އެޕަލްގެ 'އޭޓީޓީ' ޔޫޒާ ޕްރައިވެސީގެ އިންގިލާބަކަށް ވެދާނެބާ؟

ޓެކް އެޑިޓަރ 07 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް އާއި ޕްރައިވެސީ މިއީ ވަރަށް ވެސް ފަސޭހައިން ގުޅުވާލެވޭ ދެ މައުލޫއެވެ. މިގޮތުން އެޕަލްގެ އެކި އުފެއްދުންތައް ބޭނުން ކުރާ ފަރާތްތަށް އެންމެ ބޮޑަށް އެކުންފުނީގެ ތަކެތި ގަންނަނީ ވެސް ގިނަ ފަހަރަށް އެޕަލްގެ ޔޫޒާ ޕްރައިވެސީ އަދި ސެކިއުރިޓީގެ ވަރުގަދަ ކަމުންކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިފަހަރު ދައްކަން މިއުޅެނީ އެޕަލްގެ ޕްރައިވެސީ ފީޗާތަކުގެ ލިސްޓަށް އެކުންފުނިން އެންމެ ފަހުން އިތުރުކޮށްލި ބޮޅު, 'އާސްކް ޓު ޓްރެކް' ނުވަތަ ކުރުކޮށް ނަމަ އޭޓީޓީ އާއި ބެހޭ ގޮތުންނެވެ. އެޕަލްއިން ދާދިފަހުން 14.5 އަޕްޑޭޓާއި އެކު އައިފޯނުތަކަށް އަދި އައިޕެޑްތަކަށް ދޫކޮށްލި މި އޭޓީޓީ އަކީ ކޯޗެއް ހެއްޔެވެ؟ އަދި މި އޭޓީޓީއެއްގެ ސަބަބުން ފޭސްބުކް ކަހަލަ ބޮޑެތި ކުންފުނިތަކުން އެހާ ބޮޑާހަކަނީ ކީއްވެ ހެއްޔެވެ؟

ކުރުކޮށް ބުނާ ނަމަ އޭޓީޓީ އަކީ ކޮންމެ އައިފޯން ނުވަތަ އައިޕެޑް ބޭނުން ކުރާ މީހަކަށް ވެސް ދެވޭ ވަރަށް އާދައިގެ އިހްތިޔާރެކެވެ. އެޕެއް ހުޅުވާލާއިރު އަރާ ކުޑަ ޕޮޕްއަޕްއަކުން އޭޓީޓީ، އާއްމުންނަށް ދައްކާލަނީ ވަރަށް ކުރު ޕްރޮމްޓެކެވެ. އޭގައި އެޕްލިކޭޝަން އިން ފޯނުގެ ވެރިފަރާތާއި ގުޅޭ އެކި މައުލޫމާތު ޓްރެކްކޮށް، އިސްތިހާރު ކުރުން ފަދަ ބޭނުންތަކަށް ރައްކާ ކުރުމަށް ހުއްދަ ދޭން ބޭނުންތޯ ނުވަތަ ނޫން ތޯ އަހާލައެވެ. އަދި ފޯނުގެ ވެރިފަރާތުން ނިންމާ ނިންމުން ބޯލަނބަން ކުރަން އައިއޯއެސް އޮޕަރޭޓިން ސިސްޓަމުން އެޕްލިކޭޝަންއަށް ބާރު އަޅައެވެ.

އާއްމުގޮތެއްގައި މިފަދަ އެޕްތަކުން ފޯނު ބޭނުން ކުރާ މީހާގެ އުމުރު، އުޅޭ އެޑްރެސް، ކުރާ މަސައްކަތް، އާއްމުކޮށް ދަތުރު ކުރާ ތަންތަން، ވާހަކަ ދައްކާ މީހުން، މިކަހަލަ އެތަކެއް މައުލޫމާތެއް އެއްކޮަށް، އެ މައުލޫމާތުގެ އެހީގައި އޭނާއާއި ބެހޭ ޑިޖިޓަލް ޕްރޮފައިލްއެއް ތައްޔާރު ކުރެއެވެ. އަދި ޕްރޮފައިލްއަށް ބަލާ އޭނާއަށް އެންމެ ކަމުދާނެހެން ހީވާ ކަހަލަ އިސްތިހާރުތައް އޭނާގެ ފޯނަށް މި އެޕްތަކުން ފޮނުވަނެއެވެ. މިސާލަކަށް އަބަދު ފުޓްބޯޅަ ބަލާއުޅޭ، އެއަށް ލޯބި ކުރާ މީހަކަށް އިސްތިހާރުގެ ގޮތުގައި ބޫޓާއި ޖާޒީ ފެނުން އެއީ ވަރަށް ގާތް ކަމަކެވެ.

އޭޓީޓީ އާއި ފޭސްބުކްގެ މައްސަލަ ފެށެނީ މިހާ ހިސާބުންނެވެ. ފޯނު ބޭނުން ކުރާ ފަރާތުން އޭޓީޓީ ޕްރޮމްޓުގައި އޭނާގެ މައުލޫމާތު ޓްރެކް ކުރަން ބޭނުން ނުވާކަމަށް އިހްތިޔާރުކޮށްފި ނަމަ ފޭސްބުކް ކަހަލަ އެޕްލިކޭޝަންތަކަށް އޭނާގެ މައުލޫމާތު ބޭނުންކޮށް އިސްތިހާރު ކުރުމަށް ހުޅުވިފައި އޮތް މަގު ބަންދުވީ އެވެ. އެއާއެކު އެކުންފުނިން ކުރިން ދައްކަމުން އައި 'މޮމެންޓް ޕާފެކްޓް' އިސްތިހާރުތައް ދައްކާލުމަށް އެކުންފުންޏަށް އެތަކެއް ހުރަސްތަކެއްް ކުރިމަތިވެއެވެ. ކަންމިހެން އޮތުމާއިއެކު ފޭސްބުކް ކަހަލަ އެތަކަށް އެޕްއެއްގެ މައިގަނޑު އާމްދަނީ ލިބޭ ދޮރު ކަމުގައިވާ 'ޔޫޒާ ސްޕެސިފިކް އެޑްސް' ގެ ދޮރު ބަންދުވީ އެވެ. އެކުންފުނިތަކަށް އެތަކެއް މިލިއަނެއްގެ ގެއްލުމެކެވެ.

ޓްރެކިން އަކީ މުޅިން ގޯސް އާދައެއް ވެސް ނޫނެވެ. އެގޮތުން އެޕް ބޭނުން ކުރާ މީހުންގެ ޕްރައިވެސީ ނުގެއްލޭ ގޮތަށް ޓްރެކްކޮށް، އިތުރު ފީޗާތަކެއް އެޕްގައި ހިމަނާފައިވާ އެޕްތައް ވެސް ބާޒާރުގައި މަދެއް ނޫނެވެ. އެޕަލްއިން ވެސް މިކަހަލަ އެޕްތަކަށް ހިތްވަރުދެއެވެ. އެހެންކަމުން އޭޓީޓީ ސެޓިންސް މެދުވެރިކޮށް، ވަކި އެޕްތަކަކަށް ޓްރެކް ކުރުމުގެ ހުއްދަދީ، އަނެއްބައި އެޕްތަކަށް ޓްރެކިން ބްލޮކްކޮށްލެވެއެވެ. ނުވަތަ އެމީހަކު ބޭނުން ނަމަ ހުރިހާ އެޕްއެއްގެ ޓްރެކިން ވެސް އެންމެ ބަޓަނަކުން ހުއްޓުވާލެވެއެވެ.

އެޕަލް އަކީ ޓެކްނޮލޮޖީގެ ދުނިޔެއަށް އެތަކެއް އިންގިލާބެއް ގެނެސްފައިވާ ކުންފުންޏެކެވެ. އެޕަލްއިން މިފަހަރު މި ހިފީ ޕްރައިވެސީ ގެއްލޭ ގޮތަށް ޓްރެކް ކުރާކުރުން ހުއްޓުވުމަށެވެ. މިއީ މުހިންމު ބަދަލެކެވެ. އެތަކެއް ބަޔަކު ބަަލައިގަތް ބަދަލެކެވެ. ސުވާލަކީ ދެންތިބި ކުންފުނިތަކުން އެޕަލްގެ މި އިސްނެގުން ބަލައިގަނެ އެހެން އޮަޕަރޭޓިން ސިސްޓަމްތަކަށް ވެސް އޭޓީޓީ ކަހަލަ ފީޗާއެއް ތައާރަފް ކުރާނެ ބާއެވެ؟

ޓެކް އެޑިޓަރ

ޓެކް އެޑިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ ނޫސް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.