ގޫގަލް ޕިކްސެލް 6 ގެ މައުލޫމާތު ލީކުކޮށްލައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ޕިކްސެލް 6 ގެ މައުލޫމާތުތަކެއް ލީކުކޮށްލައިފިއެވެ. އެގޮތުން މިމައުލޫމާތުތަކުން ހާމަވެގެން ގޮސްފައިވާ ގޮތުގައި މި ފޯނަކީ ގޫގަލް ޕިކްސެލް 5 ފޯނާއި އަޅާބަލާއިރު ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ފޯނެކެވެ. އެގޮތުން މި ފޯނުގެ ފަހަތުގައި ހަރުކުރެވިފައިވާ ކެމެރާތަކާއި ސެލްފީ ކެމެރާ ތަކަށް ގެނެވިފައިވާ ބަދަލުތަކަކީ ފާހަގަކޮށްލެވޭ ބަދަލުތަކެކެވެ. މީގެ އިތުރުން މި މައުލޫމާތުން ހާމަވެގެން ގޮސްފައިވާ ގޮތުގައި ގޫގަލް އިން ޕިކްސެލް 6 ޕްރޯ ނަމުގައި ޑިވައިސް އެއް ތައާރަފް ކުރާނެއެވެ. ބެލެވޭ ގޮތުގައި މިއީ ގޫގަލް ޕިކްސެލް 6 އެކްސްއެލް ގެ ބަދަލުގައި މި ޑިވައިސް އަށް ދީފައިވާ ނަމެކެވެ.

ލީކުވެފައިވާ މައުލޫމާތަށް ބިނާކޮށް ރެންޑާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ގޫގަލް އިން ޕިކްސެލް 6 ގެ ފަހަތުގައި ހިމަނާފައިވަނީ ބިއްލޫރި ކަވަރެކެވެ. މިއާއި ހިލާފަށް އެކުންފުނީގެ ޕިކްސެލް 5 ގައި ހިމަނާފައިވަނީ ދަނގަޑު ކަވަރެކެވެ. މީގެ އިތުރުން މި ފޮޓޯތަކުން ފެންނަ ގޮތުގައި ޕިކްސެލް 6 ޕްރޯގައި 3 ކެމެރާ ހިމެނޭނެއެވެ. ޕިކްސެލް 6 ގައި ހިމެނެނީ 2 ކެމެރާއެވެ.

މި ފޮޓޯތަކުން އިތުރަށް ފެންނަގޮތުގައި މި ފޯނުގެ ކެމެރާ ބްލޮކްގެ މަތީގައި ހުންނާނީ އޮރެންޖު ކުލައެވެ. އަދި ކެމެރާ ބްލޮކްގެ ތިރީގައި ހުންނާނީ ހުދު ކުލައެވެ. މީގެ އިތުރުން ޕިކްސެލް 6 ޕްރޯގައި ހުދު ކުލައިގެ ބަދަލުގައި ހުންނާނީ ޕީޗް ކުލައެވެ. ނަމަވެސް މިފޯނުގައިވެސް މަތީގައި ހުންނާނީ އޮރެންޖުކުލައެވެ. މި ފޮޓޯތަކުން އިތުރަށް ފެނިގެންދާގޮތުގައި މި ފޯނުގެ ސެލްފީ ކެމެރާ ހުންނާނީ ފޯނުގެ މަތީގައި މެދަށް ވާގޮތަށެވެ. މީގެ އިތުރުން ބެލެވޭ ގޮތުގައި މި ފޯނުގައި ހިމެނޭނީ އިން ސްކްރީން ފިންގާޕްރިންޓް ސެންސާއެކެވެ.

މިފަހަރު ލީކްވެފައިވާ މައުލޫމާތުގައި މި ފޯނުގެ އެއްވެސް ސްޕެކްސް އެއް އާންމުވެފައިނުވެއެވެ. އެހެންކަމުން މި ފޯނުގައި ހިމެނޭ ކެމެރާތަކުގެ މައުލޫމާތު އަދި ފޯނުގެ ސައިޒު ފަދަ މައުލޫމާތު އަދި އެނގޭކަށްނެތެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.