ކެޕްޗާ ގެ ސަބަބުން ދުވާލަކަށް 500 އަހަރު ބޭކާރުވެގެންދޭ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޮންލައިން ހިދުމަތްތަށް ބޭނުންކުރަނީ އިންސާނެއްކަން ކަށަވަރުކުރުމަށްޓަކައި ބޭނުންކުރާ ކެޕްޗާގެ ސަބަބުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 500 ވަރަކަށް އަހަރު ބޭކާރުވެގެންދެއެވެ. ކެޕްޗާ އަކީ އޮންލައިން ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްދޭ ވަސީލަތަކަށް ވިޔަސް ކެޕްޗާ ޗެލެންޖެއް ފުރިހަމަ ކުރުމަށް އާންމުގޮތެއްގައި ގާތްގަނޑަކަށް 32 ސިކުންތު ހޭދަވެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންޓަނެޓް ބޭނުންކުރާ 4.6 ބިލިއަން މީހުން ދިރިއުޅޭ އިރު އާންމުކޮށް އިންޓަނެޓް ބޭނުންކުރާ މީހަކަށް ކޮންމެ 10 ދުވަހަކު އެއް ކެޕްޗާ ފެނިގެންދާނެކަމަށް ބެލެވެއެވެ.

އެހެންކަމުން ކެޕްޗާ ޗެލެންޖުތަށް ފުރިހަމަ ކުރުމަށްޓަކައި އިންސާނިއްޔަތަށް ގާތްގަޑަކަށް 500 އަހަރު މިހާރުވާނީ ހޭދަކުރެވިފައިއެވެ. ކްލައުޑްފްލެއާ އިން ހާމަކޮށްފައިވާ މި މައުލޫމާތާއި އެއްކޮށް އެކުންފުނީގެ ވެބްސައިޓްގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ކެޕްޗާ ގެ ބަދަލުގައި ބޭނުންކުރާނެ އެހެން ވަސީލަތެއް އުފެއްދުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައިއެވެ. އެގޮތުން ކްލައުޑްފްލެއާ އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިކަމަށް ބޭނުންކުރާނީ މިހާރުވެސް މިކަމަށް ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށްވާ ޓްރަސްޓެޑް ޔޫއެސްބީ ކީޒްއެވެ.

ކެޕްޗާގެ ބަދަލުގައި އެކުންފުނިން ތައާރަފްކުރާ ކްރިޕްޓޯގްރެފިކް އެޓެސްޓޭޝަން އޮފް ޕާސަންހުޑް އަކީ ވެބް އޯތެންޓިކޭޝަން އެޓެސްޓޭޝަން އަށް ބަރޯސާވާ ޓެކްނޮލޮޖީއެކެވެ. އެގޮތުން ކްރިޕްޓޯގްރެފިކް އެޓެސްޓޭޝަން އޮފް ޕާސަންހުޑް މެދުވެރިކޮށް ރައްކާތެރިކުރެވިފައިވާ ވެބްސައިޓަކަށް ވަނުމުން ކްލައުޑް ފްލެއާގެ ސާވާތަކުން ޗެލެންޖެއް ފޮނުވާނެއެވެ. އަދި ވެބްސައިޓަށް ވަންނަ ފަރާތުން އޭނާ އަކީ އިންސާނެއްކަމަށް ބުނުމުން އެ ވެބެސައިޓް އިން ސެކިއުރިޓީ ޑިވައިސްއެއް މެދުވެރިކޮށް އެމީހަކީ އިންސާނެއްކަން ކަށަވަރުކޮށްދިނުމަށް އަންގާނެއެވެ. މިއާއިއެކު އެފަރާތުން ހާޑްވެއާ ސެކިއުރިޓީ ކީ ކޮމްޕިއިއުޓާ ނުވަތަ ފޯނަށް ގުޅާލުމުން ކްރިޕްޓޯގްރެފިކް އެޓެސްޓޭޝަން ކްލައުޑްފްލެއާއަށް ފޮނުވާލަދޭނެއެވެ. ކްރިޕްޓޯގްރެފިކް އެޓެސްޓޭޝަން އޮފް ޕާސަންހުޑް ނިންމާލުމަށް ބޭނުންވާނީ ގާތްގަނޑަކަށް މައުސްއެއްގެ 3 ކްލިކްއެވެ. އެހެންކަމުން މުޅި މި ޕްރޮސެސް ނިންމާލުމަށް ހޭދަވާނީ ގާތްގަނޑަކަށް 5 ވަރަކަށް ސިކުންތެވެ.

ކްލައުޑްފްލެއާ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތަކީ ތަހުލީލު މަރުހަލާގައި އޮތް މަސައްކަތަކަށްވުމުން މިވަގުތު މި ހިދުމަތް ހޯދުމަށް ބޭނުންކުރެވޭނީ މިހާރުވެސް އާންމުކޮށް ބޭނުންކުރާ ޔޫއެސްބީ ނުވަތަ އެންއެފްސީ ސެކިއުރީޓީ ކީޒް އެކަންޏެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.