ފޭސްބުކް އިން އެކުންފުނީގެ ހިދުމަތްތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ފޯރުކޮށްދިނުމުގެ މަސައްކަތް 2019 އިން ފެށިގެންދަނީ ކުރަމުންނެވެ. ނަމަވެސް އެކުންފުނިން ވަރަށް ފަހުން ހާމަކޮށްފައިވާ ގޮތުގައި މި ފީޗާ އެކުންފުނީގެ ހިދުމަތްތަކަށް އަވަހަކަށް ނުލިބޭނެއެވެ.
އެގޮތުން ފޭސްބުކްގެ ސެކިއުރިޓީ ޕްލޭންތަކާއި ބެހޭ ބްލޮގް އެއްގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަން އެކުންފުނީގެ ހިދުމަތްތަކަށް އެންމެ އަވަހަށްވެސް ލިބޭވަރު ވާނީ 2022 ގައިއެވެ. މިކަން ހާމަކުރަމުން ފޭސްބުކް އިން ބުނެފައިވަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަންގެ މަސައްކަތަކީ ދިގު މުއްދަތުގެ ޕްރޮޖެކްޓެއް ކަމަށާއި އެކުންފުނިން ކުރިން އުންމީދު ކުރިގޮތަށް މިއަހަރު މެސެންޖާ އަދި އިންސްޓަގްރާމް ޑައިރެކްޓް އަށް މި ފަންކްޝަން ދެވެން ނެތްކަމަށެވެ.
މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވަނީ މިހާރުވެސް މި ހިދުމަތްތަކާއިއެކު ލިބިގެންދާ ސެކިއުރިޓީ ފީޗާތަކަކީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން އާއި އެއްކޮށް މަސައްކަތްކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ފީޗާތަކެއް ކަމަށެވެ. އަދި އެކުންފުނީގެ ހިދުމަތްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ އެކުންފުނީގެ އަމާޒެއް ކަމުގައިވެސް މި ބްލޮގްގައި ފޭސްބުކް އިންވަނީ ހާމަކޮށްފައިއެވެ.
މި ހަބަރަކީ ފޭސްބުކް އިން މެސެންޖާ އާއި އިންސްޓަގްރާމް ޑައިރެކްޓް އަދި ވަޓްސްއެޕް ގުޅުވާލުމަށް ނިންމާފައިވާ ނިންމުމާއިއެކު ކަންބޮޑުވުންތަކެއް ހުރި ހަބަރެކެވެ. ވަޓްސްއެޕް އަކީ މިހާރުވެސް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ފަންކްޝަން ލިބޭ އެޕްލިކޭޝަންއެކެވެ. އެހެންކަމުން މި އެޕްލިކޭޝަންގެ ސެކިއުރިޓީ ދަށްކުރުމުގެ ބަދަލުގައި ފޭސްބުކް އިން މި އެޕްލިކޭޝަންތައް އެއްކޮށްލުން މަޑުޖައްސާލާނެ ކަމަށް ބެލެވެއެވެ.
އެންޑް-ޓު-އެންޑް އެންކްރިޕްޝަން ފަންކްޝަން ފޭސްބުކްގެ ހިދުމަތްތަކަށް ލިބުން ލަސްވުމަކީ ބެލެވޭ ގޮތުގައި ޓެކްނިކަލް ކަމަކަށްވުރެ ސިޔާސީ ކަމެކެވެ. އެގޮތުން ގާނޫނާއި ހިލާފު މައުލޫމާތުތައް ހާމަނުކުރުމުގެ ސަބަބުން މިހާރުވެސް އެކުންފުންޏަށްވަނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވެފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި