މޮޓޮރޮއްލާ އިން ރިމޯޓް ވަޔަލެސް ޗާޖިން ތައާރަފްކުރަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މޮޓޮރޮއްލާ ކުންފުނީގެ ހުރިހާ އުފެއްދުމަކީ ކާމިޔާބު އުފެއްދުންތަކަކަށް ނުވިޔަސް އެކުންފުންޏަކީ މޯބައިލް ފޯނު އުފެއްދުމުގެ ދާއިރާގައި ތަފާތު އެކި އައު އީޖާދުތައް ތައާރަފްކުރާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ރިމޯޓް ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗާޖު ކުރެވޭ ފޯނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައިއެވެ. މިކަމަކީ އެކި ކުންފުނިތަކުން މީގެ ކުރިން ކުރަން މަސައްކަތްކޮށްފައިވާ ކަމަކަށްވިޔަސް މިމަސައްކަތަކީ މާބޮޑު ތަރުހީބެއް ލިބިފައިވާ މަސައްކަތެއްނޫނެވެ. އެހެންނަމަވެސް މޮޓޮރޮއްލާ އިން މިހާރު އަމާޒުހިފާފައި ހުރީ ރިމޯޓް ވަޔަލެސް ޗާޖިން ސްމާޓްފޯނު ތަކެއް އުފެއްދުމަށެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗާޖު ކުރެވޭ ފޯނެއް އުފެއްދުމަށް މޮޓޮރޮއްލާ އިން މަސައްކަތް ކުރަމުންދަނީ ގުރޫ ނަމަކަށް ކިޔާ ކުންފުންޏަކާއިއެކުއެވެ. އެގޮތުން ރިމޯޓް ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯނު ޗާޖު ކުރުމަށްޓަކައި މި ކުންފުނިން ވަނީ ޖެނެރޭޓާ ޔުނިޓަކާއި ފޯނުގައި ހަރުކުރާ ޗިޕެއް އުފައްދާފައިއެވެ. ގުރޫ އިން މިޓެކްނޮލޮޖީ މެދުވެރިކޮށް ފޯނު ޗާޖު ކުރުމަށް ބޭނުންކުރަނީ 5ޖީ ނެޓްވޯކްތަކުގައިވެސް ބޭނުންކުރާ މިލިމީޓާ ވޭވް ފްރިކުއެންސީއެވެ.

މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ޕަވާ ޖެނެރޭޓާ މެދުވެރިކޮށް 30 ފޫޓަށްވުރެ ދުރުނޫން ގިނަ ޑިވައިސްތަކަކަށް އެއްފަހަރާއި ޓްރާންސްމިޓް ކުރެވޭނެއެވެ. އެހެންކަމުން މި ޓެކްނޮލޮޖީ މެދުވެރިކޮށް ސްމާޓުފޯނުގެ އިތުރުން އިޔާބަޑްސް، ހެޑްފޯން، ސްމާޓުގަޑި އަދި ލެޕްޓޮޕް ފަދަ ޑިވައިސްތައް އެއްފަހަރާއި ޗާޖުކުރެވިދާނެއެވެ.

ރިމޯޓް ވަޔަލެސް ޗާޖިންގް މަސައްކަތްކުރަނީ ވައިފައި އާއި މެޝް ނެޓްވޯކިންގް އާއި ދާދި އެއްގޮތަށެވެ. އެގޮތުން ފޯނު ޗާޖުކުރުމަށްޓަކައި ޗާޖުކުރުމަށް ހާއްސަ އެއްޗެއްގެ މަތީގައި ފޯނު ބެހެއްޓުމުގެ ބަދަލުގައި ރިމޯޓް ވަޔަލެސް ޗާޖިން ބޭނުންކުރުމަށް ކުރަންޖެހޭނެކަމަކީ ޗާޖަރުގެ ކަނެކްޝަން ރޭންޖް ލިބޭހިސާބަކަށް ދިއުމެވެ.

ދުނިޔޭގެ ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކުން އެކުންފުނިތަކުގެ ފްލެގްޝިޕް ފޯނުތަކުގައި ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ ހިމަނަމުންދާ ދަނޑިވަޅެއްގައި ގުރޫ އާއިއެކު މޮޓޮރޮއްލާ އިން ހަދާފައިވާ އެއްބަސްވުން ކާމިޔާބު ވެއްޖެނަމަ އެކުންފުންޏަށް އަލުން ސްމާޓްފޯނު ވިޔަފާރީގައި ކުރިއެރުމުގެ ފުރުސަތު އެބައޮތެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.