ޑެލްޓާގެ މުވައްޒަފުންނަށް 19000 އައިފޯން 12އެސް ދެނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑެލްޓާ އެއާލައިންސް އާއި އެޕަލް އަދި އޭޓީ އެންޑް ޓީ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ އާލައިންގެ 19،000 ފްލައިޓް އެޓެންޑެންޓުންނަށް އައިފޯން 12އެސް ދިނުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ފެށީގެންދާނީ މިއަހަރުގެ ހޫނުމޫސުމުގައިއެވެ. ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިހާރު ޑެލްޓާގެ މުވައްޒަފުން ބޭނުންކުރަމުން ދަނީ ހޭންޑްހެލްޑް ސްކައިޕްރޯ ޑިވައިސްތަކެކެވެ.

މިއެއްބަސްވުމުގެ ސަބަބުން އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ ފްލައިޓް އެޓެންޑެންޓުންނަށް އައިފޯން 12އެސް މެދުވެރިކޮށް ފަސޭހަކަމާއިއެކު ފަސިންޖަރުންގެ ސުވާލުތަކަށް ޖަވާބު ދީ، އެމީހުންނަށް އެހީތެރިވެ އަދި ޗެކްއިން ކުރުމުގައި އެހީތެރިވެވޭނެއެވެ. މީގެ އިތުރުން މޯބައިލް ނެޓްވޯކް ކުންފުނި އޭޓީ އެންޑް ޓީ މިއެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން ޑެލްޓާގެ މުވައްޒަފުންނަށް މިފޯނުތައް ކޮންމެތާކުވެސް ބޭނުންކޮށްލެވޭނެއެވެ.

މި ޕްރޮގްރާމާއިއެކު ޑެލްޓާ ވެގެންދާނީ އޭޓީ އެންޑް ޓީ ގެ ނެޓްވޯކް މެދުވެރިކޮށް 5ޖީ ހިދުމަތް ލިބިގެންދާނެ ފުރަތަމަ އެއާލައިނަށެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ހަވާލުކުރެވޭ ފޯނުތަކުގައި އެކުންފުނީގެ ސްކައިޕްރޯ އެޕްލިކޭޝަން ހިމެނޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކްރޫއިންނަށް ތަމްރީނު އަދި ސެކިއުރިޓީ ވީޑިއޯތަކަށް ފަސޭހައިން އެކްސެސް ވެވޭނެއެވެ. މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް އޯގްމެންޓެޑް ރިއާލިޓީ ފީޗާތަކާއި ވީޑިއޯތައް ފެނާނެއެވެ.

އެގޮތުން އެންމެ ފާހަނގަކޮށްލެވޭ އެއް ފަންކްޝަން އަކީ މި ފޯނުގެ ކެމެރާ މެދުވެރިކޮށް ފްލައިޓުގައި ހުންނަ ތަކެތި ހުރި ތަން ދެނެގަނެވޭނެ ފަންކްޝަނެވެ. މި ފޯނުގެ ކެމެރާ ލައްޕާފައި ހުންނަ ދޮރުތައް އަދި ކަބަޑުތަކާއި ދިމާލަށް ދިއްކޮށްލުމުން އެތެރޭގައި ހުރި ތަކެތި ދެނެގަނެވޭނެއެވެ.

އެޕަލް ކުންފުނިން މީގެކުރިންވެސް ވަނީ މިފަދަ ޕްރޮގްރާމްތަކެއް ހިންގާފައިއެވެ. އެގޮތުން 2019 ވަނަ އަހަރު އެކުންފުނިންވަނީ ބްރިޓިޝް އެއާލައިންސްގެ 15،000 މުވައްޒަފުންނަށް އައިފޯން އެކްސްއާރު ދީފައިއެވެ. އަދި މީގެ އިތުރުން އެކުންފުނިން ވަނީ އެ އާލައިންގެ ކޮންމެ ފްލައިޓަކަށް އައިޕެޑެއްވެސް ދީފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.