ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް ޕަރޕަލްލޭން

ހިންދު ޢަލީ 27 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިޔަފާރިތަކާއި ކަސްޓަމަރުންނާއި އޮންނަ ގުޅުމަކީ ވަރަށް ޚާއްސަގުޅުމެކެވެ. މިގުޅުން ގާތްވާ ވަރަކަށް ކަަސްޓަމަރުންނަށް ވިޔަފާރި ކޮށްގެން ލިބޭ ފައިދާތައް އިތުރުވެއެވެ. އަދި ވިޔަފާރި އިތުރަށް ފުޅާވެ ތަރައްޤީ ވެގެންދެއެވެ. ކަސްޓަމަރުންނަށް ވިޔަފާރިއަކުން ލިބޭ އިނާމުތަކާއި ފައިދާތައް އިތުރުވާ ވަރަކަށް އެވިޔަފާރިއަކަށް އޮންނަ ލޯތްބާއި ގުޅުން ބަދަހިވެ އެވިޔަފާރީގެ މުހިއްމު ހިއްސާއަކަށް ވެއެވެ. ވިޔަފާރިތަކާއި ކަސްޓަމަރުންނަށް އޮންނަ ގުޅުން އެންމެ ރަގަޅަށް ބަލަހައްޓާ އެއްދާއިރާއަކީ އެއަރލައިން އިންޑަސްޓްރީއެވެ. ގިނައިން ދަތުރު ކުރާ ފަރާތްތަކަށް އެއަރލައިންތަކުގެ ފްރީކުއެންޓް ފްލަޔަރ ޕްރޮގްރާމްތައް މެދުވެރިކޮށް އިތުރު ފައިދާތަކާއި އިނާމުތައް ފޯރުކޮށް ދެއެވެ. އަލަށް ދަތުރުކުރާ ކަސްޓަމަރަށް ވެސް ފްރީކުއެންޓް ފްލަޔަރ ޕްރޮގްރާމްގައި ބައިވެރިވެ އިތުރު އިނާމުތައް ހޯދުމުގެ ފުރުޞަތު އޮވެއެވެ. އެއަރލައިން އިންޑަސްޓްރީގެ މިމޮޑެލް މިހާތަނަށް އެހެން ވިޔަފާރިތަކުގައި ބޭނުން ކުރަން ފެށުން އޮތީ ދަތި ކަމަކަށް ވެފައެވެ. އެއީ މިފަދަ ޚިދުމަތް ދޭނެ އެއް ޕްލެޓްފޯމެއް ނެތުމުގެ ސަބަބުން ކަމަށް ވިޔަފާރިތަކުން ބުނެއެވެ.

ދިވެހި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ، ދަ ވައިލެޓް ކޮންޕެނީން ވަނީ ވިޔަފާރިތަކަށް ދިމާވެފައިވާ މި ގޮންޖެހުން ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ. މިވަގުތު ރާއްޖޭގައި ޕައިލެޓް ކުރަމުންދާ ޕާރޕަލްލޭން އެޕަކީ ރާއްޖޭގެ ފުރަތަމަ ކަސްޓަމަރ ރިވޯޑް ޕްލެޓްފޯމެވެ. މިޕްލެޓްފޯރމް މެދުވެރިކޮށް ކޮންމެ ވިޔަފާރިއަކަށް ވެސް އެވިޔަފާރީގެ އަމިއްލަ ކަސްޓަމަރ ރިވޯޑް ޕްރޮގްރާމް ފެށިދާނެއެވެ. ވައިލެޓް ކޮންޕެނީން މައުލޫމާތު ދިންގޮތުގައި ޕާރޕަލްލޭން ގެ އެންމެ ޚާއްސަ އަދި ތަފާތު ކަމަކީ މިއެޕްލިކޭޝަން އިން އަލަށް ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރިތަކުގެ ރެގިއުލަރ ކަސްޓަމަރުން ތަފާތު ނުކުރާކަމެވެ. ކޮންމެ ކަސްޓަމަރެއްވެސް ވިޔަފާރީގެ ރިވޯޑް ޕްރޮގްރާމުގައި ބައިވެރިކޮށް، ލޯޔަލް ކަސްޓަމަރަކަށް ބަދަލުކޮށް ލެވިދާނެއެވެ.

ޕާރޕަލްލޭން އެޕު މެދުވެރިކޮށް ދެގޮތަކަށް ކަސްޓަމަރުންނަށް ރިވޯޑު ޕްރޮގްރާމެއް ފެށިދާނެ ކަމަށް ވައިލެޓް ކޮންޕެނީން މައުލޫމާތު ދެއެވެ. އެއީ ކަސްޓަމަރުން ވިޔަފާރި ކުރާވަރަކަށް ޕޮއިންޓް ލިބޭ ޕްރޮގްރާމެއް ނުވަތަ ކަސްޓަމަރުން ވިޔަފާރި ކުރާ ނިސްބަތުން އިތުރު ފައިދާ ދެވޭނެ ރިވޯޑް ޕްރޮގްރާމެކެވެ. މިދިޔަ ޖެނުއަރީ 6 އިން ފަށައިގެން ސޮފްޓް ލޯންޗް ކޮށްފައިވާ މިޕްލެޓްފޯމުގައި މިހާތަނަށް ރާއްޖޭގެ 6 ވިޔަފާރިއަކުން ބައިވެރިވެފައިވާކަމަށް އެކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ. އެ ވިޔަފާރިތަކަކީ ފެމިލީ ރޫމް ކެފޭ، ކޮފީލިޒަމް ކެފޭ، ދަ ކޮފީ ޝްރަބް، މަމަކް، ދަ ގްރޫވް ކެފޭ އަދި މޯޑަސް އޮޕަރެންޑިއެވެ. މީގެ އިތުރުންވެސް ބޮޑެތި އިތުރު ވިޔަފާރިތަކުން މިޕްލެޓްފޯމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަަން އެކުންފުނިން ފާހަގަ ކުރެއެވެ.

މިހާރު އެންޑްރޮއިޑް އަދި އެޕަލް އެޕްސްޓޯގައި ލޯންޗްކޮށްފައިވާ ޕާރޕަލްލޭން އެޕުން ކަސްޓަމަރުންނަށް އެމީހުން ބައިވެރިވެފައި ތިބި ރިވޯޑް ޕްރޮގްރާމްތައް ފަސޭހައިން ބަލާލެވޭނެއެވެ. މިގޮތުން ޑިޖަޓަލް ރިވޯޑު ކާޑުގައި ހުރި ޕޮއިންޓާއި، ލިބޭ ފައިދާގެ މައުލޫމާތާއި އަދި ލިބިފައި ހުރި ޕޮއިންޓް އެހެން ރައްޓެހިންނަށް ޓްރާންސްފަރވެސް ކުރެވެއެވެ. އަދި އެކި ވިޔަފާރިތަކުން ފަށާފައި ހުރި ޕްރޯމަޝަންތައް ވެސް ބަލާލެވޭނެއެވެ.

ވައިލެޓް ކުންފުނިން މައުލޫމާތު ދޭގޮތުގައި މިއެޕްލިކޭޝަން އިން ވިޔަފާރި ކުރުމުގެ ވައްޓަފާޅި ގޭމިފައި ކޮށް އިތުރަށް ސޯޝަލް ފީޗަރސް ގެނައުމަކީ އެކުންފުނީގެ އަމާޒެވެ. މިގޮތުން މިހާރުވެސް ވިޔަފާރިތަކަށް ޗެކިންކޮށް ވިޔަފާރީގެ އެންމެ ލޯޔަލް ކަސްޓަމަރަށް ވެވޭނެއެވެ. މިއީ މީގެ ކުރިންވެސް ފޯސްކޮއަރ ފަދަ އެޕްތަކުގައި މަޤްބޫލުކަން ހޯދި މޭޔަރ ފީޗަރއެވެ. އެކުންފުނިން މައުލޫމާތު ދޭ ގޮތުން ކުރިއަށް އޮތް މަސްތަކުގައި ކަސްޓަމަރުންނަށް އިތުރު އިނާމާއި ފައިދާ ލިބޭނެ ފީޗަރތައް ތައާރަފު ކުރުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރިއަށް ދެއެވެ. މިގޮތުން ކަސްޓަމަރުންގެ އުފަންދުވަހާއި ގުޅުވައިގެން އިނާމު ދިނުމާއި ވިޔަފާރީގެ މޭޔަރަށް އިތުރު ފައިދާތައް ދިނުން ފަދަ ފީޗަރސްތައް ހިމެނެއެވެ.


ޕާރޕަލްލޭން އެޕު ސޮފްޓް ލޯންޗް ކުރިތާ 3 މަސް ދުވަސް ވެފައިވާއިރު 600 ކަސްޓަމަރުން މިހާރު މިއެޕު ބޭނުން ކުރެއެވެ. އަދި މިކަސްޓަމަރުން މިއެޕްލިކޭޝަންގައި ބައިވެރިވެފައިވާ 6 ވިޔަފާރިއަށް 4000 އަށް ވުރެ ގިނަ ފަހަރު ޒިއާރަތްކޮށް ވިޔަފާރިކޮށްފައިވެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.