2018 ވަނަ އަހަރުގައި ސައިންސުވެރިންނާއި ދިރާސާކުރާފަރާތްތަކުން ވަނީ ކޮމްޕިއުޓަރތަކުގައިހުރި ވަރަށް ނުރައްކާތެރި ހާރޑްވެއަރ ފްލޯއެއް (ހާރޑްވެއަރގެ ސެކިއުރިޓީގައިހުރި އުނިކަމެއް) ހޯދާފައެވެ. މިފްލޯގެ ސަބަބުން ހެކަރުންނަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހުރި އެތަކެއް ކޮމްޕިއުޓަރތަކާއި އެހެނިހެން ޑިވައިސްތަކަށް ހަމަލާދޭން މަގުފަހިވެއެވެ. މިފްލޯއަށް ދީފައިވާ ނަމަކީ "ސްޕެކްޓްރ"އެވެ. މިނަން ދީފައިވަނީ މިފްލޯ އަކީ ކޮމްޕިއުޓަރތަކުގެ ޕްރޮސެސަރތަކުގައި ސްޕީޑް އިތުރުކުރުމަށް ބޭނުންކުރާ ޓެކްނިކެއް ކަމަށްވާ "ސްޕެކިއުލޭޓިވް އެގްޒެކިއުޝަން" ގައި ހުރި ފްލޯއަކަށްވާތީއެވެ.
"ސްޕެކިއުލޭޓިވް އެގްޒެކިއުޝަން"ގައި ޕްރޮސެސަރަށް ލިބެންހުރި އިންސްޓްރަކްޝަންތައް (1 އަދި 0 އިން ލިޔެފައި ހުންނަ ކޯޑް) ލިބުމުގެ ކުރިން ލަފާކުރުމަށްފަހު މެމޮރީއިން ލަފާކުރެވުނު މަގުން އިންސްޓްރަކްޝް ފޮނުވުމަށް ތައްޔާރުކުރެއެވެ. ސްޕެކްޓަރ ހަމަލާއެއްގައި ޕްރޮސެސަރަށް ނުބައި މަގަކުން އިންސްޓްރަކްޝަން ފޮނުވުމަށްޓަކައި އޮޅުވާލައެވެ. ފަހުން ޕްރޮސެސަރ އެއިންސްޓްރަކްޝަންތައް ރަނގަޅުކޮށް ރަން ކުރިނަމަވެސް ނުބައިމަގުން ދާ ވަގުތު ހެކަރުންނަށް ސިއްރުމައުލޫތު ބަލާލެވެއެވެ.
ސްޕެކްޓަރ ފެނުނުފަހުން ދުނިޔޭގަ ތިބި އެންމެ ކުޅަދާނަ ކޮމްޕިއުޓަރ ސައެންސުވެރިންވަނީ ސޮފްޓްވެއަރ ޕެޗް އަދި ހާރޑްވެއަރ ދިފާއީ ނިޒާމްތައް ރަނގަޅުކުރުމުގައި މަސައްކަތްކޮށްފައެވެ. "ސްޕެކިއުލޭޓިވް އެގްޒެކިއުޝަން"ގައި ހުރި މައްސަލަތައްވަނީ ސްޕީޑަށް މާބޮޑު އަސަރެއްނުކުރާނޭހެން ހައްލުކޮށްފައެވެ. ނަމަވެސް މިހާރު މިއޮތީ ކުރިމަސައްކަތްތައް އަލުން ކުރަންޖެހިފައެވެ.
އެމެރިކާގެ ވާޖީނިއާ ޔުނިވަރސިޓީގެ (ކޮމްޕިއުޓަރ ސައެންސް އިންޖިނިއަރިންގ ސްކޫލުގެ) ރިސާޗަރުންގެ ޓީމަކުންވަނީ ސްޕެކްޓަރ ރަނގަޅުކުރަން އެޅިހުރިހާ ފިޔަވަޅެއް ފޫއަޅުވާލެވޭ ހަމަލާއެއް ހޯދާފައެވެ. މީގެ ސަބަބުން ފުރަތަމަ ސްޕެކްޓަރ ހޯދުނުއިރު ހުރި ނުރައްކާ މިހާރުވެސް އެތައް ބިލިއަން ކޮމްޕިއުޓަރާއި ޑިވައިސްތަކަށް އެބައޮތެވެ. މިޓީމުން ވަނީ މިހޯދުން ޕްރޮސެސަރ އުފައްދާ ކުންފުނިތަކާއި ނިމުނު އެޕްރީލްމަހު ހިއްސާކޮށްފައެވެ. އަދި ޖޫން މަހު އޮންނަ ދުނިޔޭގެ ކޮމްޕިއުޓިންގް އާކިޓެކްޗަރ ކޮންފަރަންސްގައި ހުށަހަޅާނެއެވެ.
އަޝިޝް ވެންކަޓް ކިޔާ އެސިސްޓަންޓް ޕްރޮފެސަރެއް އިސްކޮށް ހުރި މިރިސާޗަރުންގެ ޓީމުންވަނީ "މައިކްރޯ އޮޕް ކޭޝް" އެކްސްޕްލޮއިޓް(އަސްލުބޭނުން ނުން އެހެންކަމަކަށް ބޭނުން ކުރުން) ކުރާނެގޮތް ހޯދާފައެވެ. "މައިކްރޯ އޮޕް ކޭޝް"އިން އާދައިގެ ކޮމާންޑްތައް ރައްކާކުރުމަށްފަހު ކޮމްޕިއުޓިންގް ސްޕީޑް އަވަސް ކުރެއެވެ. އަދި ޕްރޮސެސަރަށް މިކޮމާންޑްތައް އަވަހަށް ފޯރާގޮތް އަދި "ސްޕެކިއުލޭޓިވް އެގްޒެކިއުޝަން" ޕްރޮސެސްގެ ކުރީބައިގައި އެކޮމާންޑްތައް ހިމެނޭގޮތް ހަދައެވެ. 2011 އިން ފެށިގެން އިންޓެލް އިން އުފައްދާ ޕްރޮސެސަރ ތަކުގައި މައިކްރޯ އޮޕް ކޭޝް ވަނީ ހިމަނާފައެވެ.
މިޓީމުން ފާހަގަ ކުރާގޮތުގައި މައިކްރޯ އޮޕް ކޭޝް އިން ޕްރޮސެސަރ ކޮމާންޑްތައް ހޯދުމުން(ފެޗްކުރުމުން) ހެކަރުންނަށް މައުލޫމާތު "ވަގަށް" ނެގުމަށް މަގުފަހިވެއެވެ. ސްޕެކްޓަރގެ ދިފާއީ ނިޒާމުން ޕްރޮސެސަރ ރައްކާތެރިކުރަނީ ސްޕެކިއުލޭޓިވް އެގްޒެކިއުޝަންގެ ފަހުގެ މަަރުހަލާތަކުގައި ކަމުން ވެންކަޓްގެ ޓީމުން ހޯދި ހަމަލާއިން ދިފާއުވުމަށް ސްޕެކްޓަރގެ ދިފާއީ ނިޒާމަށް ކުރެވޭނެ އެއްވެސްކަމެއް ނޯވެއެވެ. މިހަމަލާއިން ދިފާއުވާނެގޮތެއް ހޯދުން ފަސޭހަނުވާނެކަމަށްވެއެވެ. މިޓީމުން ފާހަގަކުރާ ގޮތުގައި މިފްލޯ ހުއްޓުވުމަށްޓަކައި މައިކްރޯ އޮޕް ކޭޝް ބޭނުން ނުކުރެވޭނެގޮތް ހަދައިފިނަމަ ނުވަތަ ސްޕެކިއުލޭޓިވް އެގްޒެކިއުޝަން ހުއްޓުވޭގޮތް ހަދައިފިނަމަ ފަހުގެ ގިނަ އިންޓެލް އަދި އޭ.އެމް.ޑީ ޕްރޮސެސަރތަކުގެ ޕާފޯމެންސް ދަށްވާނެތީވެ މިއީ ކުރާނޭކަމެއް ކަމަށް ނުބެލެއެވެ. ވެންކަޓް ބުނި ގޮތުގައި މިމައްސަލަ ހައްލުކުރާނެގޮތެއް އަދި ނޭންގުނުކަމުގައި ވީނަމަވެސް މިއީ ދިރާސާކުރަން ރަނގަޅުކަމެއް ކަމަށާއި އެޓީމުން ހައްލެއް ހޯދުމަށްޓަކައި ދިރާސާކުރަން ފެއްޓުމާއިމެދު ވިސްނަމުން އަންނަަކަމަށެވެ. ވެންކަޓްގެ ޓީމުންވަނީ މިހާރުހޯދިފައިވާ ކަންކަން އިންޓެލް އަދި އޭ.އެމް.ޑީގެ ސެކިއުރިޓީ ޓީމްތަކާއި ހިއްސާކޮށްފައެވެ. ވެންކަޓްގެ އުންމީދަކީ ކޮމްޕިއުޓަރ ސައިންސުވެރިން ގުޅިގެން މަސައްކަތްކޮށް އަވަހަށް ހައްލެއް ހޯދުމެވެ.
ޓެކްނޮލޮޖީގެ ފޭންއެއް