ރ. ހުޅުދުއްފާރުގެ ފާރު.އެމްވީ

ހިންދު ޢަލީ 02 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރ. ހުޅުދުއްފާރަށް ނިސްބަތްވާ، ފާރު.އެމްވީ ވެބްސައިޓް 1 މެއި 2021 ގައި އިފްތިތާޙް ކޮށްފިއެވެ. މި ސައިޓްގައި ލުއި ޚަބަރާއި މަޢުލޫމާތާއި، ވާހަކަ އަދި ފީޗަަރ އާއި އިންޓަވިއު ފަދަ އެކި އެކި ވައްތަރުގެ ލިޔުންތައް ހިމެނިގެން ދާނެކަމަށް ފާރު.އެމްވީގެ އެޑިޓަރ ޙާތިމް ޔޫސުފް ވިދާޅުވިއެވެ.

މިވެބްސައިޓް އުފެއްދުމުގެ ޚިޔާލަކީ ހުޅުދުއްފާރަށް ނިސްބަތްވާ ލިޔުންތެރިންތަކެއްގެ ޚިޔާލެކެވެ. މިއީ ވަރަށް ގިނަ ދުވަސްވީ އުންމީދެކެވެ. ރަށަށް ނިސްބަތްވާ ޚަބަރާއި މަޢުލޫމާތުގެ އިތުރުން ގައުމީ އޯޑިއެންސަކަށް ވެސް ޝައުގުވެރިވާ ފަދަ ލިޔުންތައް މި ވެބްސައިޓްގައި ހިމެނޭނެ ކަމަށް އެޑިޓަރު މަޢުލޫމާތު ދެއްވިއެވެ.

ވެބްސައިޓް ޑިވެލޮޕްކުރުމުގައި ހަރަކާތްތެރިވީ ހަމަ ހުޅުދުއްފާރަށް ނިސްވަތްވާ ސޮފްޓްވެއަރ ޑިވެލޮޕަރުން ކަމަށްވާ ސުނިލް އާއި ޙުސައިން އަފީފެވެ. ވެބްސައިޓްގެ ފްރޮންޓްއެންޑް ޑިޒައިނިންގެ މަސައްކަތް ކުރެއްވީ ސުނިލްއެވެ. މި ޑިޒައިންގެ މައްޗަށް ޑިވެލޮޕްމަންޓްގެ އެހެން މަސައްކަތް ކުރެއްވީ ޢަފީފެވެ. ޢަފީފަކީ ރާއްޖޭގެ މަޝްހޫރު ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކުންފުނި ޖަވާބު ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތްކުރާ ޑިވެލޮޕަރެކެވެ. ފާރު.އެމްވީ އުފެއްދުމުގައި ޖަވާބުގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބުނުކަމަށް ޢަފީފު ފާހަގަކުރެއްވިއެވެ.

އަފީފު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓް ނިންމާލުމަށް ހެކަތަން އުސޫލުން މަސައްކަތްކޮށް އެއް ދުވަސްތެރޭގައި 70-80 އިންސައްތަ ފުރިހަމަ ކޮށްލެވުނެވެ. ޑިވެލޮޕްމަންޓްގެ ހުރިހާ ކަމެއް އެއްކޮށް ނިމާލުމަށް ހޭދަވީ މަހެއްހާ ދުވަހެއެވެ.

ފާރު.އެމްވީ އަށް އެނަން ދެވުނު ދެތިން ސަބަބެއް ވާކަމަށް އެ ނޫހުގެ އެޑިޓަރ ވިދާޅުވެއެވެ. ހުޅުދުއްފާރަށް ނިސްބަތްވާ ނޫހަކަށްވާތީ ރަށުގެ ނަމުގައިވާ "ފާރު" ގެނެވުމުން ރަށުގެ އައިޑެންޓިޓީ ހިމެނުނީތާއެވެ. އެހެން ނަމަވެސް މި ވެބްސައިޓްގެ ކިޔުންތެރިން އަދި ލިޔުންތެރިން ރަށަށް ލިމިޓްކުރެވިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މަދަރުސީ ދައުރުގައި ހަދާ އުޅުނު ފާރު ނޫސް ފަދަ އޮންލައިން މަންސައަކަށް ވުމުން ވެސް އެނަމުން ނަންދެވުނީއެވެ. ރަށްފުށުގައި ކުރިން ފެންނަ ހުދު ފާރުތަކުގައި ގޮބޮޅިން ލިޔެ ޝުއޫރު ފާޅުކޮށްފައި ހުންނަ ފަދައިން މިއީވެސް ރަށުގެ ރައްޔިތުންގެ ޝުޢޫރުތައް ގެނެސްދެވޭނެ ޕްލެޓްފޯމަކަށް ވުމާއެކު މިނަން މިއީ އެންމެ އެކަށީގެންވާ ނަންކަމަށް ހަމަޖެހުނީއެވެ.

މި ވެބްސައިޓް ހަގީގަތަކަށް ހެދުމަށް އިތުރު ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާރު.އެމްވީ އިން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޑިވެލޮޕަރުންގެ އިތުރުން އަތުފާނު އާއި ޤާއިމްގެ ނަން ފާހަގަކޮށްލިއެވެ. މާލީގޮތުން އެހީތެރިވި ހުޅުދުއްފާރު ލެންޓާން ޖަމިއްޔާގެ އެންމެހާ މެމްބަރުންނާއި، ލިޔުންތެރިންނާއި، ޚިޔާލާއި އެޑްވައިސް ދެއްވާ ތަޖުރިބާކާރުންގެ ނަން ޖުމްލަކޮށް ހިއްސާކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

މިހާތަނަށް ހުޅުދުއްފާރުގެ ރައްޔިތުންނާއި އެހެނިހެން ކިޔުންތެރިންގެ ތަރުހީބު ވަރަށް ރަނގަޅު ކަމަށާއި، ރަނގަޅު ޚިޔާލުތައް ލިބޭކަމަށް ޙާތިމް ފާހަގަ ކުރެއްވިއެވެ. އަދި މި ސްޓޭޖްގައި އިތުރު ކަންތައްތައް ދަސްކޮށް، ކިޔުންތެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ޚިޔާލާއި އެއްގޮތަށް ވެބްސައިޓް އިތުރަށް ރަނގަޅު ކުރަމުން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.