އޮކްސިޖަންއެވެ. މިއީ އެސްޓްރޮނޯޓަކަށް ގާތްގަނޑަކަށް 10 ވަރަކަށް މިނިޓު ނޭވާލާން ބޭނުކުރެވޭ ވަރުގެ އޮކްސިޖަންއެވެ. ނާސާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މޮކްސީ އަކީ ގަޑިއަކު 10 ގްރާމް އޮކްސިޖަން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އުފެއްދުމެކެވެ. މިކާމިޔާބު ތަހުލީލުތަކަށްފަހު މޮކްސީ މެދުވެރިކޮށް އަދި އިތުރު 9 ފަހަރު އޮކްސިޖަން އުފައްދާނެކަން ނާސާއިން ވަނީ އިއުލާންކޮށްފައިއެވެ.

މޮކްސީގެ މި ކާމިޔާބު ތަހުލީލުތަކާއި އެކު މުސްތަގުބަލުގައި އެސްޓްރޮނޯޓުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ނާސާއިން ހާމަކޮށްފައިވެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.