އިންޑިއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެގައުމުގެ ސަރުކާރުން މި ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފާޑުކިޔުން ޓްވިޓާއިން ހުއްޓުވައިފިއެވެ. އެގޮތުން އެކުންފުނިން ވަނީ އިންޑިއާ ސަރުކާރުގެ އެދުމަކަށް ސަރުކާރަށް ފާޑުކިޔާފައިވާ 50 ޓްވީޓް ޑިލީޓްކޮށްފައިއެވެ. އިންޑިއާ ސަރުކާރުގެ އެދުމަށް ޓްވިޓާ އިން ސެންސަރުކޮށްފައިވާ ޓްވީޓް ތަކުގެ ތެރޭގައި އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކާއި، ވެސްޓް ބެންގާލްގެ ސްޓޭޓް މިނިސްޓަރާއި ހޮލީވުޑްގެ ބައެއް ތަރިންނާއި ޑައިރެކްޓަރުން ކޮށްފައިވާ ޓްވީޓްތަށް ހިމެނެއެވެ.
ޓްވިޓާ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އިންޑިއާގައި ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ބައެއް ޓްވީޓްތައް ނުފެންނަ ގޮތަށް ހަދާފައިވަނީ މި ޓްވީޓްތައް އިންޑިއާގެ ގާނޫނުތަކާއި ހިލާފުވުމުންނެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިފަދަ ފިޔަވަޅުތައް އެޅުމުގެ ކުރިން ފިޔަވަޅު އަޅާ ފަރާތަށް އެފިޔަވަޅު އަޅަންޖެހުނީ އިންޑިއާ ސަރުކާރުން އެދިގެންކަން އަނގަމުން ދާކަމަށެވެ.
މިއީ ޓްވިޓާ އިން އިންޑިއާ ސަރުކާރުގެ ޕްރެޝަރާއި ގުޅިގެން ޓްވިޓާ ބޭނުންކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުއެޅި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ ކުރިން ދަނޑުވެރިން ކުރަމުންދިޔަ މުޒާހަރާ ތަކާއި ގުޅިގެންވެސް އިންޑިއާ ސަރުކާރުގެ އެދުމަށް ޓްވިޓާއިން ވަނީ 500 އަށް ވުރެ ގިނަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައިއެވެ.
އިންޑިއާގެ ގާނޫނުތަކުން ސަރުކާރުގެ އަގުވެއްޓޭ ފަދަ ނުވަތަ ހަމަނުޖެހުން އުފެދިދާނެ ފަދަ މައުލޫމާތު ހިއްސާކޮށް ޕަބްލިޝް ކުރުމަކީ މަނާކަމެކެވެ. އިންޑިއާ ސަރުކާރުގެ އެދުމަށް ޓްވިޓާއިން ސެންސަރު ކޮށްފައިވާ ބައެއް ޓްވީޓްތައް އިންޑިއާ ނޫން އެހެން ގައުމުތަކަށް ފެނެއެވެ. އެގޮތުން ވެސްޓް ބެންގާލްގެ ސްޓޭޓް މިނިސްޓަރު ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ ބޮޑުވަޒީރު މޯދީ ކޮވިޑް ގެ ބިރުވެރިކަން ސީރިއަސްކޮށް ނުނަގާކަމަށް ތުހުމަތުކޮށްފައިއެވެ.
ޓްވިޓާ އިން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އިންޑިއާގައި ވަނީ ކޮވިޑް ގެ ހާލަތު ގޯސްވެ އޮކްސިޖަން އާއި، ވެންޓިލޭޓަރު އަދި ބޭސްތައް އިންތިހާއަށް މަދުވެފައިއެވެ. މީގެ އިތުރުން ބަލިޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުވެސް ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި