ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އޮންލައިންކޮށް ކިޔަވާދިނުމަށް ބަދަލު ކުރުމާއި ގުޅިގެން ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވުމަށް ދިރާގާއި އުރީދޫއިން މީގެ ކުރިން ވަނީ ހިލޭ މޯބައިލް ޑޭޓާ ފޯރުކޮށްދީފައެވެ. 2020ގެ މާރިޗުން ފެށިގެން މިއަހަރުގެ އެޕްރީލް މަހާއި ހަމައަށްވެސް މިގޮތަށް ދެ ކުންފުނިންވެސް ދިޔައީ ޑޭޓާ ފޯރުކޮށްދެމުންނެވެ.
ހިލޭ މޯބައިލް ޑޭޓާ ދޫކުރުމުގެ ޝަރުތު ހަމަވާ ކޮންމެ ދަރިވަރަކަށް މަހަކު 5 ޖީބީ އަދި ކޮންމެ ޓީޗަރަކަށް މަހަކު 10 ޖީބީ ދިނުމަށް ވަނީ ކަނޑައެޅިފައެވެ. އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރާ ފަރާތްތަކަށް އެއުސޫލުން ޑޭޓާ ދަނީ ފޯރުކޮށްދެވެމުންނެވެ.
ނަމަވެސް މިހަފްތާގައި ސްކޫލްތަކުން ބެލެނިވެރިންނަށް ފޮނުވާފައިވާ މެސެޖެއްގައިވާ ގޮތުން ދެން ހިލޭ ޑޭޓާ ދޫކުރެވޭނީ ދިރާގުގެ މޯބައިލް ނަންބަރުތަކަށް އެކަންޏެވެ. ސްކޫލްގެ މެސެޖުގައި ހަވާލާދީފައިވަނީ މެއި 21 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިޔުލަރއަކަށެވެ. އެއީ ދަރިވަރުންނަށް މޯބައިލް ޑޭޓާ ދޫކުރާ އުސޫލު ބަދަލުކޮށް އެކުލަވާލާފައިވާ ސަރކިޔުލަރއެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީއިން ބުނާގޮތުގައި މިގޮތަށް ހިލޭ ޑޭޓާ ދިނުމަކީ ދެކުންފުންޏަށްވެސް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މިގޮތަށް ކުރިއަށް ގެންދިޔުމާމެދު މިނިސްޓްރީއާއި ކުންފުނިތަކާއި މެދު މަޝްވަރާކުރެވުނެވެ. މަޝްވަރާއަށް ފަހު އެޑިޔުކޭޝަން މިނިސްޓްރީ އާއި ދިރާގާއި ދެމެދުވަނީ އެއްބަސްވުމެއް ގާއިމުކުރެވި، ދިރާގުން ވަނީ ޑޭޓާ ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. ދިރާގު ނަންބަރުތަކަށް އެކަނި މިޚިދުމަތް ދޭން ނިންމި ނިންމުމުގެ އިތުރު އެއްވެސް ތަފްސީލެއް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަ ކޮށްފައެއް ނުވެއެވެ.
ހިލޭ ޑޭޓާ ލިބޭނީ ހަމައެކަނި ދިރާގުގެ ނަންބަރު ތަކަށް ކަމަށް ބުނެފައިވާތީ ވަރަށް ގިނަ ބެލެނިވެރިން ދަނީ ސްކޫލްތަކަށް ޝަކުވާ ހުށަހަޅަމުންނެވެ. މިސަރކިޔުލަރ ލިބުމުން އުރީދޫ ނަންބަރު ގެންގުޅޭ ބެލެނިވެރިން ދަނީ ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ. ބައެއް ބެލެނިވެރިން ހިއްސާކުރިގޮތުގައި މިއީ ވެވޭ ބޭއިންސާފެކެވެ. އެއީ އުރީދޫ ނަންބަރު ގެންގުޅޭ ފަރާތްތަކުގެ ކުދިން އޮންލައިން ކްލާހަށް ވަނުމަށް އަމިއްލަ ޚަރަދުގައި ޑޭޓާ ހޯދަން ޖެހުން އެއީ ބޮޑު ތަކުލީފަކަށް ވާނެތީއެވެ.
މިދުވަސްކޮޅު ހަލުވިކަމާއެކު އަތޮޅުތަކުގައިވެސް ކޮވިޑް ފެތުރެމުންދާތީ 70 އަށް ވުރެ ގިނަ ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެރަށްތަކުގައި ކިޔަވައިދެމުން ގެންދަނީ އޮންލައިންކޮށެވެ. އެހެން ކަމުން މިދުވަސްވަރާ ދިމާކޮށް މިބަދަލު ގެނައުމުން ގިނަ ފަރާތްތަކަށް ދަތިވާނެކަން ޔަގީނެވެ.
ދަރިވަރުންގެ އޮންލައިން އެޑިއުކޭޝަން އަށް މަގުފަހި ކުރުމަށް ޔުނިސެފް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އެޕްރިލް މަހުގެ ތެރޭގައި ވަނީ 1500 މައިފައި ޑިވައިސް މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ހަދިޔާވެސް ކޮށްފައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް