މިމަހުގެ 18 ވަނަ ދުވަހު އޮތް ގޫގުލް އައި/އޯ ކީނޯޓްގައި ގޫގުލް އިންވަނީ ސެމްސަންގް އާއެއްކޮށް އައު ސްމާޓްވޮޗް އޯއެސް އެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާންކޮށްފައެވެ. މި ވޮޗް އޯއެސް އަކީ ގޫގުލްގެ ވެއަރ އޯއެސް އާއި ސެމްސަންގް ގެ ޓައިޒެން އޯސް އެއްކޮށްލައިގެން އުފައްދާ އެއްޗެކެވެ. އަދި މިއޯއެސްގައި އެޕްތައް ހުޅުވުން 30 އިންސައްތަ އަވަސްވެފައި ބެޓަރި ލައިފް ދިގުވާނެއެވެ.
މަޝްހޫރު ޓެކް ހަބަރު ލީކް ކުރާފަރާތެއް ކަމަށްވާ އައިސް ޔުނިވަރސް އިންވަނީ ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް 4 ގެ ބައެއް މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން އޯއެސް އަކީ ގޫގުލް އާއި ސެމްސަންގް ގުޅިގެން އުފައްދާ އޯއެސްއެވެ. އަދި އައު 5 ނެނޯމީޓަރުގެ ޕްރޮސެސަަރެއް ހިމެނޭނެކަމަށް ބުނެއެވެ. އަދި ގަޑީގެ ބޯޑަރު ކުޑަވެފައި ބޭނުންކޮށްފައި ހުރީ ފްލެޓް ބިއްލޫރިއެވެ. އަދި ގަޑީގެ ފްރޭމް ވަރަށް ފުރިހަމަ ކަމަށާއި ބޭނުންކޮށްފައި ހުރީ ޓައިޓޭނިއަމް އެލޯއި ކަމަށްވެއެވެ.
ގެލެކްސީ ވޮޗް ސީރީޒް 4ގައި 5 ނެނޯމީޓަރުގެ އައު ޕްރޮސެސަރެއް ހުރިވާހަކަ ހަގީގަތަކަށް ވެއްޖެނަމަ މިއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިހާރު މާކެޓުގައި ހުރި ސެމްސަން ސްމާޓް ވޮޗް ތަކުގައި ބޭނުންކޮށްފައި ހުރީ 10 ނެނޯމީޓަރުގެ ޕްރޮސެސަރެވެ. އެހެންކަމުން 5 ނެނޯމީޓަރަށް ބަދަލުވުމާއިއެކު ސްމާޓް ގަޑި ތަކުގައި އެންމެ ޝަކުވާބޮޑު އެއްމައްސަލަ ކަމަށްވާ ބެޓެރި ލައިފް އަށް ރަނގަޅު ބަދަލެއް އަންނާނެއެވެ.
އެޕަލްގެ ސްމާޓް ވޮޗްތަކާއި ޚިލާފަށް ވެއަރ އޯއެސް ބޭނުންކުރާ ސްމާޓްވޮޗްތައް ހުރިހާ ސްމާޓްފޯނަކާއި އެކު ބޭނުންކުރެވޭނެއެވެ. އެހެންކަމުން ސެމްސަންގްގެ އައު ސްމާޓްވޮޗްތައް އައިފޯން ބޭނުންކުރާ ފަރާތްތްކަށްވެސް ބޭނުން ކުރެވޭނެއެވެ.
ޓެކްނޮލޮޖީގެ ފޭންއެއް