ފޯޓްނައިޓް ގެ 27 އޭޕްރިލް އަޕްޑޭޓްގައި ނޭމާ ފެނިގެންދާނެ

މުހައްމަދު ރައްޔާން 26 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ 27 އޭޕްރީލް 2021 ގައި ފޯޓްނައިޓް ގޭމްއިން ފެނިގެންދާނެކަން އެޕިކް ގޭމްސް އިން ހާމަކޮށްފިއެވެ. ފޯޓްނައިޓްގައި ނޭމާ ފެނިގެންދާނީ ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައިއެއް ނޫނެވެ. އެގޮތުން ގޭމްގައި ނޭމާ ބަދަލުވެގެންދާނީ ފުޓުބޯޅަ ކުޅޭ މެކޭނިކަލް ޖަގުއާއަކަށެވެ. ނޭމާ އަށް ހާއްސަ ކުރެވިފައިވާ ހަރަކާތްތައް ފެނިގެންދާނީ 27 އޭޕްރިލް ގައި ނިކުންނަ ފޯޓްނައިޓްގެ އަޕްޑޭޓް ވާޝަން 16.30 އިންނެވެ.

ނޭމާ މިގޭމުން ފެނިގެންދަނީ ފޯޓްނައިޓްގެ ސީޒަން 6 ގެ ބެޓްލް ޕާސް ގެ ހާއްސަ ބައެއްގެ ތެރެއިންނެވެ. އަދި ނޭމާ ފެނިގެންދާ ސްކިން ބޭނުންފަރާތްތަކުން މިގޭމު ތެރޭގައި ހުރި ބައެއް ޗެލެންޖުތައް ފުރިހަމަކުރަން ޖެހޭނެއެވެ. އެޕިކް ގޭމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ޗެލެންޖްތައް ފަރުމާކުރެވިފައިވަނީ ފޯޓްނައިޓް އައިލެންޑްގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުޓުބޯޅަ ކުޅުންތެރިން ހަވާލުކުރާ މަސައްކަތްތަކެއްގެ ގޮތުގައިއެވެ. ނޭމާ ސްކިން ނުވަތަ އައުޓްފިޓް ހޯދުމަށްޓަކައި މިތަނުން 5 ޗެލެންޖު ކާމިޔާބުކުރަން ޖެހެއެވެ.

އެޕިކް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ނޭމާގެ އިތުރުން ބްރެޒިލްގެ ގައުމީ ޓީމުގެ ކުލަތައް ކަމަށްވާ ރީނދޫ، ފެހި އަދި ނޫ ކުލައިން ފަރުމާކުރެވިފައިވާ އައުޓްފިޓް އެއްވެސް މި ގޭމްތެރެއިން ލިބިގެންދާނެއެވެ. މީގެ އިތުރުން ނޭމާ މި ގޭމުން ފެނިގެން ދިއުން ފާހަގަކުރުމުގެ ގޮތުން ފޯޓްނައިޓްގެ ކްރިއޭޓިވް މޯޑުގައި ނޭމާ ކުޅެމުންދާ ޕެރިސް އަށް ނިސްބަތްކޮށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ނިންމާފައިއެވެ. މީގެ އިތުރުން ނޭމާ ކޭޝް ކަޕް އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މުބާރާތުން މޮޅުވާ ފަރާތަކަށް ދޭން ކަނޑައަޅާފައިވަނީ މިކަމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ފުޓުބޯޅަ ބޫޓެކެވެ.


މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.