މޮޒިއްލާ އިން އެކުންފުނީގެ ފަޔާފޮކްސް ބްރައުޒާގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ސައިޓް އައިސޮލޭޝަން ފީޗާއެއް ތައާރަފްކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ. ސައިޓް އައިސޮލޭޝަން އަކީ ސްޕެކްޓާ ފަދަ ސެކިއުރިޓީ ވަލްނަރަބިލިޓީޒް މެދުވެރިކޮށް ދެވޭ ސައިޑް ޗެނަލް ހަމަލާތައް ހުއްޓުވުމަށް ފަރުމާކުރެވިފައިވާ ފީޗާއެކެވެ. އަދި މީގެ އިތުރުން މި ފީޗާއާއިއެކު ކޮންމެ ވެބްސައިޓެއްވެސް އަމިއްލަ ވަކި ޕްރޮސެސްއަކަށް ބަދަލުވެގެންދާނެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި އައު ފީޗާ ގެ ސަބަބުން މި ބްރައުޒާ އިން ކޮންމެ ވެބްސައިޓެއްވެސް ލޯޑްވާނީ ވަކި އޮޕަރޭޓިން ސިސްޓަމް ޕްރޮސެސްއެއްގެ ގޮތުގައިއެވެ. މީގެ ސަބަބުން މިހާރު މި ބްރައުޒާގައި ހިމެނިފައިވާ ސެކިއުރިޓީ ފީޗާތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އިންޓަނެޓު ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި އެކި ވެބްސައިޓް ތަކުގެ މެމޮރީ ޕްރޮސެސް ވަކިކުރެވެން ޖެހެއެވެ. އެހެންކަމުން ސައިޓް އައިސޮލޭޝަން ފީޗާއާއިއެކު ފަޔާފޮކްސް ބޭނުންކުރާ ފަރާތްތަކަށް މި ރައްކާތެރިކަން ލިބިގެންދާނެއެވެ.
މިހާރު ފަޔާފޮކްސް ބޭނުންކުރާ ފަރާތްތަކުން އެ ބްރައުޒާ ހުޅުވާލުވާލުމާއިއެކު ޕްރިވިލެޖްޑް ޕޭރެންޓް ޕްރޮސެސް އެއް ފެށިގެންދާނެއެވެ. އެޔަށްފަހު ވެބް ކޮންޓެންޓް އަށް މި ޕްރޮސެސް އިތުރު 8 ޕްރޮސެސް ހުޅުވާލާނެއެވެ. މޮޒިއްލާގެ އައު ސެކިއުރިޓީ އަޕްޑޭޓް ފަރުމާކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި ވެބް ކޮންޓެންޓް ތަފާތު 8 ޕްރޮސެސް އަށް ބަހާލުމުން ސެކިއުރިޓީ ވަރުގަދަވާނެއެވެ. ނަމަވެސް އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި މީގެ ސަބަބުން އިތުބާރުކުރެވޭ ސައިޓަކާއި އިތުބާރު ނުކުރެވޭ ސައިޓެއް އެއް ޕްރޮސެސް އެއްގައި ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ.
އެއް ޕްރޮސެސް އެއްގައި ހިމެނޭ ހުރިހާ ވެބްސައިޓްތަކުން އެއް މެމޮރީ އެއް ހިއްސާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މި ޕްރޮސެސް ތެރޭގައި ހިމެނޭ އިތުބާރު ނުކުރެވޭ ސައިޓަށްވެސް މި ޕްރޮސެސްގައި ހިމެނޭ މެމޮރީގައި އެކުލެވޭ ކޮންޓެންޓަށް އެކްސެސްވުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ސައިޓް އައިސޮލޭޝަން ފީޗާ އާއިއެކު ކޮންމެ ވެބްސައިޓަކާއި އަދި ވެބްސައިޓް ތަކުގައި އެމްބެޑް ކުރެވިފައިވާ އެވެބްސައިޓް އިން ބޭރުތަކެތި ހުޅުވިގެންދާނީ ވަކި ޕްރޮސެސްއެއްގެ ގޮތުގައިއެވެ.
މި ފީޗާގެ ސަބަބުން ފަޔާފޮކްސްގެ ސެކިއުރިޓީ ކުރިއަށްވުރެ ވަރުގަދަ ވުމުގެ އިތުރަށް މި ބްރައުޒާ ކުރިއަށްވުރެ ފާސްޓް ވާނެއެވެ. މީގެ އިތުރުން ޓެބް އެއް ކްރޭޝް ވިޔަސް ފަޔާފޮކްސް އިން ހުޅުވާފައި ހުންނަ އެހެން ޓެބްތަކަށް އަސަރެއް ނުކުރާނެއެވެ. މި ފީޗާ މިހާރުވެސް ފަޔާފޮކްސްގެ ނައިޓްލީ އަދި ބީޓާ ބިލްޑްތަށް މެދުވެރިކޮށް ބޭނުންކޮށްލެވޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި