ޗައިނާގެ ރޮކެޓެއްގެ ބައިތަށް ދުނިޔެއަށް ވެއްޓެނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ ރޮކެޓެއްގެ ބައިތަށް ދުނިޔެއާއި ދިމާލަށް ދަތުރުކުރަމުން އެބަދެއެވެ. 10 ބުރީގެ އިމާރާތެއްހައި އުސް އަދި ސްކޫލު ބަހެއްހައި ބަރު މި ރޮކެޓުގެ ބައިތަށް މި ހަފްތާބަންދުގައި ދުނިޔެއަށް ވެއްޓޭނެއެވެ. އެހެން ނަމަވެސް މި ރޮކެޓްގެ ބައިތަށް ވެއްޓޭނެ ގަނޑިއެއް ނުވަތަ ވަގުތެއް އަދި ތަނެއް އެނގިފައިނެތެވެ.

އޭޕްރީލް މަހުގައި ޗައިނާ އިން ޖައްވަށް ފޮނުވާފައިވާ މި ރޮކެޓުގެ ބައިތަށް ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަންނާނެ ކަމަށް ބެލެވެނީ ހޮނިހިރު ނުވަތަ އާދީއްތަ ދުވަހުގެ ވަގުތެއްގައިއެވެ. މި 98 ފޫޓު ދިގު އަދި 20 ޓަނުގެ ރޮކެޓުގެ ބައިތަށް ޖައްވުގައި އެއްވެސް ކޮންޓްރޯލެއްނެތި ދަތުރުކުރަމުންދަނީ ގާތްގަނޑަކަށް ގަޑިއަކު 18،000 މޭލު ބާރުމިނުގައިއެވެ. މި ރޮކެޓަކީ ޗައިނާގެ އައު ޖައްވީ ސްޓޭޝަން ޖައްވަށް ގެންދިޔަ ރޮކެޓެވެ.

މިފަދަ ރޮކެޓުތަކާއި އޭގެ ބައިތަށް ދުނިޔޭގެ ސަތަހައަށް ވެއްޓުމަކީ އާންމުކަމެކެވެ. ނަމަވެސް މި ރޮކެޓުގެ ބައިތަށް ދަތުރުކުރަމުންދަނީ އެއްވެސް ކޮންޓްރޯލެއް ނެތިކަމަށް ވުމުން މި ރޮކެޓްގެ ބައިތަށް ވެއްޓޭނެ ތަނެއް ކަމާއިބެހޭ ފަރާތްތަކަށް ދެނެގަނެވިފައިނުވެއެވެ.

ސައިންޓިސްޓުން ބުނާގޮތުގައި މި ރޮކެޓުގެ ބައިތަށް ވެއްޓި ބަޔަކު މަރުވުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންނަމަވެސް ނިއު ޔޯކް، ލޮސް އެންޖެލިސް، މެޑްރިޑް، ރިއޯ ޑީ ޖެނީރޯ، އަބޫޖާ ނުވަތަ ބެއިޖިން އަށް މީގެ ބައިތަށް ވެއްޓި ބަޔަކު މަރުވުމުގެ ފުރުސަތުވެސް އެބައޮތެވެ. ނަމަވެސް ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މި ރޮކެޓުގެ ބައިތަށް ވެއްޓޭނެކަމަށް ބޮޑަށް ބެލެވެނީ ކަނޑަށް ނުވަތަ މީހުން ދިރިނޫޅޭ ހިސާބަކަށެވެ.

މި ރޮކެޓާއި ބެހޭގޮތުން ވާހަކަދައްކަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވަނީ މިއީ އާންމުކޮށް މިފަދަ ކަންކަން ހިނގާގޮތް ކަމަށެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މީގެ ސަބަބުން ބައެއްގެ ފުރާނައަށް ނުވަތަ އެހެންވެސް ގެއްލުމެއް ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.