ސެމްސަންގް ކުންފުނިންދަނީ ތަފާތު އެކި ފަތްޖަހާލެވޭ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކުންފުނިން 3 ފަހަރު ފަތްޖަހާލެވޭ ޓެބްލެޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން މިދިޔަ ހަފްތާގައި ވަނީ ހާމަވެފައިއެވެ. މިހާރު މިވަނީ އެކުންފުނީގެ އިތުރު ފަތްޖަހާލެވޭ ޑިވައިސްއެއްގެ މައުލޫމާތު ހާމަވެފައިއެވެ.
އެގޮތުން އެކުންފުނިން ތައްޔާރުކޮށްފައިވާ ޕޭޓަންޓްއެއްގައި ފޯލްޑަބަލް އިލެކްޓްރޯނިކް ޑިވައިސް އިންކްލޫޑިން އިލެކްޓްރޯނިކް ޕެން އެއް ހިމެނިފައިވާކަން ވަނީ ހާމަވެފައިއެވެ. މީގެ އިތުރުން މި ޕޭޓަންޓްގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ޑިވައިސްއަކީ މަލްޓި ފޯލްޑަބަލް ޑިވައިސްއެކެވެ.
މި ފޯނުގެ 2 ފަރާތުގެ ޑިސްޕްލޭ ފަތްޖަހާލުމުން ސްކްރީންތައް އޮންނާނީ މެދުގައި އޮންނަ ސްކްރީން މަތީގައިއެވެ. އެހެންކަމުން މި ފޯނު ފަސޭހައިން ހުޅުވާ ލައްޕާ ހެދޭނެއެވެ. މީގެ އިތުރުން އެކުންފުނިން މި ފޯނުގައި އެތެރެއަށް އަދި ބޭރަށް ފަތްޖަހާލެވޭނެގޮތް ހެދުމަށް އެކުންފުނިން މަސައްކަތްކޮށްފައިވާކަން ފޮޓޯތަކުން އެނގެއެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ މި ފޯނަށް މެގްނެޓިކް އެސް ޕެން އެއްވެސް ފަރުމާކޮށްފައިއެވެ. މި ސްޓައިލަސް ހަރުކޮށްފައިވަނީ ފޯނު ފަތްޖަހާލުމުން މެދުގައި އިން ބައެއްގައިއެވެ. މީގެ އިތުރުން މި ސްޓައިލަސް މިތަނުގައި ބެހެއްޓުމާއިއެކު ވަޔަލެސްކޮށް ހައި ސްޕީޑުގައި މި ސްޓައިލަސް ޗާޖުކޮށްދެއެވެ.
މީގެ އިތުރުން މި ފޯނުގައި 2 ސެލްފީ ކެމެރާ އާއި އިން ޑިސްޕްލޭ ފިންގާޕްރިންޓް ސެންސާއެއް ހިމެނިފައިވެއެވެ. ހަމައެއާއިއެކު މި ފޯނުގެ ފަހަތުގައި ހިމެނޭ ޑުއަލް ކެމެރާތަކާއި ފްލެކްސިބަލް ސްކްރީނުގެ ފަހަތުގައި އެކުންފުނިންދަނީ ޕައިޒޯއިލެކްޓްރިކް ސްޕީކާއެއް ހަރުކުރުމަށް މަސައްކަތްކުރަމުންނެވެ.
މި ޑިވައިސްގެ މަސައްކަތް އެކުންފުނިން ކުރިކަމުގައިވިޔަސް އާންމުންނާއި ހަމަޔަށް މި ޑިވައިސް އަންނާނެކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ. ހަމައެއާއިއެކު އެކުންފުނިން މި ޑިވައިސްގެ ޕޭޓަންޓް ގައި ހިމެނިފައިވާ ބައެއް ފީޗާތަށް އެކުންފުނީގެ އެހެން ޑިވައިސްތަށް އުފެއްދުމުގައި ބޭނުންކުރުމަކީވެސް ވުން ގާތްކަމެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި