ޓެކްނޮލޮޖީ ދުނިޔޭގައި އެންމެ ކުރީގައި އޮތް އެއް ކުންފުނިކަމުގައިވާ ކޮރެއާގެ ސެމްސަންގް އިން ގެލެކްސީ ބުކް ސީރީޒްގެ އައު ލެޕްޓޮޕްތަކެއް ތައާރަފްކޮށްފިއެވެ. މިފަހަރު ބާޒަރަށް ނެރެފައި މިވަނީ ގެލެކްސީ ބުކް ޕްރޯ އާއި ގެލެކްސީ ބުކް ޕްރޯ 360 އެވެ. މިއީ ވަރަށްވެސް ތުނި އަދި ލުއި ލެޕްޓޮޕެތަކެކެވެ .
ގެލެކްސީ ބުކް ޕްރޯ 360ގައި 1 ކިލޯ ހުރިއިރު ޕްރޯގައި ހުރީ އެންމެ 870 ގްރާމެވެ. ގެލެކްސީ ބުކް ޕްރޯގެ ބޯމިނަކީ އެންމެ 11.2 އެމްއެމް އަދި ޕްރޯ 360ގެ ބޯމިނަކީ އެންމެ 11.5 އެމްއެމް އެވެ. މިލެޕްޓޮޕްތައް މިހާ ތުނިކޮށްހުރިކަމުގައި ވީނަމަވެސް ލެޕްޓޮޕް އުފައްދަން ބޭނުންކޮށްފައިވަނީ ޖައްވީ އުޅަނދުތަކުގައިވެސް ބޭނުންކުރާ އިތުބާރު ހިފޭ 6000 ސީރީސްގެ މިލިޓަރީގްރޭޑް އެލުމިނިއަމެވެ. ގެލެކްސީ ބުކް ޕްރޯ އަކީ ޓަޗް ސްކްރީން ޓެބްލެޓެއް ގޮަތަށް ބޭނުންކުރެވޭނެހެން ފަތްޖަހާލެވޭ ލެޕްޓޮޕެކެވެ. މިދެލެޕްޓޮޕްވެސް ދެސައިޒްއަކުން ލިބެންހުންނާނެއެވެ. އެއީ 13 އިންޗި އާއި 15 އިންޗި އެވެ.
މިލެޕްޓޮޕް ތަކުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ބަޔަކީ އޭގެ ޑިސްޕްލޭ/ސްކްރީނެވެ. މިއީ ސެމްސަންގ ސްމާރޓްފޯނުތަކުގައި ގިނަބައެއްގެ މަޤުބޫލުކަން ހޯދައިފައިވާ އެމޯލެޑް ސްކްރީން ސެމްސަން ލެޕްޓޮޕްތަކުގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ގެލެކްސީ ބުކް ޕްރޯގައި ފުލް އެޗްޑީ އެމޯލެޑް ސްކްރީނެެއް ހުރިއިރު ޕްރޯ 360 ގައި ހުރީ ފުލް އެޗްޑީ ސުޕަރ އެމޯލެޑް ޓަޗް ސްރީނެކެވެ. އެމޯލެޑް ޑިސްޕްލޭ އެހެން ޑިސްޕްލޭތަކަށް ވުރެ ކުލަ ގަދަވެފަ ބަލާލަން އެހާޗާލެވެ. އަދި އަވިގަދަ ތަންތަނުގައި ބޭނުންކުރާއިރު އެހެން ލެޕްޓޮޕްތަކާއި ޚިލާފަށް ރީއްޗަށް ސާފުކޮށް ފެންނާނެއެވެ. މިޑިސްޕްލޭ ތަކުގައި ބޭނުންކޮށްފައި ހުންނަ އިންޓެލިޖެންޓް ކަލަރ އިންޖީނުގެ އެހީގައި ލެޕްޓޮޕް ބޭނުންކުރެވޭ ކަމަކަށް ބަލައި ކުލަ އެޖަސްޓް ކުރެއެވެ. އެގޮތުން ފިލްމެއް ބަލާކަމުގައިވާނަމަ ކުލަ ގަދަ ވާނައެވެ. އެހެންނަމަވެސް ފޮޓޯ އެޑިޓިން ކަހަލަ މަސައްކަތެއް ކުރާއިރު ސްކްރީން ގެ ކުލަތައް އަސްލާއި އެއްގޮތްވާނެވެ.
މިލެޕްޓޮޕްތަކުގެ އޯޑިއޯ ކޮލިޓީވެސް އެހާރަނގަޅެވެ. ޑޯލްބީ އެޓްމޮސް ސްޕީކަރު ބޭނުންކޮށްފައި ހުރި އިރު އޯޑިއޯ އިންޖިނިއަރިންގ ހަަދާފައިވަނީ އޭކޭޖީ އިންނެވެ. ދެލެޕްޓޮޕްގައިވެސް ޕަވަރ ބަޓަންގައި ފިންގަރޕްރިންޓްސްކޭނަރެއް ހަރުކުރެވިފައިވެއެވެ.
ލެޕްޓޮޕްތަކުގެ ސްޕެކްސް އަށް ބަލާލާއިރު ބޭނުންކޮށްފައި ހުރީ އެންމެ ފަހުގެ އިންޓެލް އައި 5 އަދި އަައި 7ގެ ޕްރޮސެސަރެވެ. ދެލެޕްޓޮޕްގައިވެސް ބޭނުންކޮށްފައި ހުރީ އިންޓެލް އައިރިސް ޒީ ގްރެފިކްސްއެވެ. މަދުވެގެ 8ޖީބީ ގެ ރެމެއް އިންނައިރު 16ޖީބީ އާހަމައަށް އަޕްގްރޭޑްކޮށްލެވޭނެއެވެ. އެސްއެސްޑީ ސްޓޯރޭޖް 1 ޓީބީ އާހަމަށް ލިބެންހުރެއެވެ. ހިމަނާފައިވާ ޕޯޓްތަކަކީ، ތަންޑަރބޯލްޓް 4، ޔޫއެސްބީ ޓައިޕް ސީ، ޔޫއެސްބީ އޭ، މައިކްރޯ އެސްޑީ ސްލޮޓް އަދި އެޗްޑީއެމްއައި އެވެ. ގެލެކްސީ ބުކް ޕްރޯ 360 ގައި ޓަޗް ސްކްރީނެއްގެ އިތުރުން އެސް ޕެން ސްޓައިލަސް އެއް ލިބެއެވެ. މިފަހަރުގެ އެސް ޕެން ސައިޒުން ބޮޑުވެފައި ހިފައިގެންގުޅެން ފަސޭހަވާނެއެވެ. 5ޖީ ޑޭޓާ ލިބޭ ގެލެކްސީ ބުކް ޕްރޯ 360ގެ ވަރޝަންއެއްވެސް ބާޒާރަށް ނެރޭނެއެވެ. އަދި މިއީ ސެމްސަންގް ބްރޭންޑުގެ 5ޖީ ލިބޭ ފުރަތަމަ ލެޕްޓޮޕްވެސްމެއެވެ. މިލެޕްޓޮޕް ތަކުގެ ބެޓަރިވެސް ރަނގަޅުވާނެކަމަށާއި 17 ގަޑި އިރަށް ބޭނުންކުރެވޭނެ ކަމަށް ސެމްސަންްގް އިން ބުނެއެވެ. މިލެޕްޓޮޕްތަކުގެ ހުންނަ ކީބޯޑުތަކަކީ ޓައިޕްކުރަން ފަސޭހަ އަދި އެހާމެ ޖާގަ ތަނަވަސް ކީބޯޑުތަކެކެެވެ.
މިލެޕްޓޮޕްތައް ސެމްސަންގް ގެ އެހެން ޑިވައިސްތަކާއި ގުޅާލަން ވަރަށް ފަސޭހަވާނެއެވެ. އެގޮތުން ގެލެކްސީ ބަޑް ވަޔަލެސް ހެޑްސެޓް ލެޕްޓޮޕާއި ވަގުތުން އެއްވެސް ސެޓިން އެއް ހަދަންނުޖެހި ގުޅާލެވޭނެއެވެ. ސެމްސަންގ ޓެބްލެޓް ދެވަނަ ސްކްރީނެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. އަދި ލިންކް ޓު ވިންޑޯސް އެޕްގެ އެހީގައި ސެމްސަން ފޯނުގައި ހުންނަ އެޕް ލެޕްޓޮޕުން ކުޅެވޭގޮތް ހަދާލެވޭނެއެވެ. މީގެ އިތުރުން ފޯނަށް އަންނަ ކޯލްތައް ނެގުމާއި މެސެޖަށް ރިޕްލައިކުރުމުގެ އިތުރުން ފޯނުގެ ހުންނަ ނޮޓިފިކޭޝަންތައްވެސް ލެޕްޓޮޕްއިން ބަލާލެވޭނެއެވެ.
މިހާރު މިލެޕްޓޮޕްތައް ޕްރިއޯރޑަރ ކޮށްލެވޭއިރު ޝިޕްކުރަން ފަށާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުކަމަށް ސެމްސަންގް އިން ހާމަކުރެއެވެ. ގެލެކްސީ ބުކް ޕްރޯގެ ބޭސް މޮޑެލްގެ އަގަކީ 999.99 ޑޮލަރެވެ. އަދި ޕްރޯ 360 ފެށޭ އަގަކީ 1199.99 ޑޮލަރެވެ. ގެލެކްސީ ބުކް ޕްރޯ ނޫ ރިހި އަދި ރަންކުލައިން ލިބެން ހުންނާނައެވެ. ގެލެކްސީ ބުކް ޕްރޯ 360 ލިބެން ހުންނާނީ ނޫ އަދި ބްރޮންޒް ކުލައިންނެވެ.
ޓެކްނޮލޮޖީގެ ފޭންއެއް